ވިކީ ކައުޝަލްއާއި ކެޓްރީނާ ކައިފްއަކީ ބޮލީވުޑް ޖޯޑުތަކުގެ ތެރެއިން ގިނަ ބައެއްގެ މަގުބޫލުކަމާއި ލޯބި ހޯދާފައިވާ ޖޯޑެކެވެ. އެދެމީހުންގެ ޒާތީ ދިރިއުޅުމުގެ ވާހަކައަކީ ދޭތެރެ ދޭތެރެއިން މީޑިއާގައި ދެކެވެމުން އަންނަ ވާހަކަ އެކެވެ.

ދާދި ފަހުން ދިން އިންޓަވިއުއެއްގައި ކެޓްރީނާ މިވަނީ އެ ދެމީހުންގެ ދިރިއުޅުމާ ބެހޭ އިތުރު ވާހަކަތަކެއް މީޑިއާއާ ހިއްސާކޮށްފަ އެވެ.

އެގޮތުން ކެޓްރީނާ ބުނީ އޭނާއާއި ފިރިމީހާ ވިކީ ބައްދަލުވަނީ މަދު ފަހަރަކު ކަަމަށާއި މަސައްކަތުގައި އުޅެން ޖެހޭވަރު ބުރަ ކަމުން އެކަކު އަނެކަކަށް އެހާ ގިނައިން ވަގުތު ނުދެވޭ ކަމަށެވެ.

"އަހަރެން ގެއަށް ވަންނައިރު ވިކީ އުޅޭނީ ގެއިން ނުކުންނަށް ތައްޔާރުވާން" ކެޓްރީނާ ބުނެފައިވެ އެވެ.

ކެޓްރީނާ އިތުރަށް ބުނީ އޭނާގެ ފިރިމީހާގެ ކުރިއަށް އޮތް ފިލްމު "ސޭމް ބަހާދުރް"އަށް ކެތްތެރިކަމާއެކު އިންތިޒާރު ކުރަމުން އަންނަ ކަމަށާއި ވިކީއަކީ ހުނަރުވެރި އެކްޓަރެއް ކަމުން އޭނާގެ މަސައްކަތްތައް އަބަދުވެސް ބަލާހިތްވާ ކަމަށެވެ.

ކެޓްރީނާ މިހާރު އަންނަނީ އޭނާގެ އެންމެ ފަހުގެ ފިލްމު "ޓައިގާ 3"އަށް ލިބެމުން އަންނަ ބޮޑު ކާމިޔާބީ ފާހަގަ ކުރަމުންނެވެ. ޓައިގާ 3ގައި ކެޓްރީނާ ފެނިގެންދިޔައީ ސަލްމާން ޚާންއާއެކު "ޒޯޔާ"ގެ ރޯލުންނެވެ.