ރާއްޖޭގައި ކުރިން އޮތް ބިރުވެރި ހާލަތު ފިލައި ގޮސް، މަގުތަކުގެ އަމާންކަން އިހްސާސްވެ، ރާއްޖޭގެ ރަށްރަށުގައި ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކަން ލިބިފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދިވެހި ގައުމާ މުހާތަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މީގެ ފަސް އަހަރު ކުރިން ރާއްޖޭގެ ރައްޔިތުން އެމަނިކުފާނު މަގާމަށް އިންތިހާބު ކުރިއިރު އޭރު ގައުމު އޮތް ހާލަތު ތަފާތު ކަމަށެވެ.

ރައީސް ސޯލިހު ވިދާޅުވީ ރައްޔިތުން އެދުނީ މަގުމަތީގެ ނަމާންކަމާއި ހަމަނުޖެހުމާއި ހަލަބޮލިކަމަށް ހަމަޖެހުމެއް ގެނެސް ދިނުމަށާއި ސަރުކާރާ ހިޔާލު ތަފާތުވުމުގެ އަގު ޖަލުގެ އަނިޔާ އިން ދައްކަން ޖެހުން ނިމުމަކަށް ގެނައުމާއި ނޫސްވެރިންނަށް އޭރު އޮތް ބިރުވެރިކަން ނައްތާލުމާއި ދައުލަތުގެ ބާރުތަކުގެ މައްޗަށް ވެރިކަމުގެ ބާރު އިސް ކުރުން ނިމުމަކަށް ގެނައުން ކަމަށެވެ.

ރައްޔިތުން މި މަސްއޫލިއްޔަތު އެމަނިކުފާނާ މަތި ކުރީ ނުލިބި ހުރި ޒަމާންވީ އަސާސީ ހިދުމަތްތައް ހޯދުމަށް ޑިމޮކްރަސީ އާއި އިންސާނީ ކަރާމާތާއި މިނިވަން ސިޔާސީ މާހައުލު ރާއްޖެ އަށް ގެނައުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އޭރުގެ ބިރުވެރި ހާލަތު ފިލައި ގޮސް، މަގުތަކުގެ އަމާންކަން މިއަދު އިހްސާސްވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން،" ރައީސް ވިދާޅުވި އެވެ.

ހިޔާލު ތަފާތުވެ ހުރެ ވެސް ވިޔަފާރިވެރިންނާއި އާންމު ފަރުދުން، އެ މީހުންގެ ދިރިއުޅުމައިގެން ކުރިއަށް ދެވޭނެކަން މި ފަސް އަހަރު ކަށަވަރުކޮށްދީފިން. ނޫސްވެރިންނަށް އޮތް ބިރު އެކުގައި ނައްތާލައިފިން. އެ ދުވަހު ރައްޔިތުން ބޭނުންވި އަސާސީ ހިދުމަތްތައް މުޅި ރާއްޖެއަށް އާންމުކޮށްފިން،
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް

"ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމަށް ރާއްޖެ ބަދަލުވި ފަހުން އޮމާންކަމާއެކު ވެރިކަން ބަދަލުވުމުގެ މަރުޙަލާ ހިނގަމުން މިދަނީ ހަމައެކަނި މިފަހަރު. މީގެކުރިން އެކަން ހިނގާފައި އޮތީ ވޯޓުން ނުވިއްޔާ، ކޯޓުން ނުވަތަ މަގުމަތިން."

ރައީސް ވިދާޅުވީ ކުރިއަށް އޮތް ތަނުގައި ވެސް ރާއްޖޭގައި އޮންނަ ރިޔާސީ އިންތިހާބުތަކާއި ވެރިކަން ބަދަލުވެގެން ދިއުން މިގޮތުގައި ހިނގަމުންދާ ތަން ދިވެހި ރައްޔިތުން ދެކޭ ހިތްވާނެ ކަމަށެވެ. މި ހޯދުނު ކާމިޔާބީތައް ހިފަހައްޓައި، ދަމަހައްޓައި، ގައުމުގައި އެކަން އަށަގެންނެވުމަކީ، ދެން އަންނަ ހުރިހާ ސަރުކާރުތަކާއި ވެރިންގެ މަސްއޫލިއްޔަތެއް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

" ސަރުކާރުތައް ބަދަލުވާނެ. ވެރިން އައިސް ގޮސްވާނެ. ގާއިމްވެ، ދާއިމްވެ، ދެމިއޮންނާނީ ގައުމާއި ރައްޔިތުން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަސާސީ ހިދުމަތްތައް ހަމަހަމަކަމާއެކު ގާއިމު ނުވެ، ދިވެހި ޖުމްހޫރިއްޔަތު ފުރިހަމައެއް ނުވާނެ ކަމަށެވެ. ފެނާއި ނަރުދަމާ، ކަރަންޓާއި، އަދި ލަފާފުރުމާއި، ދަތުރުފަތުރުގެ އެންމެ ގިނަ މަޝްރޫއު މި ވޭތުވި ފަސް އަހަރު، އެކީ އެއްފަހަރާ، ކުރިއަށް ގެންދަން ޖެހުނީ އެ ސަބަބަށްޓަކައި ކަމަށް ރައީސް ވިދާޅުވި އެވެ.

"އެ ގެނެވުނު ހެޔޮ ބަދަލުތައް ރާއްޖޭގެ ހުރިހާ ކަންކޮޅަކުން މިއަދު ފެންނާނެ. އެ ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށް، އޭގެ ހިތްހަމަޖެހުމާއި ފަސޭހަ މިއަދު މިވަނީ ލިބެން ފަށާފައި،" ރައީސް ވިދާޅުވި އެވެ.

"ދަރިންގެ ތަޢުލީމާއި، ރައްޔިތުންގެ ސިއްހީ ހިދުމަތް ލާހިކުނުވެ، ޖުމްހޫރިއްޔަތު ސާބިތެއް ނުވާނެ. ތަފާތެއްނެތި ހުރިހާ ދަރިވަރުންނަށް ހިލޭ ޑިގްރީ ތައާރަފްކުރީ އެ ސަބަބަށްޓަކައި. އެއީ ދަރިންނަށްޓަކައި މައިންބަފައިން ދެކެމުން އައި ޒަމާންވީ ހުވަފެނުގެ ތައުބީރު. މީހަކަށް ދިން އެއްޗެއް ފަހުން އަތުލެވިދާނެ. އަނބުރާ އަތުނުލެވޭނެ އެއްޗަކީ ދެވޭ ތައުލީމު."

މަސައްކަތްތެރިންގެ މުސާރަތަކަށް ހެޔޮ ބަދަލެއް ގެނެވި ޕޭ ހާމަނައިޒޭޝަންގެ ތެރެއިން ތައުލީމީ ދާއިރާއާއި ސިއްހީ ދާއިރާގެ ފަންނީ މުވައްޒަފުންގެ މުސާރަތައް ބޮޑު ކުރެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަންނަ 2024 ވަނަ އަހަރުގެ ބަޖެޓް، އަޅުގަނޑުމެން މަޖިލީހަށް ފޮނުވީ ޖުޑީޝަރީއާއި ސިފައިންނާއި ފުލުހުންނާއި، ސަރުކާރުގެ ދެންތިބި ހުރިހާ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމަށް ހުށަހަޅާފައި." ރައީސް ވިދާޅުވި އެވެ.

ރާއްޖޭގެ ހިންގުން ހުރިހާ ދާއިރާއަކުން ލާމަރުކަޒު ކުރުމުގެ ގާނޫނީ ބޮޑު ބަދަލު ގެނައި އިރު، މި ދައުރުގައި ފަށައިގެން ކުރިއަށް ގެންދިޔަ ޓާޝަރީ ފެންވަރުގެ ފަސް ހޮސްޕިޓަލަކީ އެންމެ ކުޑަވެގެން ހޯދޭނެ ވަށާޖެހޭ ސިއްހީ ހައްލު ކަމަށް ރައީސް ވިދާޅުވި އެވެ.

"ކުޅިވަރުގެ ހަރަކާތްތަކަކީ، ކޮންމެ މީހަކަށްވެސް ތަފާތުކުރުމެއްނެތި ބައިވެރިވެވެން އޮންނަ ހަރަކާތްތަކަށް ހަދައިފިން. އެކި ކުޅިވަރުތައް ކުރިއެރުވުމަށް، ވަކިވަކި ކުޅުންތެރިން ތަމްސީލުކުރާ ކުޅިވަރުތަކާއި، ޓީމް ސްޕޯޓްސްއަށް އަމާޒުކޮށްގެން ހުނަރުވެރިކަން އިތުރުކުރުމުގެ ޕްރޮގްރާމް ފެށިން. ރާއްޖޭގެ ކުޅިވަރުގެ ތާރީހުގައި މިހާތަނަށް ހޯދިފައިވާ އެންމެ ގިނަ ކާމިޔާބީތައް، ބައިނަލްއަގްވާމީ މުބާރާތްތަކުން މި ދިޔަ ފަސް އަހަރު ވަނީ ހޯދާފައި،" ރައީސް ވިދާޅުވި އެވެ.