ވޯލްޑު ޓްރެވަލް އެވޯޑްސްއިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑު، ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމަށް ލިބިއްޖެ އެވެ.

ދުބާއީގެ ބުރުޖް އަލް އަރަބުގައި ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސްގެ ގްރޭންޑު ފައިނަލު ހަފުލާގައި ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. މައުސޫމަށް ވަނީ ޓްރެވަލް ޕާސަނަލިޓީ އޮފް ދަ އިޔާ އެވޯޑް ލިބިގެން ގޮސްފަ އެވެ. މިއެވޯޑަކީ ކޮންމެ އަހަރަކު ވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ މީހަކަށް ދޭ އެވޯޑެކެވެ.

ޑރ. މައުސޫމަށް މި އެވޯޑު ލިބިވަޑައިގެންނެވި މައިގަނޑު ސަބަބުތަކުގެ ގޮތުގައި، ވޯލްޑް ޓްރެވަލް އެވޯޑްސްއިން ފާހަގަކުރީ ކޮވިޑްގެ ބަލިމަޑުކަމާއެކު ރާއްޖޭގެ ފަތުރުވެރިކަމަށް ކުރިމަތިވި ގޮންޖެހުންތަކުން އަރައިގަނެ، ކޮވިޑުގެ ކުރީގެ ހާލަތަށް ގެންގޮސްދިނުމަށް، އެ ދާއިރާގެ ވަޒީރުގެ ގޮތުގައި ހުންނަވާ ކުރެއްވި މަސައްކަތްތަކެވެ.

ކުރީގެ ވަޒީރު ވަނީ އޭނާއަށް ލިބުނު މި ކާމިޔާބީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތްތަކަށް ޑެޑިކޭޓްކުރައްވާ އެ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފަ އެވެ.

ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމު

މި އަހަރުގެ ވޯލްޑް ޓްރެވެލް އެވޯޑްގައި ރާއްޖެއިން 10 އެވޯޑް ހާސިލުކޮށްފައިވާއިރު، ދުނިޔޭގެ އެންމެ މަގުބޫލު ޓޫރިސްޓް މަންޒިލްގެ އެވޯޑު ވެސް ލިބުނީ ރާއްޖެއަށެވެ. އެންމެ ރޮމޭންޓީކް މަންޒިލާއި އެންމެ މަގުބޫލު ޕްރައިވެޓް އައިލެންޑުގެ އެވޯޑު ވެސް ހާސިލުކުރީ ރާއްޖެއިންނެވެ.

ވޯލްޑު ޓްރެވެލް އެވޯޑަކީ 1993 އިން ފެށިގެން ދުނިޔޭގެ ދަތުރުފަތުރުގެ ސިނާއަތުގައި އެންމެ ޝަރަފުވެރި އަދި އެންމެ ފާހަގަކޮށްލެވޭ އެވޯޑުތަކުގެ ގޮތުގައި މަޝްހޫރުވެފައިވާ އެވޯޑެވެ. އޭގެ ތެރޭގައި ސަރަހައްދީ، އަދި ދުނިޔޭގެ ފެންވަރުގެ ކެޓެގަރީތަކަށް ހާއްސަ އެވޯޑުތައް ހިމެނެ އެވެ.