މިދިޔަ މަހުގެ ނިޔަލަށް ރާއްޖޭގެ ޑޮލަރު ރިޒާވް 984.8 މިލިއަނަށް އިތުރުވެއްޖެ އެވެ.
މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުރާސްފަތި ދުވަހު ނެރުނު އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން މިދިޔަ ޑިސެމްބަރު މަސް ނިމުނުއިރު ގްރޮސް އިންޓަނޭޝަނަލް ރިޒާވްގައި ހުރީ 984.8 މިލިއަން ޑޮލަރެވެ. އެއީ ނޮވެމްބަރު މަހާ އަޅާ ބަލާއިރު 56 ޕަސެންޓްގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ރިޒާވްގައި ހުރީ 629.9 މިލިއަން ޑޮލަރެވެ.
އިކޮނޮމިކް އަޕްޑޭޓްގައިވާ ގޮތުން 2019 ވަނަ އަހަރުގެ ޑިސެމްބަރު މަސް ނިމުނުއިރު ހުރީ 753.5 މިލިއަން ޑޮލަރެވެ.
ރިޒާވް ރަނގަޅުވި ސަބަބެއް އެމްއެމްއޭ އިން ނުބުނި ނަމަވެސް، ރިޒާވް އިތުރުވީ އަހަރުގެ ފަހުކޮޅާ ދިމާކޮށް ޓޫރިޒަމުން ލިބުނު އާމްދަނީ އިތުރުވެ، ބޭންކުތަކުގެ ޑިޕޮޒިޓް ވެސް އިތުރުވުމުން ކަމަށް ލަފާކުރެ އެވެ.
މިދިޔަ ޑިސެމްބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ގްރޮސް އިންޓަނޭޝަނަލް ރިޒާވް އިތުރުވިއިރު ޔޫޒަބް ރިޒާވް ނުވަތަ ބޭނުންކުރެވޭ ގޮތަށް ހުންނަ ޑޮލަރު ރިޒާވްގެ އަދަދެއް ނޭނގެ އެވެ.
ކޮވިޑާ ގުޅިގެން ރާއްޖޭގެ ބޯޑަރު މިދިޔަ އަހަރުގެ މާޗް މަހު ބަންދުކުރުމުން އިގްތިސާދު ވަރަށް ބޮޑަށް އަޑި އަޅާލި އެވެ. އަދި އެއާއެކު ރާއްޖެއަށް ޓޫރިސްޓުން އައުން ހުއްޓި، ޑޮލަރުން ލިބޭ އާމްދަނީ ގާތްގަނޑަކަށް ހުއްޓުމަކަށް ދިޔަ އެވެ. ނަމަވެސް ޖުލައި 15ން ފެށިގެން އަލުން ބޯޑަރު ހުޅުވާލުމުން ޓޫރިސްޓުން މަދުން ޓޫރިސްޓުން އަންނަން ފެށި އެވެ. އެގޮތުން އަހަރު ނިމުނުއިރު 555،494 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.
ޑޮލަރުން އާމްދަނީ ލިބުން ހުއްޓި ޔޫޒަބަލް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި ހުރި ޑޮލަރުގެ އަދަދު މިދިޔަ އަހަރުގެ ޖޫން ނިމުނުއިރު 152 މިލިއަނަށް ދަށަށް ދިޔަ އެވެ. އެއީ ގާތްގަނޑަކަށް ދެ މަހުގެ އިމްޕޯޓަށް ވާ ރިޒާވެކެވެ.
ޑޮލަރުން ލިބޭ އާމްދަނީ މިދިޔަ އަހަރު ދަށްވެ، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު 19ރ. އަށް އުފުލިގެންދިޔަ އެވެ. އޭގެ އިތުރުން ޑޮލަރު ލިބުން ދަތިވެ، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ވަނީ ކްރެޑިޓް އަދި ޑެބިޓް ކާޑުތަކުން ޑޮލަރުން ކުރެވޭ މުއާމަލާތް މަހަކު 250 ޑޮލަރަށް ދަށްކޮށްފަ އެވެ. އަދި ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) ވެސް ޑޮލަރުން ކުރެވޭ މުއާމަލާތް 100 ޑޮލަރަށް ދަށްކުރި އެވެ.