ރިތިކް ރޯޝަނާ އެކު އޭނާގެ ބައްޕަ ގެނެސްދޭ ސުޕަހީރޯ ފްރެންޗައިޒް "ކްރިޝް" ގެ ހަތަރު ވަނަ ބައިގެ ބަތަލާއަކަށް ބޮލީވުޑް މަޝްހޫރު ބަތަލާ ޕްރިޔަންކާ ޗޯޕްޅާ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ބޮލީވުޑް ހަބަރުތައް ގެނެސްދޭ މީޑިއާތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި "ކްރިޝް 4"ގެ ޝޫޓިން އަންނަ އަހަރު ފެބްރުއަރީގައި ފެށުމަށް ތައްޔާރުވަމުން އަންނަނއިރު އެފިލްމުގެ ޑައިރެކްޓަރު ރާކޭޝް ރޯޝަން އެފިލްމުގެ ބަތަލާއަށް ބޭނުން ވަނީ "ކްރިޝް" އާއި "ކްރިޝް 3" ގެސް ފެނިގެންދިޔ ބަތަލާ ޕްރިޔަންކާ އެވެ.

"ކްރިޝް 4" އަކީ ހޮލީވުޑްގެ ފެންވަރުގައ ހަދަން ޕްލޭންކޮށްފައިވާ ފިލްމަކަށްވެފައި، އިންޓަނޭޝަނަލް އޯޑިއަންސްގެ ސަމާލުކަން ފިލްމަށް ހޯދުމަށްޓަކައި ޕްރިޔަންކާ އަކީ އެންމެ ރަނގަޅު ހޮވުމަށް ވާނެ ކަމަށް ވެސް ރާކޭޝްއާ ހަވާލާދީ މީޑިއާތަކުން ބުނެ އެވެ. ސަބަބަކީ ޕްރިޔަންކާ އަކީ މިހާރު ހޮލީވުޑްގެ ނުފޫޒު ގަދަ ބަތަލާއަކަށް ވާތީ އެވެ.

ނަމަވެސް އޭނަ "ކްރިޝް 4" އެއްބަސްވާނެތޯ ނޫންތޯ އަދި އޮތީ ސުވާލުތަކެއްގެ ތެރޭގަ އެވެ. ސަބަބަކީ ޕްރިޔަންކާ އެންމެ ފަހުން ސޮއިކުރި ބޮލީވުޑްގެ ފިލްމު "ޖީ ލޭ ޒަރާ" އަށް އޭނަ އަށް ވަގުތު ދެވެން ނެތުމުން މިހާރު ވާނުވާގައި އޮތުމެވެ. މިއީ ޑައިރެކްޓަރު ފަރުހާން އަޚްތަރު 2021 ގައި އިއުލާންކުރި ފިލްމެކެވެ.

"ކްރީޝް 4"އަކުން ޕްރިޔަންކާ ފެނިއްޖެނަމަ މިފިލްމު ވެގެންދާނީ 12 އަހަރަށް ފަހު އެދެމީހުން އެކުގައި ފިލްމަކުން ފެންނަ ފަހަރަށެވެ.

"ކްރިޝް" އަކީ ރިތިކާ އެކީ ރާކޭޝް 2003 ގައި ގެނެސްދިން "ކޮއި…މިލް ގަޔާ" އިން ފައްކާކުރި ސުޕަހީރޯ ފްރެންޗައިޒެކެވެ. އެގޮތުން "ކްރިޝް" 2006 ގައި ގެނެސްދިނުމަށް ފަހު "ކްރިޝް 3" ގެނެސްދިނީ 2013 ގަ އެވެ.