ވޮޝިންޓަން (1 ފެބްރުއަރީ) - ނިއުކްލިއާ ހަތިޔާރު ހޯދުމަށް ބޭނުންވާ ވަރަށް ތަކެތި އުފެއްދުމަށް އީރާންނަށް މިހާރު ބޭނުންވަނީ މަދު ދުވަސްކޮޅެއް ކަމަށް އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް އެންތަނީ ބްލިންކެން ވިދާޅުވެއްޖެ އެވެ.

މިޑިއާއަށް ދެއްވި އިންޓަވިއުއެއްގައި ބްލިންކެން ވިދާޅުވީ 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ ޑީލަށް އަމަލުކުރުމަށް އީރާނުން ހުއްޓާލައި، ކުރިއެކޭ އެއްގޮތަށް ޔުރޭނިއަމް އުފެއްދުމުގެ މަސައްކަތް ކުރިއަށް ގެންދާނަމަ އީރާނަށް ދެން ބޭނުންވާނީ މަދު ހަފްތާތަކެއް ކަމަށެވެ.

އެމެރިކާއިން އީރާންގެ ނިއުކްލިއާ ޑީލް އަލުން އަނބުރާ އިއާދަކުރުމަށް ބޭނުންވާ ކަމަށާއި، މިފަހަރުގެ އެއްބަސްވުން ވާނީ ކުރީގެ އެއްބަސްވުމަށް ވުރެ ވަރުގަދަ އަދި ހުރިހާ ގޮތަކަން އީރާނަށް ފައިދާކުރާނެ އެއްބަސް ވުމަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންކަމުން އީރާނުން ކޮންމެ ވެސް ވަރަކަށް ދޫ ދޭން ޖެހޭ ކަމަށް ވެސް ބްލިންކެން ވިދާޅުވި އެވެ.

އީރާނާއެކު 2015 ވަނަ އަހަރު އެކުލަވާލި ނިއުކްލިއާ ޑީލްގެ ދަށުން އެއްބަސްވި ކަންކަމަށް އީރާނުން އަމަލުކުރުމަށް ހުއްޓާލީ، އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އީރާނަކީ މެދުއިރުމަތީގެ ސުލްހަ މަސަލަސްކަން ނަގާލާ އަދި ޓެރަރިސްޓް ޖަމާއަތްތަކަށް ވާގިވެރިވާ ގައުމެއް ކަމަށް ތުހުމަތުކޮށް ނިއުކްލިއާ ޑީލްއިން ވަކިވުމާ ގުޅިގެންނެވެ.

ޖުލައި4، 2015 ގައި ޔޫރަޕިއަން ޔޫނިއަން އަދި ޗައިނާ، ފްރާންސް، ރަޝިޔާ، އިނގިރޭސިވިލާތް، ޖާމަނީ އަދި އެމެރިކާއިން ގުޅިގެން ވަނީ އީރާނާއެކު ޖޮއިންޓް ކޮމްޕްރެހެންސިވް ޕްލޭން އޮފް އެކްޝަން ޕްލޭން ނަމުން ނަންދެވި އެއްބަސްވުމެއްގައި ސޮއި ކޮށްފަ އެވެ.

މި އެއްބަސްވުމުގެ ދަށުން އީރާން ނިއުކްލިއާ ހަތިޔާރު ހޯދުމަށް ކުރަމުންދާ މަސައްކަތް މަޑުޖައްސާލުމުގެ ބަދަލުގައި އީރާނަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަށް އުވާލައި އަދި ދުނިޔޭގެ އެކިގައުމުތަކާއެކު ވިޔަފާރި ކުރުމުގެ ފުރުސަތު އީރާނަށް ލިބިގެންދާނެ އެވެ.

ބްލިންކެން ވިދާޅުވި ގޮތުގައި މިފަހަރުގެ އެއްބަސްވުމުގައި އެމެރިކާއިން އިތުރު ކަންތައްތަކެއް ވެސް ކުރުމަށް ބޭނުންވެ އެވެ. އޭގެ ތެރޭގައި އީރާނުން ހައްޔަރުކޮށްފައިވާ އެމެރިކާގެ ރައްޔިތުން އެއްވެސް ޝަރުތަކާނުލައި ދޫކުރަން ޖެހޭނެ އެވެ. ނަމަވެސް އީރާނުން ވަނީ މިކަންކަމަކީ މި އެއްބަސްވުމުގެ ތެރޭގައި ހިމެނޭނެ ކަމެއް ނޫން ކަމަށާއި އީރާނުން މިކަން ކަމަށް އެއްބަސް ނުވާނެ ކަމަށް ބުނެފަ އެވެ.

އީރާން ފޮރިން މިނިސްޓްރީގެ ސްޕޯކްސްމަން ސައީދު ކަތިބް ޒަދެހް ވިދާޅުވީ ނިއުކްލިއާ އެއްބަސްވުމަކީ ގިނަ ގައުމުތަކެއް އެކުލެވިގެން ކުރިއަށްދާ ބައިނަލްއަގްވާމީ އެއްބަސްވުމެއް ކަމަށާއި، މިއީ ޔޫއެން ސެކިއުރިޓީ ކައުންސިލުގެ ނިންމުން 2231ގައި ނިންމާފައި ކަމެއް ކަމަށާއި މި އެއްބަސްވުމުގެ ދަށުން ނިންމާފައިވާ ކަންކަމަކީ އެއްވެސް ގައުމަކުން ބޭނުންވިޔަށް ބަދަލުނުކުރެވޭނެ ކަންކަން ކަމަށް ވިދާޅުވި އެވެ. - އަލްޖަޒީރާ