"އަހަރެމެންނީ ކެސެޓް ޓޭޕް އަމިއްލަޔަށް މަރާމާތު ކޮށްގެން ވޯކްމަނުން ލަވަ ޖެހި ޖީލުގެ މީހުނޭ އެކަކު ބުނެފާނެ" އެވެ. އެއަށް ޖަވާބު ދެމުން ތިމަންނަ މެންނަކީ "އެކަނި ހިނގާފައި ސްކޫލަށް ގޮސްފައި ހަމަ އެގޮތަށް ގެއަށް ދިޔަ މީހުނޭ ވެސް އަނެއް ބަޔަކު ބުނެފާނެ" އެވެ. މިވާހަކައެއް މުޅި ފޭސްބުކްގައި އާންމު ވެއްޖެ އެވެ. ބައެއް މީހުނަށް ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހިސާބަށް މިކަމުގެ ފޯރި ގޮސްފައިވާ އިރު މިވަނީ ކިހިނެއްތޯ ސުވާލުކުރާ ބަޔަކު ވެސް އެބަ އުޅެ އެވެ.

ޖީލުގެ ވާހަކަ ދައްކަން ފޭސް ބުކްގައި ފެށީ "އަހަރެމެންގެ ޅަފަތުގެ ޖީލާއި ދައުރު ދުވަހަކު ވެސް ދެން އެނބުރި ނާންނާނެ އެވެ." މި ސުރުޚީގައި ލިޔެފައި އޮތް ލިޔުމެއްގެ ދިވެހި ތަރުޖަމާއެއް ކޮންމެ ވެސް މީހަކު ފޭސްބުކްގައި ހިއްސާ ކޮށްލި ހިސާބުންނެވެ. އެ ލިޔުމުގައި ވާގޮތުން އެއީ ޑެނިސް ބެޗާކްސްގެ ލިއުމެކެވެ. ތަރުޖަމާކުރުމުގައި އެހީތެރިވެ ދިންކަމުގައި ލިޔެފައި އޮތީ އާދަމް ޝަރީފެވެ.

ލިޔުމުގެ ސުރުޚީ އިނގިރޭސި ބަހުން ލިއެގެން އިންޓަނެޓުގައި ސާޗް ކޮށްލުމުން އެ ލިއުން ތަފާތު އެތައް ވެބް ސައިޓަކުން ފެނުނެވެ. ކޮންމެ ސައިޓެއްގައި ވެސް ޖަހާފައި ހުންނަނީ ހަމަ އެއްފޮޓޯ އެކެވެ. ލިޔެފައި ހުންނަނީ އެއް ލިއުމެކެވެ. އަސްލު ލިއުން ލިއުނީ ކާކު ކަން ބުނެފައެއް ނެތެވެ. ދިވެހި ލިއުމުން ތަރުޖަމާ އިން ފެނުނު ނަން ކަމަށްވާ ޑެނިސް ބެޗާކްސް އެލިއުން ހިއްސާކޮށްފައި އޮތީ އޭނާގެ ލިންކިން އެކައުންޓުގަ އެވެ. އެހެން ކަމުން އެއީ އޭނާގެ ލިއުމެއް ކަމަށް ބުރަވުމަށް ފުރުސަތު ބޮޑެވެ.

ޑެނިސް ބެޗާކްސްގެ ލިއުމުގައި ލިޔެފައި ވަނީ އިންޓަނެޓާއި މޯބައިލް ފޯނާއި 24 ގަޑިއިރު ޓީވީގެ ޚިދުމަތް ލިބެން ނެތް ޒަމާނެއްގެ ވާހަކަ އެވެ. އެދުވަސްވަރު ކުދިން ޚިޔާލެއް ނެތި މަގުމަތީގައި ކުޅެން އުޅުނުގޮތާއި އަމިއްލައަށް ކުޅޭ ތަކެތި ހަދައިގެން ކުޅުނު ވާހަކަ ފަދަ މާޒީގެ ހަނދާންތައް ވަނީ އާ ކޮށްފަ އެވެ.

ޑެނިސް ބެޗާކްސްގެ އެ ލިއުމުން ދިވެހިންގެ ގިނަ ބައެއްގެ ހިތްތަކާ ކުޅެލީ މިއަދުގެ ދިވެހިންގެ ތެރެއިން ދެވަން ފުރައިގެ ގިނަ ބަޔަކީ އެފަދަ މާޒީއެއްގެ ފޮނިމީރުކަން ހިއްސާކޮށްފައިވާ ބައެއް ކަމުންނެވެ. އެއީ މާކުރީގެ މާޒީއެއް ވެސް ނޫނެވެ. ރާއްޖޭގެ ބައެއް ރަށް ރަށަށް 24 ގަޑިއިރުގެ ކަރަންޓު ލިބެން ފެށީ ދާދި ފަހުންނެވެ. ފޯނާއި އިންޓަނެޓްގެ ޚިދުމަތް ލިބުނީ އަދި މާފަހުންނެވެ. އެހެން ކަމުން އެޚިދުމަތްތަކާ ނުލައި އުޅުނު ދުވަސްވަރުގެ ވާހަކައިން އެމީހުންގެ ހިއްސުތަކާ ކުޅެލުމަކީ ނުވެ ނުދާނެ ކަމެކެވެ.

ދާދި ފަހަކާ ޖެހެންދެން ވެސް ރާއްޖޭގެ ރަށްފުށުގެ ގިނަ ރަށްތަކަކީ ވަރަށް ބޮޑަށް ތިމާވެށްޓާ ރަށްޓެހި ދިރިއުޅުމެއް އުޅެމުން އައި ރަށްތަކެކެވެ. ދުވަސްކޮޅެއް ފަހަތަށް ޖެހިލައިފައި ހަނދާން އާ ކޮށްލުމުން ޚިޔާލަށް ތިލަވެގެން ދަނީ އުފާވެރި ހިތްގައިމު މަންޒަރެކެވެ.

ރަށެއްގެ މަގުމަތިން ބަޔަކު ކުނި ކަހަނީ. އަދިވެސް ބައެއް ރަށްރަށުގެ މަގުމަތި ސާފުކޮށް ބަލަހައްޓަނީ އަމިއްލަ ފަރުދުން. ފޮޓޯ | ހުރިހާ

އޭރު އެ ރަށްރަށުގައި ކަރަންޓެއް ޓީވީއެއް ނުހުރެ އެވެ. ފޯނެއް ރޭޑިއޯ އެއް ނުހުރެ އެވެ. ކާރެއް މޮޓޯ ސައިކަލެއް ވެސް ނުހުރެ އެވެ. ހަނޑޫ، ހަކުރު ފުށް ވިއްކާނެ ފިހާރަތަކެއް ނުހުރެ އެވެ. ޗޮކްލެޓާއި މެޓައާއި އެކި ފާޑުފާޑުގެ ޑްރިންކަކީ އެއްގޮތަށް ވެސް ހުންނަ އެއްޗެއް ނޫނެވެ.

އިރު އޮއްސުމުން ކޮންމެ ގެއެއްގައި ވެސް ދިއްލައިފައި ހުންނަ ފުޅި ބައްތީގެ އަލި އިޝާ ނަމާދަށް ފަހު ކައިގެން ނިދަން ވެގެން ކަނިކޮށްލުމާއެކު ރަށު ތެރެއިން އިންސާނެއްގެ އަޑެއްބަޑެއް ނުއިވޭނެ އެވެ. ނިދަން އޮންނައިރު އިވޭނެހާ ވެސް އަޑަކީ ރަށް ވަށާ އޮންނަ ކަނޑުން ހޮޅިކޮށްލާ ރާޅާއި ޖެހިލާ ރޯޅިޔާއެކު ހެލި ލާ ގަސްގަހުގެ ގޮފިތަކުން އިވޭ ގުދުރަތީ އަޑެވެ.

ފަޖުރުލުމާއެކު ހާލާއި ކާޅާއި ކޮވެލީގެ އަޑުން ރަށް ގުގުމާ ލާނެ އެވެ. އެހިސާބުން އެންމެން ތެދުވެ ފަތިސް ނަމާދުކުރުމަށް ފަހު ދުވާލުގެ ހަރަކާތްތައް ފެށުނީ އެވެ. މަސްވެރިން މަހަށް ފުރާނެ އެވެ. ދަނޑުވެރިން ދަނޑަށް ދާނެ އެވެ. ރާވެރިން ރުކަށް އަރަން ދާނެ އެވެ. އަންހެންވެރިން ދަރުހޮވަން ދާނެ އެވެ. ކިޔަވާ ފުރައިގެ ކުދިން ހެނދުނު ހެނދުނާ ދާނީ ކިޔަވާށެވެ. އެއީ ގުރުއާން ކުލާހެވެ. ކިޔެވުމަށް ބޭނުން ކުރަނީ ލަކުޑިން ހަދާފައި އޮންނަ ފިލައެކެވެ. އެފިލާގައި މަށި އޮލަކޮށްގެން އުނގުޅައި އަދި ހިއްކުމަށްފަހު ލިޔަން ބޭނުން ކުރަނީ އޮނުން ހަދައިފައި އޮންނަ ގަލަމެކެވެ. ދަވާދަކަށް ބޭނުން ކުރަނީ ތެލި ތާހުގެ ބޭރުގައި ހުންނަ ދެލި ނުވަތަ ބެޓެރީގައި ހުންނަ ކެމިކަލް ނައިގެން ނާއްޓަކަށް ނުވަތަ ފުޅިއަކަށް އަޅައި ފެންފޮދަކާއެކު ގިރައިގެން ހަދާފައި ހުންނަ ދެއްޔެކެވެ.

ހެނދުނުގެ ނާސްތާ ކުރާނީ ކިޔަވައި ނިމިގެން ގެއަށް އައުމަށްފަހު އެވެ. ހެނދުނުގެ ނާސްތާއަށް ފަހު ކުދިވެރިން އަވަސްވެގަންނާނީ ކުޅުމުގައި މަޝްޣޫލު ވެގަންނާށެވެ. ތަންގަނޑު ގިނަ ކުދިން އެއްވެ ކުޅޭނެ އެވެ. ކުޅުމަށްޓަކައި ބޭނުން ކުރާނީ މުޅިން ވެސް އަމިއްލަ އުފެއްދުންތަކެވެ. އަންހެން ކުދިން "ކޮއްކޮ ކުޅި" ކުޅުމަށް ބަދިގޭގައި ހުންނަ ތިރި ގޮނޑިތައް ގެންޅޭނެ އެވެ ގޮނޑި ކޮއްކޮއަކީ އޭގެ ތެރެއިން އުފެދިފައި އޮތް ނަމެކެވެ. ފިރިހެން ކުދިން ކުދި ދޯނި ހަދާނީ އަމިއްލައަށެވެ. ދޯނި ހެދުމަށް އެންމެ އާއްމުކޮށް ބޭނުން ކުރާނީ ކަށި ކެޔޮ ފަތެވެ. ކާށި ހެހެފައި ހުންނަ އުނބުން ވެސް ދޯނި ހަދާނެ އެވެ. އެންމެ ހުނަރުވެރި ކުދިން ބަނބުކެޔޮ ގަހުގެ މުލުން ވަރަށް ރީތި ދޯނި ހަދާނެ އެވެ. މަސްވެރިކަމުގައި ނިކުމެ މަހުގެ ގޮތުގައި ގެންގުޅޭނީ ބަނބުކެޔޮ ތޮޅި ފަދަ ތަކެއްޗެވެ. އަންހެން ކުދިން ކުޅުމަށްޓަކައި ތަފާތު ބާވަތްތަކުގެ ކެއްކުން ކައްކައި އުޅޭނީ ވެސް މާހައުލުން ލިބެން ހުންނަ ތަކެތިންނެވެ. ވަށައިގެން އޮންނަ މޫދުގައި ފަތައި މަސްބާނާ މަސް ހިފައި އުޅޭނީ އެއްވެސް ފިކުރެއް ނެތި އެވެ.

ރަށެއްގެ މަގުމަތީގައި ބަޔަކު ފަން ވިޔަނީ. ފޮޓޯ | ހުރިހާ

އެ ދުވަސް ފާއިތުވެ، ތަރައްގީގެ ރާޅު ބާނި ދިވެހި ފަސްގަނޑަށް ބިންދާލީ ކުއްލިއަކަށެވެ. ކަރަންޓުގެ ޚިދުމަތާއެކު ރަށްތައް ދިއްލިއްޖެ އެވެ. ރިޔާ ދޯނީގައި އިންޖީނު އެޅި ރަށްރަށުގައި ބައިސްކަލާއި ސައިކަލާއި ކާރު ފަދަ ވެހިކަލްތައް އާންމުވެ، މަގުތަކުގެ އަމާންކަން ގެއްލިއްޖެ އެވެ. ކޭބަލް ޓީވީއާކު މަގުމަތީގައި ކުޅެ އުޅުނު ކުދިން ޓީވީ ކައިރިއަށް ޖަމާވެއްޖެ އެވެ. މޯބައިލް ފޯނު ތައާރަފުވުމާއެކު ކަންކަންމަތީގަ އާއި ދޮރާށި ދޮށުގަ އާއި ހޮޅުއަށިތަކުގައި ވާހަކަ ދައްކާ ޚިޔާލު ބަދަލުކޮށް އުޅުނު ގުރޫޕްތައް ގެއްލިއްޖެ އެވެ. މިހުރިހާ ކަމަކަށް ވުރެ ވެސް ބޮޑު އިންގިލާބެއް ގެނައީ އިންޓަނެޓާއި ސޯޝަލް މީޑިއާ އެވެ. ސޯޝަލް މީޑިއާގެ ނުފޫޒާއެކު އިޖުތިމާއީ ހަރަކާތްތަކާއި ބައްދަލުވުންތަކާއި އޮފީސް މަސައްކަތް ގޭގެ ނިދާ ކޮޓާއިއަށް ބަދަލުވެއްޖެ އެވެ.

އިންސާނުން އެކަކު އަނެކާ އޮތް ގުޅުން ކެނޑި އިންޓަނެޓްގެ ތެރެއަށް ގެނބެމުންދާއިރު މިއަދު ކުރިމަތިވަމުން އަންނަނީ އޭއައި (އާޓިފިޝަލް އިންޓެލިޖެންސް)ގެ ސަބަބުން އިންސާނުންގެ ބޭނުން މާބޮޑަށް ވެސް ކެނޑިގެންދާނެ ޒަމާނެއް ކަމަށް ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ. ތަރައްގީ އާއި ޓެކްނޮލޮޖީގެ އިންގިލާބާއެކު ފޮހެވިގެންދިޔަ އިންސާނުންގެ އާދައިގެ ދިރިއުޅުމަކީ ހިތުން ފިލައިގެންދާ ވަރުގެ ކަމަކަށް ނުވެ އެވެ. އެހެން ނަމަވެސް އެ ޖީލެއް ދެން އެނބުރި ނާންނާނެ އެވެ. ޑެނިސް ބެޗާކް ބުނެފައިވާ ފަދައިން ކިތަންމެ ބުރަކޮށް މަސައްކަތް ކުރި ކަމަށް ވިޔަސް އެ ޖީލެއް ދެން އެނބުރި ނާންނާނެ އެވެ.