އިދިކޮޅު ޕީޕީއެމް އާއި ޕީއެންސީ ކޯލިޝަނުން އިއްޔެ ކުރިއަށް ގެންދިޔަ މުޒާހަރާ ކަވަރުކުރަމުން ދިޔަ ޗެނަލް 13ގެ ނޫސްވެރިންތަކަކަށް ފުލުހުން ގަސްތުގައި އަނިޔާ ކުރިކަމަށް ބުނެ، ކޯލިޝަންގެ އިސްވެރިން އެކަން ކުށްވެރި ކުރައްވައިފި އެވެ.
ޕީއެންސީގެ ނައިބު ރައީސް އަދި ރައްޔިތުން މަޖިލީހުގެ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ވަނީ، ޗެނަލް 13ގެ ނޫސްވެރިންނަށް އަމާޒުކޮށް ފުލުހުން ހަމަލާ ދީފައިވާކަމަށް ބުނެ އެކަން ހަރުކަށި އިބާރާތުން ކުށްވެރި ކުރައްވައިފަ އެވެ.
މުހައްމަދު ސައީދު ކުރެއްވި ޓުވީޓްގައި ވަނީ މިނިވަން މީޑިއާއަކަށް ވަކާލާތުކުރި މީހުން މިއަދު ކޮބާތޯ ސުވާލުކުރައްވާފަ އެވެ. އަދި މި ޓުވީޓާއެކު ވަނީ ނޫސްވެރިންތަކަކަށް އަނިޔާލިބިފައިވާ ތަން ފެންނަ ފޮޓޯތަކެއް ވެސް ހިއްސާކުރައްވާފަ އެވެ.
މީގެ އިތުރުން ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ވަނީ، ނޫސްވެރިއަކު މީޑިއާ ފާހާއި މައިކްރޯފޯން ނިފައިގެން ހުއްޓާ ފުލުހުން އެ ނޫސްވެރިޔާ ކޮއްޕާ ވައްޓާލުމަކީ މީޑިއާގެ މިނިވަންކަމަށް އަރައިގަތުންކަމުގައި ވިދާޅުގެ ޓުވީޓް ކުރައްވާފަ އެވެ. އަދި ޝިޔާމް ވަނީ ޓުވީޓާއެކު ނޫސްވެރިއަކު ބިންމަތީގައި ވެއްޓިފައިއޮތް ފޮޓޯއަކާ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާ ތަން ފެންނަ ފޮޓޯއެއް ވެސް ހިއްސާކުރައްވާފަ އެވެ.
މުޒާހަރާގައި ހަަކާތްތެރިވަމުންދިޔަ ފުލުހުން ނޫސްވެރިންނަށް ހަމަލާ ދީފައިވާކަމުގެ މައްސަލަތަކެއް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) ގެ ސަމާލުކަމަށް އައިސްފައިވާކަމަށް އެ ޖަމިއްޔާގެ ރައީސް މުހައްމަދު ހަމްދޫން ވަނީ ވިދާޅުވެފަ އެވެ. އަދި މައްސަލަ މިހާރު ބަލަމުން ގެންދާކަމަށް ވެސް ހަމްދޫން ވިދާޅުވި އެވެ.
'އިންސާފް ކޮބާ" މި ޝިއާރުގެ ދަށުން އިދިކޮޅުން ކުރިއަށް ގެންދިޔަ މުޒާހަރާތަކަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ ފަސް އަހަރުގެ ދައުވާ ދަމަހައްޓަން ހައިކޯޓުން ނިންމުމާ ގުޅިގެން، ހައިކޯޓުގެ އެ ނިންމުން ބަލައި ނުގަންނަން ކޯލިޝަނުގެ ޖޮއިންޓް ކައުންސިލުން ފާސްކޮށް ނެރުނު ގަރާރަށްފަހު ކުރިއަށް ގެންދާ ސިލްސިލާ މުޒާހަރާތަކެކެވެ.
މި މުޒާހަރާތަކުގެ ތެރެއިން އިދިކޮޅުން ވަނީ ލޯކަލް ކައުންސިލް އިންތިހާބު އަވަސްކުރުމަށް ގޮވާލާ އިލެކްޝަންސް ކޮމިޝަންސް ކައިރީ މުޒާހަރާކޮށް، އަދި އިންކަމް ސަޕޯޓް އެލަވެންސް އިންސާފުވެރިކަމާއެކު ދިނުމަށް ގޮވާލާ ފިނޭންސް މިނިސްޓްރީ ކައިރީގައި ވެސް މުޒާހަރާކޮށްފަ އެވެ. އަދި އިންޑިއާގެ ވެކްސިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ގޮވާލާ ހެލްތް މިނިސްޓްރީ ކައިރީގައި މުޒާހަރާ ކޮށްފައިފާއިރު ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ އިންޑިއާ ސަފީރު، ސަންޖޭ ސުދީރުގެ ގެކޮޅުގެ ކުރިމަތީގައި ވެސް މުޒާހަރާ ކޮށްފަ އެވެ.
އިދިކޮޅުން މިހާރުދަނީ ރިޔާސީ ބަޔާން އިއްވާ ދުވަހު މުޅި ރާއްޖޭގައި މުޒާހަރާ ކުރުމަށް ގޮވާލަމުންނެވެ.