ކާތިކް އާރިޔަން ލީޑު ރޯލުން ފެނިގެންދާ "ބޫލް ބުލައްޔާ 2" ގެ ޝޫޓިން މިވަނީ ވަގުތީ ގޮތުން މެދުކަނޑާލާފަ އެވެ.

ޝޫޓިން އަލުން ފަށާ ތާރީހެއް އެނގިފައިނުވާ އިރު މީގެ ސަބަބުން ކާތިކްގެ ހުސްވަގުތު ގިނަވެ، 30 ދުވަހުން ނިންމާލެވޭ ފިލްމެއްގެ މަސައްކަތްކުރަން ލިބޭތޯ ބަލަމުންދާ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

އެންމެން ހީކުރީ މި ފިލްމުގެ ޝޫޓިން ހުއްޓާލަން ނިންމާފައިވަނީ ކްރޫގެ ސަލާމަތާ ރައްކާތެރިކަމަށް ވިސްނާފައި، ފިލްމުގެ ޑައިރެކްޓަރު އަނީސް ކަމަށެވެ. އެހެންނަމަވެސް ހަބަރު ލިބޭ ގޮތުގައި ޝޫޓިން ނުފެށި ލަސްވަނީ ފިލްމުގެ ލީޑުން ފެނިގެންދާ އަންހެން ތަރި، ތާބޫގެ ސަބަބުންނެވެ. ޕެންޑެމިކް އެއްކޮށް ނިމުމުގެކުރިން ޝޫޓްކުރަބް ތާބޫ ބޭނުމެއް ނުވެ އެވެ.

އެ ޕްރޮޖެކްޓްގެ މައުލޫމާތު އެނގިހުރި މީހަކު "ބޮލީވުޑް ހަންގާމާ" އަށް މައުލޫމާތު ދެމުން ބުނި ގޮތުގައި މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައި ޝޫޓިން މެދުކެނޑުމުން ކްރޫ ރޫޅި، އެކި މީހުން އެކި ތަންތަނަށް ދިޔަ އެވެ. ލޮކްޑައުން އުވާލުމުން ޑިރެކްޓަރު އަނީސް ބާޒްމީ ވަނީ ޝޫޓިން އަލުން ފަށާނެ ކަން ކްރޫ މެންބަރުންނަށް އަންގާފަ އެވެ.

އެހެން ނަމަވެސް ފިލްމުގެ މުހިއްމު ރޯލަކުން ފެނިގެންދާ ތާބޫ ވަނީ ޝޫޓިންގައި ބައިވެރިިވުމަށް އިންކާރުކޮށްފަ އެވެ.

ތާބޫ ބުނި ގޮތުގައި ޕެންޑެމިކް ނިމުމުގެކުރިން ޝޫޓިން ފެށުމަކީ ރައްކާތެރިކަމެއް ކަމަށް ނުދެކޭ ކަމަށެވެ.

އޭގެ ސަބަބުން މި ފިލްމުގެ ޝޫޓިން މެދުކަނޑާލުމަށް ޑައިރެކްޓަރުންނަށް ވަނީ މަޖުބޫރުވެފަ އެވެ.

ތާބޫގެ ރޯލަށް އެހެން ތަރިއަކު ނެގުމުގެ ފުރުސަތު ފިލްމު އުފައްދާ ފަރާތަށް އޮތް ނަމަވެސް އެ ރޯލަށް ތާބޫ ނޫން މީހަކު ނެގުމަށް އެ މީހުން ބޭނުމެއް ނުވެ އެވެ. އޭނާ އަކީ ބޮލީވުޑްގެ އަންހެން ބަތަލާއިންގެ ތެރެއިން ފާހަގަކޮށްލެވޭ މޮޅު މީހެކެވެ.