ސަރުކާރުގެ ހަރަދުގައި ހައްޖަށް ގެންދާ ފުރަތަމަ ގުރޫޕު އަންނަ އަހަރު ހައްޖަށް ގެންދާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. ޝަހީމް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ރައީސް މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް ދައުލަތުގެ ހަރަދުގައި 1،000 މީހުން ފަސް އަހަރުގެ ތެރޭގައި ޙައްޖަށް ފޮނުވުމުގެ މަސައްކަތުގެ ތެރެއިން، ފުރަތަމަ ބެޗު އަންނަ އަހަރު ހައްޖަށް ފޮނުއްވާނެ ކަމަށެވެ.

އަންނަ އަހަރު ދައުލަތުގެ ހަރަދުގައި ހައްޖަށް ގެންދާނެ މީހުންގެ އަދަދު ކަނޑައެޅިގެންދާނީ ހައްޖަށް މީހުން ގެންދިއުމަށް ލިބޭ ކޯޓާގެ އަދަދު ރަސްމީކޮށް ކަނޑައެޅުމުންކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އަދި މި ޕްރޮގުރާމުގެ ދަށުން ސަރުކާރުގެ ހަރަދުގައި ހައްޖަށް ފޮނުވާ މީހުން ކަނޑައެޅުމުގައި އަމަލުކުރާނެ އުސޫލު ވަރަށް އަވަހަށް އެކުލަވާލައި އިއުލާނުކުރައްވާނެ ކަމުގައި ވެސް މިނިސްޓަރު ޝަހީމް ވިދާޅުވި އެވެ.

ކޮންމެ އަހަރަކު ވެސް އާންމުކޮށް ސައުދީން ދިވެހި ރާއްޖެއަށް ދެމުން އަންނަނީ 1،000 ހައްޖު ކޯޓާ އެވެ. ނަމަވެސް ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އެ އަދަދު ކޮންމެ އަހަރަކު ވެސް ސަރުކާރުން އެދިގެން 2،000 އަށް އިތުރުކޮށްދިނެވެ. ރައީސް ސޯލިހުގެ ވެރިކަމުގައި އިތުރު ކޯޓާ ލިބިފައިނުވެ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު

ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި 1000 ފަގީރުން ހައްޖަށް ފޮނުވުމަކީ ރައީސް މުއިއްޒުގެ ވައުދެކެވެ. މީގެ އިތުރުން ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް މ. އަތޮޅަށް ކުރެއްވި ދަތުރުގައި ހައްޖު ކޯޕަރޭޝަން ހަރުދަނާކޮށް، ހައްޖަށްދާ ދިވެހިންގެ އަތުން ހޭދަވާ އަގު ކުޑަކޮށްދެއްވާނެ ކަމަށް ވެސް ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް މުއިއްޒުގެ ރިޔާސީ ވައުދާއެއް ގޮތަށް ހައްޖުގެ ކަންތައްތައް ހަރުދަނާ ކުރުމަށް އިސްލާމިކް މިނިސްޓަރު ޝަހީމް އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.