ދެހާސް ހަތްވަނަ އަހަރު ދައްކަން ފެށި "ކީޕިން އަޕް ވިތް ދަ ކާޑޭޝިއަންސް" ވެގެންދިޔައީ ރިއަލިޓީ ޝޯތަކުގެ ބޮޑު މަންޒަރު މުޅިން ބަދަލުކޮށްލި ޝޯއަކަށެވެ.
މި ޝޯ ބޮޑު ހިޓަކަށްވެ ކާޑޭޝިއަން އަދި ޖެނާ އާއިލާގެ މެންބަރުން ވަނީ ސުޕަސްޓާރުންނަށް ވެފަ އެވެ.
ސާދަ އަހަރާއި ވިހި ސީޒަނަށްފަހު މި ޝޯ ނިންމާލާއިރު އެންމެ ފަހު ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ މާޗް މަހުގެ ތެރޭގަ އެވެ.
މި ޝޯ ހުއްޓާލަން ނިންމާފައިވާ ކަން އިއުލާނުކުރީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި އެ އާއިލާގެ ހުރިހާ މެމްބަރުންގެ ފަރާތުން ސޯޝަލް މީޑިއާ މެދުވެރިކޮށް އާންމުކުރި ބަޔާނަކުންނެވެ.
އެ ބަޔާނުގައި ބެލުންތެރިން އެ ޝޯއަށް ދިން ތަރުހީބު ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެ އެވެ.
ޝޯ ނިންމާލަން ނިންމި ނިންމުމާއި ގުޅޭގޮތުން އެލެން ޝޯގައި ވާހަކަދައްކަމުން ކްރިސް ޖެނާ ބުނެފައިވަނީ އެއީ އެންމެ ފަހު ވަގުތުގައި ކުއްލި ގޮތެއްގައި ނިންމި ނިންމުމެއް ކަމަށެވެ.
"އަހަރެމެން އެންމެންވެސް ނިންމީ ކުރިއަށް ހުރި އަހަރުތަކަށްވެސް ކޮންޓްރެކްޓް އާ ކުރުމަށް. އެކަމަކު އާއިލާ އެންމެނަށް ވެސް ވިސްނުނީ މިއީ ނިންމާލަންވީ ވަގުތު ކަމަށް،" ކްރިސް ޖެނާ ބުންޏެވެ.
ކާޑޭޝިއަންސް އާއި ޖެނާ އާއިލާގެ ގިނަ މެންބަރުންނަކީ މިހާރު ބޮޑެތި ވިޔަފާޜިވެރިންނެވެ. އެގޮތުން އެމީހުންގެ ހެދުން ބްރޭންޑްތަކާއި މޭކްއަޕް ބްރޭންޑްތަކުގެ މަސައްކަތުގައި އެމީހުން އުޅެނީ އަވަދިނެތި އެވެ. މިއީ މި ޝޯ ނިންމާލަން ނިންމި މައިގަނޑު އެއް ސަބަބު ކަމަށް ބެލެވެ އެވެ.
މި ޝޯ ނިމުމާ ގުޅޭ ގޮތުން ކިމް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ބައެއް ފަހަރު އެމީހުން ވެސް ބްރޭކެއް ބޭނުންވާ ކަމަށެވެ. އެގޮތުން ކެމެރާ ކުރިމަތީގައި ބްރޭކެއް ނެތި 14 އަހަރު ހޭދަކުރެވިއްޖެ ކަމަށާއި މިހާރު ބޭނުންވަނީ ދަރިންނަށް ވަގުތު ދޭން ކަމަށެވެ.
އެންމެ ފަހު ސީޒަން ދެއްކުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ މާޗް މަހުގެ ތެރޭގަ އެވެ. ނަމަވެސް ސީދާ ތާރީހު ހާމަކޮށްފައެއް ނުވެ އެވެ.