މާލޭގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވަމުންދާތީ ޣިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލުން އޮންލައިންކޮށް ކިޔަވައިދޭން ނިންމުމުން އެޑިއުކޭޝަން މިނިސްޓްރީން އެކަމަށް އެކަމާ ދެކޮޅު ހަދައިފި އެވެ.

އެ ސްކޫލުގެ ގްރޭޑް ނުވައަކުން ދަށުގެ ހުރިހާ ގްރޭޑެއްގެ ދަރިވަރުންގެ ކިޔެވުން އޮންލައިންކޮށް ކުރިއަށް ގެންދިއުމަށް މިދިޔަ ހަފްތާގައި ނިންމައި، ސްކޫލުން ބެލެނިވެރިންނަށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ނިންމުމަކީ ދަރިވަރުންނާއި މުއައްޒަފުންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް އެޅި ފިޔަވަޅެއް ކަމަށެވެ. ނަމަވެސް، އެޑިއުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް އެންގުމުން މިހާރު ވަނީ ކުރިން އޮތް ގޮތަށް ކުލާސްތައް ބަދަލުކުރިކަން އަންގައި ބެލެނިވެރިންނަށް މެސެޖެއް ފޮނުވާފަ އެވެ.

ޣިޔާސުއްދީން ސްކޫލުގެ ޕްރިންސިޕަލް އަލީ މުސްތަފާ ފޮނުވާފައިވާ އެ ސިޓީގައިވާ ގޮތުން ސްކޫލުން ބަލި ފެތުރުން މަދުކުރުމަށް އަޅަން ޖެހޭ އެންމެހައި ފިޔަވަޅުތައް އަޅާފައިވީ ނަމަވެސް ދަރިވަރުންނާއި މުއައްޒަފުންގެ ރައްކާތެރިކަން ޔަގީންކޮށް ނުދެވެ އެވެ. އެހެންވުމުގެ ސަބަބުން 28 ޖެނުއަރީގެ ނިޔަލަށް ސްކޫލުގެ ދެ މުވައްޒަފަކާއި އެއް ދަރިވަރަކު ޕޮޒިޓިވް ވެފައިވާއިރު ހަ މުވައްޒަފުންނާއި 16 ދަރިވަރުން ކަރަންޓީނުގައި އެބަތިއްބެވެ. އަދި ވަގުތީގޮތުން އޮންލައިކޮށް ކުލާސް ބޭއްވުމަށް ނިންމި ނިންމުމަކީ ސުކޫލުގެ ހާލަތު ރަނގަޅު ވަނދެން އެޅި ފިޔަވަޅެކެވެ.

ކޭސްތައް އިތުރުވަމުން މިދާ ހާލަތުގައި ސްކޫލް ބަންދުކުރުމަށް ރިއާޔަތްކޮށް ނޫސްވެރިޔަކު އިއްޔެ ރޭ ކުރި ސުވާލަކަށް ޖަވާބުދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވެފައި ވަނީ ކޭސްތައް އިތުރުވަމުން މިދަނީ ސްކޫލް ހުޅުވުމުން ނޫން ކަމަށެވެ. އަދި ސުކޫލުތަކުގައި އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން ބަލިފެތުރުމުގެ ފުރުސަތު ކުޑަކަމަށް ވެސް ޑރ. ނަޒްލާ ވިދާޅުވި އެވެ.

ފާއިތުވެދިޔަ ދުވަސްތަކުގައި ވަނީ ގިނަ އަދަދެއްގެ ސުކޫލުތަކުން މުއައްޒަފުންނާއި ދަރިވަރުން ޕޮޒިޓިވްވެފަ އެވެ. މިގޮތުން ދާދި ފަހުން ވަނީ ޖަމާލުއްދީން ސްކޫލުގެ ޕްރިންސިޕަލާއި މުއައްޒަފުންތަކެއް ޕޮޒިޓިވް ވުމުގެ ސަބަބުން ސުކޫލުގެ އިދާރީ އޮފީސް ބަންދުކޮށްފަ އެވެ. އަދި މަޖީދިއްޔާ ސްކޫލާއި ޣާޒީ ސްކޫލް އަދި އަމީނިއްޔާ ސްކޫލުން ވެސް ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފަ އެވެ.

ދުވާލެއްގެ މައްޗަށް ޕޮޒިޓިވްވާ މީހުންގެ ޖުމްލަ އަދަދު 100 އިން މަތީގައި ޖެހިޖެހިން ހުންނަތާ ހަ ދުވަސް ވެފައިވާއިރު ރާއްޖެއިން މިބަލި ޖެހުނު މީހުންގެ އަދަދު ވަނީ 15،614 އަށް އަރައިފަ އެވެ. އަދި މިހާރު އެކްޓިވް ކޭސް ތަކުގެ އަދަދު ވެސް ވަނީ 1،492 އަށް އިތުރުވެފަ އެވެ.