ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނީ 2026 ވަނަ އަހަރު ކަމަށް މިނިސްޓަ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ، އަބްދުالله މުއްތަލިބު ވިދާޅުވެއްޖެ އެވެ.

އިމާރާތް ކުރުމާ ބެހޭ މިނިސްޓްރީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު މުއްތަލިބް ވިދާޅުވީ ތިލަމާލެ ބްރިޖުގެ މަސައްކަތް އެއްކޮށް ނިމޭނީ 2026 ވަނަ އަހަރު ކަމަށެވެ. އެހެން ނަމަވެސް ތިލަމާލެ ބްރިޖުން މާލެ އާއި ވިލިމާލެއާ ގުޅުވައިދޭ ބްރިޖުގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މުޅި ބްރިޖުގެ މަސައްކަތް ނިމޭނެކަމަށް ލަފާކުރެވުނު ތާރީހަކީ 2024 ވަނަ އަހަރުގެ މެއި މަހުގެ 17 ވަނަ ދުވަސް ކަމަށް ވީ ނަމަވެސް މިހާރު އެ ތާރީހަށް ނުނިމޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ބްރިޖުގެ މަސައްކަތް މާބޮޑަށް ވެސް ލަސްވެފައިވާ ކަމަށެވެ.

"އެއްބަސްވުމެއް ނެތް [ކުރީ ސަރުކާރުން ހެދި] ކޮންޓްރެކްޗުއަލް ކޮމިޓްމެންޓެއް ނެތް. ނަމަވެސް އަންނަ އަހަރު 2024 ޑިސެމްބަރުގެ ނިޔަލަށް ވިލިނގިލި- މާލެ ގުޅާލަން ވަނީ އެއްބަސްވެފައި. މުޅި ބްރިޖް އެއްކޮށް ނިމޭނީ މިހާރު 2026 އަށް" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ބްރިޖްގެ މަސައްކަތުގެ ކޮންޓްރެކްޓް ބެހިފައިވަނީ ދެ ބަޔަކަށް ކަމަށާއި އެއީ ސެކްޝަން އޭ އާއި ސެކްޝަން ބީ ކަމަށެވެ. ސެކްޝަން އޭގައި ހިމެނެނީ މާލެއިން ފެށިގެން ގުޅިފަޅާއި ހަމައަށް ގުޅާލުމެވެ.

ސެކްޝަން ބީގައި ހިމެނެނީ ގުޅީފަޅުން ފެށިގެން ތިލަފުއްޓާ ހަމައަށް ގުޅާލުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.