ޕީޕީއެމްގެ ރައީސް އަބްދުﷲ ޔާމީން އިސްވެހުންނަވާ އުފެއްދެވި ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އާ ހުރިހާ ރައްޔިތުން އަވަހަށް ގުޅިވަޑައިގަތުމަށް އެމަނިކުފާނު ދައުވަތު ދެއްވައިފި އެވެ.

ޔާމީން އަލަށް އުފައްދަވާ ސިޔާސީ ޕާޓީ، ޕީޕަލްސް ނެޝަނަލް ފްރޮންޓް (ޕީއެންއެފް) އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން މިއަދު ވަނީ ދީފަ އެވެ.

ޕާޓީގެ މުއައްސިސްގެ ގޮތުގައި ހުށަހަޅާފައި ވަނީ ޔާމީންގެ ދަރިކަލުން ޒެއިން އަބްދުﷲ ޔާމީން އެވެ. ޕާޓީ އުފެއްދުމުގެ ހުއްދަ ދިނީ އިލެކްޝަންސްގައި މިއަދު މެންދުރު ފަހު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ފަހު އިލެކްޝަން ކޮމިޝަން ބޭރުގައި ހުންނަވާ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވަނީ ރައީސް ޔާމީންގެ ހާއްސަ މެސެޖެއް ދެއްވައިފަ އެވެ.

ޑރ. ޖަމީލް ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުން އަވަހަށް ޕީއެންއެފްއާ ގުޅިވަޑައިގަތުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށެވެ.

ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީވެފައިވާ މީހުން ވެސް އަދި ޕާޓީއެއްގައި ރަޖިސްޓްރީ ނުވެތިބި މީހުން ވެސް އަވަހަށް ޕީއެންއެފްއާ ގުޅުމަށް ރައީސް ޔާމީން އެދިވަޑައިގަންނަވާ ކަމަށް ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ

"އެމަނިކުފާނު އެދިވަޑައިގަންނަވަނީ މިއަދު މިޕާޓީ ރަޖިސްޓްރީ ކުރުމުގެ ހުއްދަ ލިބުމާއެކީގައި މީހާ ހިސާބަށް އެމަނިކުފާނަށް ތާއިދު ކުރެއްވި ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ތިއްބެވި ހުރިހާ ބޭފުޅުން އެހެން ޕާޓީތަކާ ގުޅިވަޑައިގެން ތިއްބެވި ބޭފުޅުންކަމުގަވިޔަސް އެމަނިކުފަނުގެ އެދިވަޑައިގަތުމަކީ ވީހާވެސް އަވަހަށް ޕީޕީއެމް ވެސް ހިމެނޭ ގޮތަށް ހުރިހާ ފަރަތްތަކުން މި ޕާޓީއާ ގުޅިވަޑައިގަތުން" ރައީސް ޔާމިންގެ މެސެޖް ދެއްވަމުން ޖަމީލް ވިދާޅުވި އެވެ.

މީގެ އިތުރުން ޖަމީލް ވިދާޅުވީ މިޕާޓީ އުފައްދަން ޖެހުނު ސަބަބު ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް އެނގޭނެ ކަމަށެވެ. މި މަސައްކަތް ފެށުނީ ވަރަށް ބުރަ މަސައްކަތްތަކެއް ކޮށްގެން ރާއްޖެއަށް ދިމާވެފައި އޮތް ނުރައްކަލުން ސަލާމަތްވުމަށްޓަކައި ކަމަށެވެ.

"މިހާރު ރާއްޖޭގެ ހާލަތު ގޮސް އޮތް ހިސާބާ އަދި ކުރިމަތީ އޮތް ގޮންޖެހުންތަކަށް ރާއްޖޭގެ އިގްތިސާދުގެ ނާޒުކުކަމާ ރާއްޖޭގެ ރައްޔިތުންނަށް ރާއްޖޭގައި މިހުރި މައްސަލަތަކުން އަރައިގަތުމަށްޓަކައި ތެދުވެރިކަމާ އިހުލާސްތެރި ކަމާ އެކީ މަސައްކަތް ކުރާނެ ސިޔާސީ ފިކުރެއް އޮންނަން ޖެހޭ. އެ ފިކުރަކީ އަބަދުވެސް ރާއްޖޭގައި ރައީސް ޔާމީން ނިސްބަތްވެވަޑައިގަންނަވާ ކޮންޒަވޭޓިވް ފިކުރު." ޖަމީލް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ފަރާތްޕުޅުން ޕާޓީ އުފެއްދުމުގައި އިސްކޮށް އުޅުއްވަނީ އެމަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހްމަދާއި ކުރީގެ މިނިސްޓަރު މަލީހް ޖަމާލެވެ.

ޕީއެންއެފް ރަޖިސްޓްރީ ކުރުމަށްޓަކައި ގާނޫނުގައި ބުނާގޮތުން ޕާޓީ އުފެއްދުމުގެ ހުއްދަ ދިން ދުވަހުން ފެށިގެން ތިން މަސް ދުވަހުގެ ތެރޭގައި 3،000 މެމްބަރުންގެ ސޮއި ހަމަކުރަން ޖެހެ އެވެ. އެހެން ނަމަވެސް ޕީއެންއެފް އިން ވަނީ 24 ގަޑިއިރު ތެރޭ 3،000 މެމްބަރުން ހަމަކުރުމުގެ މަސައްކަތް ފަށައިފަ އެވެ.