ލިވަޕޫލްގެ ކެމަރޫން ޑިފެންޑަރު ޖޯލް މަޓިޕް އަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން މި ސީޒަންގައި އޭނާ ދެން ނުފެންނާނެ ކަމަށް އެ ކްލަބުން ބުނެފި އެވެ.

ލިވަޕޫލް އިން ބުނީ މަޓިޕް އަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، މި ސީޒަންގައި ދެން އޭނާ ނުފެންނާނެ ކަމަށެވެ. މަޓިޕްގެ ކުޑަ ހުޅަށް އަނިޔާވީ ޓޮޓެންހަމްއާ ދެކޮޅަށް މިދިޔަ ބުރާސްފަތި ދުވަހު ކުޅުނު މެޗުގަ އެވެ.

މަޓިޕްގެ އިތުރުން ލިވަޕޫލްގެ މުހިންމު ދެ ޑިފެންޑަރުން ކަމަށްވާ ވާޖިލް ވެން ޑައިލް އަދި ޖޯ ގޯމޭޒް ވެސް ތިބީ އަނިޔާގެ ސަބަބުން ކުޅުމާ ދުރުގަ އެވެ.

ލިވަޕޫލްގެ ޑިފެންސަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ހޯދުމުގެ ގޮތުން އެ ކްލަބުން ވަނީ ތުރުކީގެ ޒުވާން ޑިފެންޑަރު އޮޒާން ކަބަކް އަދި ބެން ޑޭވީސް ގެނެސްފަ އެވެ. – ބީބީސީ