މިޔަންމާގެ އިންތިހާބުގައި މަކަރު ހެދިކަމަށް ތުހުމަތުކޮށް، ޑިފެކްޓޯ ލީޑަރު އަންގް ސަން ސޫކީ އާއި ވެރިކަންކުރާ ނެޝަނަލް ލީގް ފޯ ޑިމޮކްރަސީ ޕާޓީގެ އިސްވެރިންތައް މިޔަންމާ އަސްކަރިއްޔާއިން ހައްޔަރުކޮށް އަސްކަރީ ބަޣާވާތެއް ގެނައުމާއި ގުޅިގެން ދުނިޔޭގެ ގައުމުތަކުން މިކަން ކުށްވެރިކޮށްފި އެވެ.

އަސްކަރިއްޔާއިން ވަނީ މިޔަންމާގައި އެއް އަހަރު ދުވަހުގެ މުއްދަތަށް ކުއްލި ނުރަކަލުގެ ހާލަތު އިއުލާންކޮށް، ސަރުކާރުގެ ބާރުތަކާ ސިފައިން ހަވާލުވެފައިވާ ކަމަށާއި އަދި މިހާރު ސަރުކާރުގެ އެންމެ އިސްމީހަކީ ސިފައިންގެ ވެރިޔާ މިން އައުންގް ލައިން ކަމަށް ހާމަކޮށްފަ އެވެ.

އަސްކަރިއްޔާއިން ހާމަކުރި ގޮތުގައި މިޔަންމާގެ ސަރުކާރު އިސްވެރިންނާއި، ރައީސް އަދި އަންސަން ސޫ ކީ ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރު ނޮވެމްބަރު މަހުގައި ބޭއްވުނު އާންމު އިންތިހާބު ކާމިޔާބުކުރުމަށް ނޭޝަނަލް ލީގް ފޯ ޑިމޮކްރަސީ (އެންއެލްޑީ) ޕާޓީއިން މަކަރު ހަދައި އޮޅުވާލާފައިވާތީ އެވެ.

އެންއެލްޑީން ވަނީ ސޫ ކީގެ ނަމުގައި ސްޓޭޓްމަންޓެއް ނެރެފަ އެވެ.

މި ސްޓޭޓްމަންޓްގައި ސޫ ކީ ވަނީ މިޔަންމާގެ ރައްޔިތުން މި ބަޣާވާތާ ދެކޮޅަށް ނުކުތުމަށް ގޮވާލާފަ އެވެ. އަދި އަސްކަރިއްޔާއިން މަސައްކަތްކުރަނީ އަނެއްކާ ވެސް އަސްކަރީ ވެރިކަމެއް ކުރުމަށް ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

ޗައިނާ ސަރުކާރުން މިޔަންމާގެ ހިނގާދިޔަ ކަންތަކާ ގުޅިގެން ފޮރިން މިނިސްޓްރީ ސްޕޯކްސްމަން ވެންގް ވެންބިން ވިދާޅުވީ ޗައިނާ އިން އުންމީދުކުރަނީ ދެ ފަރާތުން ވެސް ވާހަކަދައްކައިގެން ކަންކަން ހައްލުކުރުމަށް އިސްކަންދޭނެ ކަމަށެވެ. އަދި ގާނޫނާއި ގަވާއިދަށް ބޯލަނބައި ގައުމުގެ ސުލްހަމަސަލަސްކަމާއި ހަމަޖެހުން ގާއިމްކުމަށް މަސައްކަތްކުރާނެ ކަމަށެވެ.

ބަންގްލަދޭޝް ސަރުކާރުގެ ފޮރިން މިނިސްޓްރީން ބުނީ މިޔަންމާގެ ސުލްހަ މަސަލަސްކަމާއި، ހަމަޖެހުން ގާއިމްކުރުމަށް މަސައްކަތްކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ. އަދި އެގައުމުގެ ރޮހިންގިޔާ މުސްލިމުންގެ ކަންކަން ހަމަޖެއްސުމަށް ވަރަށް ގާތުން މަސައްކަތް ކުރާކަމުންދާ ކަމަށާއި އުންމީދަކީ ރޮހިންގިޔާ މުސްލިމުންނަށް ވެސް ރައްކާތެރި ގައުމަކަށް ވެގެންދިއުން ކަމަށް ބުނެފައިވެ އެވެ.

އޮސްޓްރޭލިޔާގެ ފޮރިން މިނިސްޓަރު މަރިސް ޕޭން ވިދާޅުވިގޮތުއި މިއީ ވަރަށް ކަންބޮޑުވާ ކަމެއްކަމަށާއި، މިޔަންމާގެ އަސްކަރިއްޔާއިން ގާނޫނާއި ގަވާއިދަށް އިހްތިރާމްކޮށް، ގާނޫނުގެ ތެރެއިން ކަންކަން ހައްލުކުރުމަށް މަސައްކަތްކުރުމަށާއި އަދި ހައްޔަރުކޮށްފައިވާ ހުރިހާ ލީޑަރުން ވަގުތުން ދޫކޮށްލުމަށް ގޮވާލާފައިވެ އެވެ.

އެމެރިކާ އަދި ޔޫރަޕިއަން ޔޫނިއަނުން ވަނީ ޑިމޮކްރަސީގެ ރީތި އުސޫލުތަކުން ބޭރުވުމަށް އަސްކަރިއްޔާއިން ކުރާ އަމަލުތައް ހުއްޓާލުމަށް ގޮވާލާފަ އެވެ. އަދި ޑިމޮކްރަޓިކް އިންތިހާބުން ރައްޔިތުންގެ ބަސް އިއްވާފައިވަނިކޮށް އެކަން ބަދަލުކުރުމަށް މަސައްކަތް ނުކުރުމަށާއި އަދި އެފަދަ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާނެކަމުގެ އިންޒާރުވެސް ވަނީ ދީފަ އެވެ.

މީގެ އިތުރުން ވެސް، އދ، އިންޑިއާ، ސިންގަޕޯ އިނގިރޭސިވިލާތް، ޖަޕާން، ޕިލިޕީންސް، ކެމްބޯޑިޔާ، އިންޑޮނޭޝިޔާ، މެލޭޝިޔާ، ހިޔުމަންރައިޓްސް ވޮޗް، ޖާމަނީ، ފްރާންސް، ނިއުޒިލޭން، އެމްނެސްޓީ އިންޓަނޭޝަނަލް، ސްޕެއިން، ޗެކްރިޕަބްލިކް، ތުރުކީ އަދި އިޓަލީން ވަނީ މިއަންމާގެ ބަޣާވާތް ކުށްވެރިކޮށްފަ އެވެ.