ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކްރެޑިޓް ކާޑު ކަސްޓަމަރުންނަށް ހާއްސަ ލޯޔަލްޓީ ޕްރޮގްރާމް "ބީއެމްއެލް ރިވޯޑްސް" އަށް ލޯކަލް ގިފްޓް ވައުޗާ އަދި އެއާލައިން މައިލްސް އެކްސްޗޭންޖް އިތުރުކޮށްފި އެވެ.

ބީއެމްއެލް އިން ބުނިގޮތުގައި މި ބަދަލާއެކު ހޮޓެލް، ފްލައިޓް އަދި ގިފްޓް ކާޑުގެ އިތުރުން، ބީއެމްއެލް ރިވޯޑްސް ފޮއިންޓް ބޭނުންކޮށްގެން ކަސްޓަމަރުންނަށް ގަތަރު އެއާވޭސް، އެއާ އޭޝިއާ އަދި ސްރީލަންކަން އެއާލައިންސް ފަދަ އެކިއެކި އެއާލައިންސްތަކުގެ ފްރީކުއެންޓް ފްލެޔާ މައިލްސް ހޯދޭނެ އެވެ. މީގެ އިތުރުން ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން މެންގޯ، އެޑިޑާސް، މިނީސޯ، ތައިވޮކް، ކޮކޯއަ ޓްރީސް، ހަމީދިއާ އަދި ސޮނީ ސްޕޯޓްސް ފަދަ ރާއްޖޭގެ ރީޓެއިލް ފިހާރަތަކުގެ ވައުޗާ ވެސް މިހާރު ލިބޭނެ ކަމަށް އެ ބޭންކުން ބުނެ އެވެ.

ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ ބީއެމްއެލް ރިވޯޑްސް ޕްރޮގްރާމަށް ރިޑީމް ކުރެވޭ އާ ގޮތްތައް އިތުރުކޮށް، ކަސްޓަމަރުންނަށް ރިޑީމްކުރުމުގެ އިތުރު ފުރުސަތަކެއް ހޯދަދިނުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

"އަޅުގަނޑުމެންގެ ލޯޔަލްޓީ ޕްރޮގްރާމަކީ ރާއްޖޭގައި މިގޮތަށް ކާމިޔާބުކަމާއެކު ހިނަގަމުންދާ އެންމެ ބޮޑު ޕްރޮގްރާމް. ފްލައިޓް، ހޮޓެލްސް، ގިފްޓް ކާޑުގެ އިތުރުން މިހާރު މިވަނީ އެއާލައިން މައިލްސް ރިޑީމް ކުރެވޭ ގޮތް ހަމަޖެހިފައި،" އޭނާ ވިދާޅުވި އެވެ.

ބީއެމްއެލް ރިވޯޑްސް ޕޮއިންޓް ބޭނުންކޮށްގެން ގިފްޓް ވައުޗަރާއި އެއާލައިން މައިލްސް މިހާރު ލިބޭނެ. ފޮޓޯ: ބީއެމްއެލް

ބީއެމްއެލް އިން ބުނިގޮތުގައި އެމެރިކަން އެކްސްޕްރެސް، ވިސާ އަދި މާސްޓަ ކާޑުގެ ކްރެޑިޓް ކާޑު ބޭނުންކުރާ އަމިއްލަ ފަރުދުންނަށް ބީއެމްއެލް ރިވޯޑްސް އަށް ރެޖިސްޓާ ކުރެވޭނެ އެވެ. އަދި ރެޖިސްޓާ ކުރުމަށްފަހު ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަސްޓަމަރުން ކުރާ ވިޔަފާރިތަކަށް ޕޮއިންޓް ލިބޭނެ ކަމަށް ވެސް އެ ބޭންކުން ބުނެ އެވެ. މި ގޮތަށް ލިބޭ ޕޮއިންޓް ބޭނުންކޮށްގެން އެއާލައިންސް، ހޮޓެލްސް، ކާރު ކުއްޔަށް ނެގުމުގެ އިތުރުން އަލަށް އިތުރު ކުރެވުނު ރާއްޖޭގެ އެކި ބްރޭންޑްތަކުގެ އިތުރުން އެމޭޒަން، ގޫގުލް ޕްލޭ، އެޕަލް ފަދަ ފާހަގަކޮށްލެވޭ ބްރޭންޑްތަކުގެ ގިފްޓް ކާޑު ވެސް ހޯދުމުގެ ފުރުސަތު ލިބޭނެ ކަމަށް ބީއެމްއެލް އިން ބުނެ އެވެ.