ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީން ހުށަހަޅާފައިވާ ގަރާރަކީ ގަވައިދާ ހިލާފަށް ހުށަހަޅާފައިވާ ގަރާރެއް ކަމަށް ބުނެ މަޖިލީހުން އެ ގަރާރު ބޭރުކޮށްލައިފި އެވެ.
މަޖިލީހުގެ ރައީސް ކަމުން ނަޝީދު ވަކިކުރުމުގެ މައްސަލަ ކުރިއަށް ނުގެންދެވިގެން މަޖިލިސް ހުއްޓިފައި އޮތުމަށް ފަހު ސްޕުރީމް ކޯޓުގެ ހުކުމަށް ފަހު، ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ރިޔާސަތުގައި އިންނަވައިގެން ކުރިޔަށް ގެންދަން ނިންމުމާ އެކު މެދު ހެންވޭރު ދާއިރާގެ ޑިމޮކްރެޓްސްގެ މެމްބަރު އަލީ އާޒިމް ވަނީ ނިޒާމީ މައްސަލައެއް ނަންގަވައިފަ އެވެ.
ޑިމޮކްރެޓްސްގެ ޕާލިމަންޓްރީ ގްރޫޕުގެ ލީޑަރު، މެދުހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނިޒާމީ މައްސަލަ ނަންގަވައި ވިދާޅުވީ، އެ ގަރާރު ހުށަހަޅާފައި ވަނީ އެއާ އެކު ހިމަނަން ޖެހޭ ތަފްސީލުތައް ނުހިމަނާ ކަމަށެވެ. އެހެންވެ، އެ ގަރާރު މަޖިލީހަށް ހުށަހަނޭޅޭނެ ކަމަށާއި އެ ފުރުސަތު ނުދޭނެ ކަމަށް ތަކުރާރުކޮށް އޭނާ ވިދާޅުވި އެވެ.
"ގަރާރުގައި ދީބާޖާއެއް އޮންނަންޖެހޭނެ ކަމަށް (މަޖިލީހުގެ) ގަވާއިދު އެބަ ބުނޭ. މިހާރު ހުށަހެޅިފައި އޮތް ކަރުދާހުގައި އަޅުގަނޑު ބަލާއިރު ދީބާޖާއެއް ނެތް. އެހެންވީމަ އަޅުގަނޑު ދެކެނީ މިއީ ނިޒާމީ މައްސަލައެއް ކަމަށް،" އަލީ އާޒިމް ވިދާޅުވި އެވެ.
ނިޒާމީ މައްސަލައަށް ރިޔާސަތުގައި އިންނެވި ހަސަން އަފީފު ގޮތެއް ނިންމެވުމަށް ފަހު ޖަލްސާ ނިންމާލީ އެވެ. ހަސަން އަފީފަކީ ވެސް ދަ ޑިމޮކްރޭޓްސް އަށް ނިސްބަތްވާ މެންބަރެކެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ މަޖިލީހުގެ ގަވާއިދާ ހިލާފަށް ކަމަށް ވިދާޅުވެ ދަ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރު އަދި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް ނެންގެވި ނިޒާމީ މައްސަލަ ބަލައިގަންނަ ހަސަން އަފީފު ވިދާޅުވި އެވެ.
"މި ގަރާރު މި އޮތީ މަޖިލީހުގެ ގަވާއިދާ އެއްގޮތަކަށް ނޫން ހުށަހެޅިފައި،" ހަސަން އަފީފު ވިދާޅުވި އެވެ.
ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދިއުމަށް މައްސަލަ އަލުން ހުށަހަޅަންޖެހޭނެ ކަމަށް ވިދާޅުވެ ހަސަން އަފީފު ވަނީ މަޖިލީހުގެ މިއަދުގެ ޖަލްސާ ނިންމަވާލައްވައިފަ އެވެ.
އެ ވަގުތު އެމްޑީޕީގެ މެންބަރުން ރިޔާސަތުގެ މޭޒު ކައިރިއަށް އެއްވެ، ގަރާރު ބޭރުނުކުރެވޭނެ ކަމަށް ވިދާޅުވަމުން ގެންދެވި އެވެ.