ބޮލީވުޑްގެ މަޝްހޫރު ބަތަލާ ކަންގަނާ ރަނާވަތު އިންޑިއާގެ ގާނޫނު ހަދާ މަޖިލީހަށް ކުރިމަތިލުމަށް ނިންމައިފި އެވެ.

ހަތަރު ފަހަރަށް އިންޑިއާގެ ގައުމީ ފިލްމު އެވޯޑް ކާމިޔާބު ކޮށްފައިވާ ބަތަލާ ކަންގަނާ ވަނީ އަންނަ އަހަރު ބާއްވާ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރިގެ ލޯކް ސަބާގެ ގޮޑިއަކަށް ވާދަކުރައްވާނެކަން އިއުލާނުކޮށްފަ އެވެ.

މީގެ ކުރިން ކަންގަނާ ބުނެފައިވަނީ އޭނާ ސިޔާސީ ދާއިރާއަށް ނިކުންނާނީ ރައްޔިތުން އެކަމަށް އެދުމުން ކަމަށެވެ.

ކަންގަނާއަކީ ބޮޑުވަޒީރު މޯދީގެ ސަރުކާރަށް ވަރަށް ބޮޑަށް ތައުރީފުކޮށް ވާހަކަ ދައްކާ ބަތަލާއެކެވެ.

ބޮލީވުޑްގައި މަސައްކަތްކުރާ ގިނަ ބަޔަކަށް ފާޑުކިޔާ، ޒުވާބުކޮށް ހަދާ ކަންގަނާއަށް އެކަމުގެ ސަބަބުން މީހުންގެ ނަފްރަތާއި ކުރިމަތިލާން ވަނީ ޖެހިފަ އެވެ.

އެންމެ ފަހުން ކަންގަނާ ފެނިގެންދިޔަ ގިނަ ފިލްމުތައް ވަނީ ފުލުފުލުގައި ފުލޮޕްވެފަ އެވެ. ކަންގަނާ އެންމެ ފަހު ނެފިގެން ގޮސްފައިވަނީ އޭނާ ސިފައިންގެ ޕައިލެޓެއްގެ ރޯލު ކުޅޭ "ތޭޖަސް" އިނެވެ. އެފިލްމަށްވެސް މާބޮޑު ތަރުހީބެއް ލިބިގެން ގޮސްފައިނުވެ އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު 28 ގައި ނުކުތް ކަންގަނާގެ ދެކުނު އިންޑިއާގެ ފިލްމު "ޗަންދުރަމުކީ 2" އަށް ވެސް މާ ބޮޑު ތަރުހީބެއް ނުލިބެ އެވެ.

ކަންގަނާ ދެން ފެނިގެންދާނީ އަންނަ އަހަރު ރިލީޒްކުރުމަށް މިހާރު ނިންމާފައިވާ "އެމަޖެންސީ" އެވެ. ކުރިން މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ މިމަހު އެވެ. މި ފިލްމުގައި ކަންގަނާ ކުޅެނީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު އިންދިރާ ގާންދީގެ ރޯލެވެ.