ނެޓްފްލިކްސް ގެނެސްދޭ "ދަ ފެބިއުލަސް ލައިވްސް އޮފް ބޮލީވުޑް ވައިވްސް" ތިން ވަނަ ސީޒަންގައި ބޮލީވުޑްގެ މަޝްހޫރު އެކްޓަރު ރަންރީބް ކަޕޫރްގެ ދައްތަ ރިދިމާ ކަޕޫރް ފެނިގެންދާނެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.
މީޑިއާ ރިޕޯޓްތައް ބުނާ ގޮތުގައި އެކްޓަރު ރިޝީ ކަޕޫރާއި ބަތަލާ ނީތޫ ސިންގުގެ އަންހެން ދަރިފުޅު ރިދިމާ އާއެކު މިފަހަރުގެ ސީޒަންގައި އިންޑިއަން އާޓް ޑިޒައިނަރު ޝާލިނީ ޕައްސީ އަދި ލަގްޒަރީ ސިލްވަވެއާ ރެޒޮންގެ ވެރިޔާ ކަލްޔާނީ ޗާވްލާ ވެސް ފެނިގެންދާނެ އެވެ. މި ދެ ފަރާތަކީ ވެސް ބޮލީވުޑްގެ ފިލްމީ ތަރިންނާ ވަރަށް ގާތް ގުޅުމެއް އޮންނަ ފަރާތްތަކެކެވެ.
މިފަހަރުގެ ސީޒަންގެ އަމާޒަކީ މުމްބާއީއަށް ފަހު އިންޑިއާގެ ވެރިކަން ކުރާ ނިއު ދިއްލީގައި ދިރިއުޅޭ ބޮލީވުޑްހެ ނުފޫޒުގަދަ ފަރާތްތަކުގެ ދިރިއުޅުން ދައްކުވައިދިނުމެވެ.
ރިދިމާ ކައިވެންޏަށް ފަހު ދިރިއުޅެމުން އަންނަނީ ފިރިމީހާއާ އެކު ނިއު ދިއްލީގަ އެވެ. ގަހަނާ ޑިޒައިންކޮށް ކާމިޔާބުކަމާ އެކު ވިއްކުމުގެ އަމިއްލަ ވިޔަފާރިއެއް އޮތް ރިދިމާއަކީ އެއްވެސް އިރެއްގައި ފިލްމީ ދާއިރާގައި މަސައްކަތް ކުރަން ބޭނުންވި ފަރާތެއް ނޫނެވެ.
ކަރަން ޖޯހަރުގެ ދަރްމެޓިކް އެންޓަޓެއިންމެންޓުން ނެޓްފްލިކްސްއަށް އުފައްދާ މިސީރީސް އަކީ، ބޮލީވުޑްގެ ފިލްމީ ތަރިންގެ އަނބިންގެ ދިރިއުޅުން ދައްކުވައިދޭ ސީރީސް އެކެވެ.
"ފެބިއުލަސް ލިވްސް އޮފް ބޮލީވުޑް ވައިވްސް" ކުރީގެ ދެ ސީޒަންގައި ކުރީގެ ބަތަލާ ނީލަމް ކޮތަރީ އާއި ސަލްމާން ޚާންގެ ކޮއްކޮ ސުހައިލް ޚާންގެ ކުރީގެ އަންހެނުން ސީމާ ސަޖްދޭ އާއި އަނިލް ކަޕޫރްގެ ކޮއްކޮ ސަންޖޭ ކަޕޫރްގެ އަންހެނުން މަހީޕް ކަޕޫރްގެ އިތުރުން އެކްޓަރު ޗަންކީ ޕާންޑޭގެ އަންހެނުން އަދި ޒުވާން ބަތަލާ އަނަންޔާ ޕާންޑޭގެ މަންމަ ބާވްނާ ޕާންޑޭ ހިއްސާވެފައިވެ އެވެ.