މާލެ އާއި ވިލިމާލެ އާއި ގުޅީފަޅު އަދި ތިލަފުށި ގުޅާލާ "ތިލަމާލެ" ބްރިޖުގެ މަސައްކަތް ލަސްވަނީ އެ މަސައްކަތް ހަވާލު ކުރި އިންޑިއާގެ އެފްކޮންސް އިންފްރާސްޓްރަކްޗާގެ ތަޖުރިބާ މަދުވުމުގެ ސަބަބުން ކަމަށާއި އެއީ ނާގާބިލް ކުންފުންޏެއް ގޮތުގައި ގަބޫލު ނުކުރައްވާ ކަމަށް އިންފްރާސްޓްރަކްޗާ މިނިސްޓަރު، ޑރ. އަބްދުﷲ މުއްތޮލިބް މިއަދު ވިދާޅުވެއްޖެ އެވެ.

ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މުއްތޮލިބް ވިދާޅުވީ ރާއްޖޭގައި ބްރިޖު އެޅުމަކީ ދުނިޔޭގެ އެހެން ތަންތަނުގައި ބްރިޖު އެޅުމަށްވުރެ އުނދަގޫ ކަމެއް ކަމަށެވެ. އިންޑިއާގެ މި ކުންފުންޏަކީ ކަނޑުގައި ތަނބުތައް ޖަހައިގެން ބްރިޖު އެޅި ބަޔަކަށް ނުވި ނަމަވެސް، ދުނިޔޭގެ އެކިކަންކޮޅުތަކުގައި އެ ކުންފުނިން ބްރިޖާއި އެ ނޫން ވެސް މަޝްރޫއުތައް ކުރިއަށް ގެންގޮސްފައިވެ އެވެ.

ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި މިހާތަނަށް ބެލި ބެލުމުން މަސައްކަތުގެ ބުރަކަމާއި އުނދަގޫކަން ނޭނގި އެފްކޮންސްއިން މަސައްކަތް ފެށުމުން މަސައްކަތް ލަސްވެގެން ދިޔައީ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ބައްލަވާލައްވަނީ. --- ފޮޓޯ: ރައީސް އޮފީސް

"އެއީ ވަރަށް އޮއި ގަދަ ކަނޑުއޮޅިތަކެއްގައި މި އަޅަނީ މޮންސޫން ސްވެލްސްތަކާ އެއްޗެހި، ބޮޑެތި ރާޅުތަކާ އެއްޗެހި އާދޭ، އަދި އެއާއެއްކޮށް ޖިއޯ ޓެކްނިކަލް، މާނައަކީ ބިމުގެ އަޑީގައި ހުންނަ ހާލަތު ވެސް އެހެން ގައުމުތަކުގައިހާ، ޔުނިފޯމް، އެއްގޮތެއް ނޫން،" ފުން ސަރަހައްދުތަކުގައި ތަނބުތައް ޖެހުމަށް ގޮންޖެހުމާ ކުރިމަތިވާކަން ފާހަގަ ކުރައްވައި މުއްތޮލިބް ވިދާޅުވި އެވެ.

ސިނަމާލެ ބްރިޖު މަޝްރޫއު ކުރިއަށް ގެންދިޔަ އިރު، އެ މަސައްކަތް އެންމެ ގާތުން ބެއްލެވި އެއް ބޭފުޅާ ކަމުގައިވާ މުއްތޮލިބް ވިދާޅުވީ ސިނަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށް ދިޔައިރު ވެސް އެ ގޮންޖެހުމާ ކުރިމަތިވި ކަމަށެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސް މުއިއްޒު ބައްލަވާލައްވަނީ.. ފޮޓޯ: ރައީސް އޮފީސް

މުއްތޮލިބް ވިދާޅުވީ ރާއްޖެ ފަދަ ގައުމެއްގައި ބްރިޖު އެޅުމުގެ ސީދާ ތަޖުރިބާ ނެތް ބަޔަކަށްވެއްޖެނަމަ މަސައްކަތް ކުރަންޖެހޭ ގޮތް ދަސްވުމަށް ވަގުތުކޮޅެއް ނަގާނެ ކަމަށާއި އެފްކޮންސް އިން ވެސް އެކަން ދަސްކުރަން ވަގުތު ނެގި ކަމަށެވެ. އަދި މިހާރު ހުރި މެޝިނަރީޒްތަކާ އެކީގައި މަސައްކަތް ލަސްނުވެ ކުރިއަށްދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.

"ނަމަވެސް މިދިޔަ ހަފްތާގެ ތެރޭގައި ތަންކޮޅެއް ބޮޑު، ޖެކަޕް ބާޖެއް އައިސް މަސައްކަތް ފަށައި މިހާރު ތިން ޖެކަޕް ބާޖު މިހާރު މަސައްކަތް ކުރަމުން އެ ދަނީ. އެއީ މަހާރާނީ، މަހާރާޖާ އަދި މަހަކްސިޔާ. މި ތިން ޖެކަޕް ބާޖު ތިޔަބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ މާލެ އާއި ވިލިމާލެއާ ދޭތެރޭގައި މިހާރު މަސައްކަތް ކުރަމުން އެ ދަނީ،" މުއްތޮލިބް ވިދާޅުވި އެވެ.

މުއްތޮލިބް ވިދާޅުވީ އެ ތިން ޖެކަޕް ބާޖާ އެކީގައި ބާރަށް މަސައްކަތް ކުރިއަށް ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އަދި މިހާރު އެއްބަސްވެފައިވާ މުއްދަތަށް ނުވަތަ އެއަށް ވުރެ އަވަހަށް މަސައްކަތް ނިންމުމަށް ކުރަން ޖެހޭ ކަންކަން ކުރުމަކީ އަމާޒެއް ކަމަށް މުއްތޮލިބް ވިދާޅުވި އެވެ.

ކުރީގެ ސަރުކާރުން މާލެ-ވިލިމާލެ-ގުޅީފަޅު އަދި ތިލަފުށީ ގުޅުވާލާ ބްރިޖުގެ އެއްބަސްވުމުގައި ސެޕްޓެމްބަރު 16، 2021 ގައި ސޮއިކުރީ އެ ހުރިހާ މަސައްކަތެއް މެއި 17، 2024 އަށް ނިންމާ ގޮތަށެވެ. ނަމަވެސް، އެއްބަސްވުމާ އެއްގޮތަށް މަސައްކަތް ނުނިމި ދިގުލައިގެން ގޮސްފައިވަނިކޮށް، ކުރީގެ ސަރުކާރު ނިމެން އެއް ދުވަހަށް ވެފައިވަނިކޮށް، ނޮވެމްބަރު 16 ގައި އެ އެއްބަސްވުމުގެ މުއްދަތު ސެޕްޓެމްބަރު 30، 2026 އަށް ވަނީ އިތުރުކޮށްފަ އެވެ.

މާލެއިން ފެށިގެން ގުޅިފަޅާ ހަމައަށް ގުޅާލަން ފުރަތަމަ އެއްބަސްވީ 27 މަސް ދުވަހެވެ. ޝެޑިއުލާ އެއްގޮތަށް މަސައްކަތް ގެންދިޔަ ނަމަ، އަންނަ މަހުގެ 14 ވަނަ ދުވަހު އޮންނަން ވާނީ މާލެއިން ފެށިގެން ގުޅީފަޅާ ހަމައަށް ގުޅާލައިފަ އެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.