މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން އިންތިހާއަށް އިތުރުވަމުންދާތީ، މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްކް އެޅުން މަޖުބޫރުކޮށް، މާދަމާ ރެއިން ފެށިގެން ރޭގަނޑު 8:30 ން ފަތިހު 4:30 އަށް މާލެ ސަރަހައްދުގައި ވެހިކަލް ދުއްވުން މަނާކުރަން ނިންމައިފި އެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ގެ ތަރުޖަމާނު ޑރ. ނަޒްލާ ރަފީގު ވިދާޅުވީ މާދަމާއިން ފެށިގެން އަޅާ ބައެއް ފިޔަވަޅުތަކީ ދެ ހަފުތާގެ މުއްދަތަކަށް އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.

އެޗްއީއޯސީން ވަނީ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސްއެޅުމުގެ އިތުރުން މާދަމާ ރެއިން ފެށިގެން 11:00 ން 4:30 އަށް މާލެ ސަރަހައްދުގައި ކާފިއު ދެ ހަފުތާގެ މުއްދަތަށް ހިންގުމާއި ޕާކުތަކާއި މައިޒާންތަކަށް މީހުން ޒިޔާރަތްކުރުން ކުރިޔަށް އޮތް ދެ ހަފުތާގައި ހުއްޓާލުން ހިމެނެ އެވެ.

ކޮވިޑް ކޭސްތައް އިތުރުވާން ފެށުމުން މިދިޔަ މަހުގެ 27 ވަނަ ދުވަހުން ފެށިގެން ރޭގަނޑު 12ން ފެށިގެން ފަތިހު 4:00 އަށް ބޭރުގައި އުޅުމަކީ މަނާ ކަމެކެވެ.

މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މާސް އެޅުން މަޖުބޫރުކުރަނީ އަންނަ އާދީއްތަ ދުވަހުން ފެށިގެންނެވެ.

މީގެ އިތުރުން ސަރުކާރުގެ އިދާރާތަކުގެ މަސައްކަތުގެ ތެރެއިން ގޭގައި ތިބެގެން ކުރެވެން ހުރި މަސައްކަތްތައް ގޭގައި ތިބެގެން ކުރަމުން ގެންދިއުމާއި ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެވެން ހުރި ހުރިހާ ހިދުމަތެއް އޮންލައިންކޮށް ދެމުން ގެންދިއުމާއި ކޮންމެހެން ނެރެން ޖެހޭ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ނެރުމުގައި އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް އަމަލުކުރަން ސަމާލުކަން ދިނުން ހިމެނެ އެވެ. އަދި އޮފީސްތަކުގައި ކެއިން ބުއިން ހުއްޓާލުމާއި ހައި ރިސްކް މީހުން ގޭގައި ތިބެގެން މަސައްކަތްކުރުން ވެސް ހިމެނެ އެވެ.

ކޮވިޑް ފެތުރުން އިތުރުވަމުންދާތީ މާދަމާއިން ފެށިގެން ޕްރީ ސްކޫލްތަކާއި، ނާސަރީތަކާއި، ޑޭ-ކެއާ ހިދުމަތްދޭ ތަންތަން ބަންދު ކުރަން ވެސް ނިންމާފައިވެ އެވެ. މާދަމާ އިން ފެށިގެން މިގޮތަށް އަމަލު ކުރަން ވަނީ ނިންމާފަ އެވެ. އަދި ޔުނިވާސިޓީތަކާއި ކޮލެޖްތަކުގެ ކިޔެވުން ކުރިޔަށް އޮތް ދެ ހަފުތާއަށް މެދުކަނޑާލުމާއި އޮންލައިންކޮށް ކިޔަވައިދޭ ގޮތަށް ވެސް ހަމަޖެއްސުމަށް ނިންމާފައިވެ އެވެ.

މީގެ އިތުރުން އެކަނި ކުރާ ކަސްރަތުތައް ފިޔަވައި، ހުރިހާ ކުޅިވަރު ހަރަކާތްތަކާއި ކަސްރަތުތައް ކުރިޔަށް އޮތް ދެ ހަފުތާއަށް ހުއްޓާލުން ވެސް ހިމެނެ އެވެ. އަދި އެޗްޕީއޭ އިން ކަނޑައަޅާ އުސޫލާ އެއްގޮތަށް ހުރިހާ ޖިމްތަކެއްގައި އެކަނި ކަސްރަތުތައް ކުރެވޭނެ ގޮތަށް ބަދަލުކުރަން ނިންމާފައިވާ ކަމަށް ވެސް އެޗްއީއޯސީން ބުންޏެވެ.