ތައިޕެއި (31 ޖެނުއަރީ) - އެމެރިކާ އަދި ޗައިނާގެ އަސްކަރީ އުޅަނދުތަކާއި ފްލައިޓްތައް ތައިވާންގެ އެއާ ޑިފެންސް އައިޑެންޓިފިކޭޝަން ޒޯން އަށް ވަދެފައިވާ ކަމަށް އެގައުމުން ބުނެފި އެވެ.

ތައިވާންގެ ޑިފެންސް މިނިސްޓްރީން ބުނީ އާދީއްތަ ދުވަހު ޗައިނާގެ އަސްކަރިއްޔާގެ ޖޭ-10 ގެ 2 ފައިޓާ ޖެޓް، ޖޭ-11 ގެ 4 ފައިޓާ ޖެޓާއި އަދި ވައި-8ގެ ރިކޮންނަސެންސް އެއާކްރާފްޓެއް ތައިވާންގެ ޕަރާޓާސް އައިލެންޑްސްގެ ސަރަހައްދުތަކަށް ވަދެފައިވާ ކަމަށެވެ. އަދި އެމެރިކާގެ ރިކޮންނަސެންސް އެއާކްރާފްޓެއް ވެސް އެ ގައުމުގެ ޑިފެންސް ޒޯންގައި ހަރަކާތްތެރި ވެފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މިއީ މިގޮތަށް ތައިވާންގެ އަސްކަރިއްޔާއިން އެމެރިކާގެ އުޅަނދުތަކުގެ ހަރަކާތްތަކުގެ މައުލޫމާތު ހާމަކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން އެމެރިކާގެ އަސްކަރިއްޔާގެ އުޅަނދުތައް އެގައުމުގެ ސަރަހައްދަށް ވަންނަ ކަމުގެ މައުލޫމާތު ތައިވާނުން ހާމަކޮށްފައެއް ނުވެ އެވެ. ސަލާމަތީ ބާރުތަކުން ބުނިގޮތުގައި އެމެރިކާގެ ވައިގެ ސިފައިންނާއި ކަނޑުގެ ސިފައިން އަބަދުވެސް ތައިވާންގެ ސަރަހައްދުތަކުގައި އަސްކަރީ ތަމްރީން ކުރިއަށްގެންދެ އެވެ.

ތައިވާނުން ވަނީ ޗައިނާގެ ފައިޓާ ޖެޓްތަކާއި ބޮން އަޅާ ބޯޓްތައް އެގައުމުގެ ސަރަހައްދުތަކަށް ވަންނަ ކަމުގެ ޝަކުވާކޮށްފަ އެވެ.

އެމެރިކާގެ އެއާކްރާފްޓް ކެރިއާ ސައުތު ޗައިނާ ކަނޑުގެ ސަރަހައްދަށް ވަދެފައިވާތީ، ޗައިނާއިން ވެސް ވަނީ އެމެރިކާއިން ބިރު ދެއްކުމުގެ ގޮތުން ކުރާ މިފަދަ ކަންތައްތައް ހުއްޓާލުމަށް އަންގާފަ އެވެ. އެމެރިކާއިން ބުނީ މިއީ އެމެރިކާއިން އަބަދުވެސް ކުރިއަށްގެންދާ އަސްކަރީ ތަމްރީންތަކުގެ ބައެއް ކަމަށެވެ.

ޗައިނާއިން ދައުވާކުރަނީ ތައިވާނަކީ ޗައިނާގެ ބައެއްގެ ގޮތުގައި ބޭއްވުމަށެވެ.

ޗައިނާއިން ގަބޫލުކުރާ ގޮތުގައި ތައިވާންގެ ސަރުކާރުން އެގައުމު ވަކި ގައުމެއްގެ ގޮތުގައި އޮތުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި މިއީ ޗައިނާއިން ގަބޫކުރާނެ ކަމެއް ނޫނެ އެވެ.

ޗައިނާއިން ވަނީ އެގައުމުން އަސްކަރީ ކަންކަން އިތުރުކުރަމުންދާތީ، މިއީ ވަކިވެގަތުމަށް މަސައްކަތްކުރުން ކަމަށާއި ހަނގުރާމަ އިއުލާން ކުރަންޖެހިދާނެ ކަމަށް ވަނީ ބުނެފަ އެވެ.

އެމެރިކާ އަދި ތައިވާން އަކީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމެއް ނޫނެ އެވެ. ނަމަވެސް އެމެރިކާއަކީ އެކި ކަންތައްތަކުގައި ތައިވާން އާއި އެންމެ ގިނައިން އެއްބައިވާ އަދި ހަތިޔާރު އެންމެ ގިނައިން ފޯރުކޮށްދޭ ފަރާތެވެ.