2020 ވަނަ އަހަރު މަރުވި ބޮލީވުޑްގެ ތަރި ސުޝާންތު ސިންހް ރާޖްޕުތުގެ ޖަނާޒާއިން އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އޭނާގެ ކުރީގެ ލޯބިވެރިޔާ އަންކިތާ ލޯކަންޑޭ އެތަނުން ނުފެނުމެވެ.

ގާތްގަނޑަކަށް ހަތް އަހަރު ދުވަހު ރައްޓެހިވެގެން އެކުގައި އުޅުމަށްފަހު ރުޅިވެގެން މާ ގިނަ ދުވަސްތަކެއް ނުވަނީސް ސުޝާންތު މަރުވުމުން އަންކިތާ އޭނާގެ ޖަނާޒާއަށް ދާނެ ކަމަށް ގިނަ ބަޔަކު ހީކުރި އެވެ.

ފާއިތުވި ތިން އަހަރު ދުވަހު އެކަމާ ބެހޭ ގޮތުން ވާހަކަ ނުދައްކާ ހުުރުމަށްފަހު އަންކިތާ އެންމެ ފަހުން މިވަނީ އޭނާގެ އިހުސާސްތައް ބަންޑުން ކޮށްލާފަ އެވެ.

ބިގްބޮސް 17ގެ ބައިވެރިޔާ މުނައްވަރު ފާރޫގީއާއެކު ދެއްކި ވާހަކައެއްގެ ތެރެއިން އަންކިތާ ބުނީ ސުޝާންތުއަކީ ވަރަށް ރަނގަޅު އިންސާނެއް ކަމަށާއި އޭނާއަށް އަލްވަދާއު ކިޔަން ދާނެ ހިތްވަރު ނުލިބުނީ ކަމަށެވެ.

https://twitter.com/i/status/1726660157210542532

"އަހަންނަށް މީގެ ކުރިން އެކަހަލަ ތަޖުރިބާއެއް ކުރެވިފައެއް ނެތް. ޖަނާޒާއަށް ގޮސް އެ މަންޒަރު ބަލަން ހުންނަން އަހަންނަށް ހިތްވަރު ނުލިބުނީ،" އަންކިތާ ބުންޏެވެ.

އަންކިތާއާއި ސުޝާންތު ވަނީ ހިންދީ ސީރީޒުއެއް ކަމަށްވާ ޕަވިތުރާ ރިޝްތާގައި އެކުގައި މަސައްކަތް ކޮށްފަ އެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީ އެ ދުވަސްވަރު އެވެ.

ސުޝާންތު ދަންޖެހިގެން މަރުވެފައި ހުއްޓާ ފެނުނީ 2020 ވަނަ އަހަރުގެ ޖޫން މަހުގެ 14 ވަނަ ދުވަހު އެވެ. އެ މައްސަލާގައި އޭރު އޭނާ ރައްޓެހިވެގެން އުޅުނު ކަމަށް ބުނާ ރިއާ ޗަކްރޮބޮތީއާ ސުވާލު ވެސް ކުރެވުނެވެ.