އޮކްސްފޯޑު ޔުނިވަސިޓީއާއި އެސްޓްރަޒެނެކާއިން އުފެއްދި ކޮވިޑް-19 ވެކްސިން ޓެސްޓުތަކުގައި ބައިވެރި މީހަކު ބަލިވުމުގެ ސަބަބުން ޓެސްތްތައް މެދުކަނޑާލާފައި އޮތުމަށްފަހު އަލުން ފަށައިފި އެވެ.

އަންގާރަ ދުވަހު އެސްޓްރަޒެނެކާއިން ބުނީ ވެކްސިން ޓެސްޓްތަކުގެ އެންމެ ފަހު މަރުހަލާ ތަކުގައި ބައިވެރިވި މީހަކު ބަލިވުމުން، އެއީ ވެކްސިންގެ ސަބަބުން ދިމާވި ކަމެއްތޯ ބެލުމަށްޓަކައި ތަހުގީގެއް ކުރުމުގެ ގޮތުން ވެކްސިން ޓެސްޓްތައް ވަގުތީ ގޮތުން މެދުކަނޑާލީ ކަމަށެވެ.

ނަމަވެސް ވެކްސިންގެ ޓެސްޓްތައް އިނގިރޭސިވިލާތުގެ ހުރިހާ ހިސާބެއްގައި ވެސް މިހާރު އަލުން ފަށާފައިވާ ކަން އޮކްސްފޯޑު ޔުނިވަސިޓީއިން ވަނީ ޔަގީންކޮށްދެއްވާފަ އެވެ.

ޓެސްޓްތައް އަލުން ފަށާފައިވާއިރު ނޫސްވެރިންގެ ބައްދަލުވުމެއްގައި ސަރުކާރުގެ ޗީފް ސައިންޓިފިކް އެޑްވައިޒާ ޕެޓްރިކް ވެލޭންސް ވިދާޅުވި ގޮތުގައި އޮކްސްފޯޑް ވެކްސިން ޓެސްޓްތަކުގައި ދިމާވި ކަމަކީ އާދަޔާހިލާފު ކަމެއް ނޫން ކަމަށާއި ހުރިހާ ވެކްސިން ޓެސްޓްތަކުގައި ވެސް އެގޮތަށް ދިމާވެ އެވެ.

އޮކްސްފޯޑު ޔުނިވަސިޓީއިން ބުނީ ދުނިޔޭގެ އެކި ކަންކޮޅުތަކުން މިހާތަނަށް 18،000 މީހުންނަށް މި ވެކްސިން ޓެސްޓްކުރެވިފައިވާ ކަމަށެވެ. އަދި މިފަދަ ބޮޑު ޓެސްޓްތަކުގައި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ބަލިވާ ކޮންމެ މީހެއްގެ ކޭސްވެސް ވަކިން ތަހުގީގު ކުރަން ޖެހޭނެ ކަމަށް ވެސް އެ ޔުނިވާސިޓީން ބުންޏެވެ.

އޮކްސްފޯޑުގެ ވެކްސިނަކީ ކްލިނިކަލް ޓެސްޓްތަކުގެ ތިން ވަނަ މަރުހަލާއާއި ހަމައަށް ވާސިލްވި ތިން ވެކްސިނުގެ ތެރޭގައި ހިމެނޭ ވެކްސިނެކެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާގެ ވެސް އެންމެ އުންމީދީ ވެކްސިނެވެ. -ޑެއިލީ މެއިލް