ތެހެރާން (30 ޖެނުއަރީ) - އީރާންގެ ނިއުކްލިއާ އެއްބަސްވުން އަލުން އިއާދަކުރުމުގެ މަޝްވަރާތައް މިދިޔަ ހަފްތާގައި އަލުން ފަށައިފި އެވެ.

މިބައްދަލުވުންތަކުގައި ބައިވެރިވި ފަރާތަކާއި ހަވާލާދީ ނޫސްތަކުގައި ބުނެފައި ވަނީ މި ބައްދަލުވުމުގައި އިރާން، އެމެރިކާ، އިނގިރޭސި ވިލާތް، ފްރާންސް އަދި ޖަރުމަނުގެ އޮފިޝަލުން ބައިވެރިވި ކަމަށެވެ. މި ބައްދަލުވުންތަކުގައި މަޝްވަރާ ކުރެވެނީ 2015ގެ ނިއުކްލިއާ ޑީލް އަލުން އިއާދަ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ކަމަށް ވެސް ބުނެފައިވެ އެވެ. އަދި ވަކި ގޮތަކަށް އެއްވެސް ގައުމަކުން ނިންމާފައި ނުވާ ކަމަށާއި، ހަމައެކަނި މިކަމުގައި ކުރެވޭނެ ކަންކަމަކީ ކޮބާތޯ ބަލަމުން ގެންދާ ކަމަށް ވެސް ބުނެފައިވެ އެވެ.

ޖޮއިންޓް ކޮމްޕްރިހެންސިވް ޕްލޭން އޮފް އެކްޝަން (ޖޭސީޕީއޯއޭ)ގެ ނަމުން ނަންދެވި 2015 ވަނަ އަހަރު ވިއެނާގައި ޔޫއެންގެ ސެކިއުރިޓީ ކައުންސިލްގެ ދާއިމީ ފަސް މެމްބަރު ގައުމާއި، ޔޫރަޕިއަން ޔޫނިއަނުން އިރާނާއެކު ވެވުނު ނިއުކްލިއަ އެއްބަސްވުމުން އެމެރިކާގެ ވަކިވެފައިވަނީ އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ދައުރުގަ އެވެ. މިއާއެކު އެ އެއްބަސްވުމުގައި ބައިވެރިވި ކަންކަން ހާސިލްނުވެ އެއްބަސްވުން މަޑުޖެހުނެވެ.

އެމެރިކާގެ އާ ރައީސް ޖޯ ބައިޑެން ވަނީ މި އެއްބަސްވުމުގައި ހިމަނާފައިވާ ކަންކަމަށް އީރާނުން ބޯލަނބައި ކިޔަމަންވާ ނަމަ އަލުން އެއްބަސްވުމަށް އެނބުރި އަންނާނެކަމާއި އަދި މެމްބަރު ގައުމުތަކާއެކު މިކަމަށް މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފައިވެ އެވެ. އިރާނުން ވެސް ވަނީ މިކަމަށް މަރުހަބާ ކިޔައި އެއްބަސްވުމުގެ ކަންކަމަށް ހުރިހާ އެންމެން އެއްބަސްވާނަމަ އިރާނުން ވެސް ދޫދިނުމަށް ތައްޔާރަށް ތިބި ކަމަށް ބުނެފަ އެވެ.

މި ހަފްތާގައި އީރާންގެ ގާޑިއަން ކައުންސިލުން ވަނީ އިރާނާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތަކަށް ދެ މަސްދުވަސް ތެރޭގައި ލުޔެއް ނުދީފިނަމަ އިރާންގެ ނިއުކްލިއަ ސައިޓްތައް އިންސްޕެކްޓް ކުރުމަށް އަންނަ ޔޫއެންގެ އިންސްޕެކްޝަން ޓީމްތަކަށް ފުރުސަތުދިނުން ހުއްޓާލައި، ޖޭސީޕީއޯއޭ އިން ކަނޑައަޅާފައިވާ ލިމިޓަށްވުރެ އިތުރަށް ޔުރޭނިއަމް މުއްސަނދިކުރުމުގެ މަސައްކަތް ފަށަން ޖެހޭނެ ކަމަށް ބަޔާންކޮށް ގާނޫނެއް ވެސް ފާސްކޮށްފަ އެވެ.

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކިން ވިދާޅުވިގޮތުގައި ނިއުކްލިއާ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މިންވަރަށް ޔުރޭނިއަމް އުފެއްދުމުގެ ގާބިލްކަން އީރާނުނުން ވަނީ އެއް އަހަރު ދުވަހުން ހަތަރު ނުވަތަ ތިން މަސްދުވަހަށް ކުޑަކޮށްފަ އެވެ. އެހެންކަމުން މިކަމުގައި އެއްބަސްވުމަކާ ހަމަޔަށް އައުމަށް މާގިނަ ވަގުތެއް ނެތްކަމަށާއި، އަދި މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދަން ޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ. – އަލް އަރަބިއާ.