"ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިންގ އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓް އެންޑް ޓްރާންސްފަ އޮފް ކަލްޗަރަލް ޕްރޮޕަރޓީ" މުޢާހަދާގައި ސޮއިކުރެއްވުމަށް ވަޒީރުންގެ މަޖިލީހުން ލަފާދެއްވާފައިވާތީ އެކަމާމެދު ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ހުށަހެޅުއްވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވައިފި އެވެ.

ރައީސް ސޯލިހު މިގޮތަށް މި ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ހެރިޓޭޖު މިނިސްޓްރީން ހުށަހެޅުއްވި ކަރުދާހުގެ މައްޗަށް މަޝްވަރާ ކުރެއްވުމަށް ފަހުގަ އެވެ. "ޔުނެސްކޯ 1970 ކޮންވެންޝަން އޮން ދަ މީންސް އޮފް ޕްރޮހިބިޓިން އެންޑް ޕްރިވެންޓިން ދަ އިލިސިޓް އިމްޕޯޓް، އެކްސްޕޯޓު އެންޑް ޓްރާންސްފަރ އޮފް ކަލްޗަރަލް ޕްރޮޕަޓީ" މުއާހަދާއަކީ ސަގާފީ އަދި އާސާރީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި އެ ތަކެތި ރައްކާތެރިކުރުމުގެ ބާރު ލިބިދޭ ގޮތަށް އެކުލަވާލާފައިވާ މުޢާހަދާއެކެވެ.

ދިވެހިރާއްޖޭގެ ސަގާފީ އަދި އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް ދުނިޔޭގެ އެހެނިހެން ޤައުމުތަކުގެ ދާރުލްއާސާރުތަކާއި އަރުޝީފުތަކުގައި ހުރި ކަމުގެ މައުލޫމާތުތައް ލިބެމުންދާއިރު މިގޮތަށް ގެންދެވޭ ކޮންމެ އެއްޗަކާއެކު ދިވެހީންގެ އެތައް ތަރިކައެއް ނެތިގެންދެ އެވެ. އަދި، ތާރީޚް ދިރާސާކުރެވޭނެ ގޮތްތައް ގެއްލިގެންދެ އެވެ. އެހެންކަމުން، ސަގާފީ ތަކެތީގެ އަމިއްލަވަންތަކަން ހިފަހައްޓައި ރައްކާތެރިކަން ކަށަވަރުކުރުމަކީ މުހިންމުކަމެކެވެ.

މި މުއާހަދާގައި 143 ގައުމުން ސޮއިކޮށްފައިވާއިރު، ދިވެހިރާއްޖެއިން މި މުއާހަދާގައި ސޮއިކުރުން ވެގެންދާނީ ކުރިއަށް އޮތްތަނުގައި މިފަދަ ކަންކަން ތަކުރާރުނުވާނެ ގޮތަށް މަސައްކަތް ކުރުމަށް ފަސޭހަވެގެންދާނެ ކަމަކަށެވެ. އަދި، އޮންނަ އުސޫލާއި ހަމަތަކުގެ މަތިން ގާނޫނާ ހިލާފަށް ގެންގޮސްފައިވާ އާސާރީ ތަކެއްޗާއި ލިޔެކިޔުންތައް އަނބުރާ ރާއްޖެއަށް ގެނެވޭނެ މަގުވެސް ފަހިވެ، އެ ތަކެއްޗާއި ލިޔެކިޔުންތަކުގެ ދަފުތަރު ބެލެހެއްޓުމަށް މި މުޢާހަދާގެ ސަބަބުން އިތުރު ބާރެއް ލިބިގެންދާނެ އެވެ. މީގެ އިތުރުން ވެސް މި ކަންކަމުގައި ޔުނެސްކޯގެ ފަންނީ އެހީތެރިކަން ލިބުމަށް ބާރަކަށް ވެސް ވެގެންދާނެ އެވެ. ހަމަމިއާއެކު ގާނޫނު ނަންބަރު 2019/12 (ދިވެހިރާއްޖޭގެ ސަގާފީ ތަރިކައިގެ ގާނޫނު) އަދި، މި ގާނޫނާ ގުޅިގެން އާންމުކޮށްފައިވާ ގަވާއިދުތަކަށް ޢަމަލުކުރުމަށް ވެސް ފަސޭހަވެގެންދާނެ ކަމަކަށް މިކަންވެގެންދާނެ އެވެ.