ބޮލީވުޑް އެކްޓަރު ވިކީ ކައުޝަލްގެ ކުރިއަށް އޮތް ފިލްމު "ސޭމް ބަހާދުރް"އަށް ތައްޔާރު ވުމުގެ ގޮތުން އިންޑިއާގެ އަސްކަރިއްޔާއާއެކު އޭނާ އަސްކަރީ ތަމްރީނުތަކެއް ހަދަމުން އެބަދެ އެވެ.

އިންސްޓަގްރާމްގައި ވިކީ ހިއްސާކުރި ފޮޓޯތަކާއި ވީޑިއޯތަކުން ފެންނަ ގޮތުގައި އޭނާ އަންނަނީ އަސްކަރިއްޔާގެ އޮފިޝަލުންނާއެކު ވަރަށް ހަރުކަށި ތަމްރީނުތަކެއްގައި ބައިވެރިވަމުންނެވެ.

ވިކީ ބުނީ އިންޑިއާގެ އަސްކަރިއްޔާއާއެކު ތަމްރީނުތައް ހަދަން ފުރުސަތު ލިބުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށާއި އެކަމަށް ޝުކުރުވެރިވާ ކަމަށެވެ.

"އަހަންނަށް ލިބޭ އެންމެ ބޮޑު އުފަލަކީ އަހަރެން ދައްކުވައިދޭ ސިފައިންގެ އޮފިޝަލުންގެ ރޯލުތައް ކަމުގޮސްގެން އަސްކަރިއްޔާގެ ފަރާތުން ލިބޭ ތައުރީފް" ވިކީ ބުނެފައިވެ އެވެ.

"ސޭމް ބަހާދުރު"އަކީ އިންޑިއާ އަސްކަރިއްޔާގެ ބަތަލެއްގެ ގޮތުގައި ސިފަކުރެވޭ ސޭމް މަނެކްޝާގެ ހަޔާތުގެ މައްޗަށް ބިނާ ކުރެވިފައިވާ ފިލްމެކެވެ.

ވިކީގެ އިތުރުން ފާތިމާ ސަނާ ޝެއިޚްއާއި ސަންޔާ މަލްހޯތުރާ މުހިއްމު ރޯލުތަކުން ފެންނަ "ސޭމް ބަހާދުރް" ރިލީޒް ކުރަން ހަމަޖެހިފައިވަނީ އަންނަ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު އެވެ.