ރާއްޖޭގައި މިވަގުތު ކޮވިޑް ކޭސްތައް އިތުރުވެގެން އުޅެނީ، ދުނިޔޭގެ އެކިކަންކޮޅުތަކުގައި މިހާރު ކޮވިޑް އަވަހަށް ފެތުރެމުންދާ އާ ވޭރިއެންޓްގެ ސަބަބުން ކަމަށް އެޗްއީއޯސީން ދެންމެ ބުނެފި އެވެ.

އެޗްއީއޯސީން މިހާރު ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ހެލްތު އެކްސްޕާޓް ޑރ. ޝީނާ މޫސާ ވިދާޅުވީ މިހާރު ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން 30 ޕަސެންޓަކީ އާ ވޭރިއަންޓްތަކުގެ ސަބަބުން ޕޮޒިޓިވްވާ މީހުން ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި އެއާއެކު ހޮސްޕިޓަލުގައި އެޑްމިޓްކުރާ މީހުންގެ އަދަދު ކުއްލިއަކަށް ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އާ ވޭރިއެންޓުގެ ސަބަބުން ބަލި ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވެއްޖެ. އަދި މިހާރު ވަގުތީ ގޮތުން މީހުން އެޑްމިޓްކުރާނެ ތަންތަން ފުރުމުގެ ޗާންސް އެބައޮތް،" ޑރ. ޝީނާ ވިދާޅުވި އެވެ. "މިހާރު ޕޮޒިޓިވްވާ ކޮންމެ މީހެއްގެ ފަރާތުން ފަސް މީހެއް ޕޮޒިޓިވްވޭ."

އޭނާ ވިދާޅުވީ ހެލްތު ކެއާ އަނެއްކާ ވެސް ބޭނުން ނުވާ ހިސާބަށް ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އަދި ރާއްޖެ މިވަގުތު މިއޮތީ އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށް ވެސް ޑރ. ޝީނާ ވިދާޅުވި އެވެ.

ވައިރަހުގެ އާ ބާވަތަކީ ކުރީގެ ބާވަތަށްވުރެ ފެތުރޭލެއް އަވަސް ބާވަތެއްކަމަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކުން ފެންނަން އޮތްކަން ފާހަގަކުރައްވައި ޑރ. ޝީނާ ވަނީ މިޙާލަތުގައި ބަލީގެ ޙާލަތު ގޯސްވެ ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާދޭންޖެހޭ މީހުންގެ ޢަދަދު އިތުރުވުމަކީ ކަންބޮޑުވުމެއްކަމަށެވެ.

އޭނާ ވިދާޅުވީ ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ވަރަށްބޮޑަށް ދަށްކުރެވި ޙާލަތު ވަރަށްބޮޑަށް ރަނގަޅުވުމަށްފަހު މިދިޔަ ޑިސެމްބަރު މަހުން ފެށިގެން އަނެއްކާ ވެސް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާން ފަށާފައިވާ ކަމަށެވެ.