ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމަށް އައީ ދިވެހިންގެ ރާއްޖެއެއް ހޯދައި ދިނުމުގެ ވައުދާ އެކު ނަމަވެސް ރާއްޖެ މިހާރު ވެފައި ވަނީ "އަދުރޭގެ ރާއްޖެއަކަށް" ކަމަށް ރައްޔިތުންގެ މަޖިލިހުގެ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) މިއަދު ވިދާޅުވެއްޖެ އެވެ.

ފެނަކައިގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކި ކުރަމުންދާ ކަމަށް ބުނެ، މަޖިލިހަށް ހުށަހެޅި ކުއްލި މައްސަލަ އަށް ބަހުސް ކުރައްވަމުން އަނދުން ހުސެއިން ވިދާޅުވީ މަޖިލިހުގެ ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ހުށަހެޅުއްވި ކުއްލި މައްސަލައަކީ ރާއްޖޭގެ މީހުން ދިރިއުޅޭ ކޮންމެ ރަށެއްގެ އަދި ކޮންމެ ރައްޔިތެއްގެ ކަންބޮޑުވުމެއް ކަމަށެވެ.

"މި ސަރުކާރު އައީ ދިވެހިންގެ ރާއްޖެ ކަމަށް ބުނެ، މިހާރު މިހާރު މި ބަދަލުވެފައި ވަނީ އަދުރޭގެ ރާއްޖެއަށް، އަދުރޭގެ އާއިލާ އަށް ވަންހަ ދިދަކޮޅު ފޯރި އެންމެންނަށް މަގާމުތައް ދޭން ޖެހިގެން މި ޖެހުނީ އަޅުގަނޑުމެންގެ ރައްޔިތުންގެ ވަޒީފާ ގެއްލެން،" ރައީސް މުއިއްޒުގެ ސްޕެޝަލް އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް އަބްދުﷲ އަށް އިޝާރާތް ކުރައްވައި އަނދުން ހުސެއިން ވިދާޅުވި އެވެ.

އަނދުން ހުސެއިން ވިދާޅުވީ ފެނަކަ މުވައްޒަފުން ވަޒީފާ އިން ވަކި ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އަދި ވަޒީރުންނަށް ރުހުން ދޭން ބޭނުންވާ ނަމަ، ފުރަތަމަ ކަމަކަށް ރައްޔިތުން މަގާމުތަކުގައި ބައިތިއްބަން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއީ އަޅުގަނޑުމެންނަށްޓަކައި ކޮށްދޭން ޖެހޭ ކަމެއް ނޫން. އެއީ ގައުމަށްޓަކައި ކުރަން ޖެހޭ ކަމެއް،" އަނދުން ހުސެއިން ވިދާޅުވި އެވެ.

މިއީ "ބުރާންތި" ކަންކަން ކުރާ ސަރުކާރެއް ކަމަށާއި މި ސަރުކާރު އަވަހަށް ބާލަން ޖެހޭ ކަމަށް ވެސް އަނދުން ހުސެއިން ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވަން ޕީޕީއެމްގެ ރައީސް ޔާމީން ފެކްޝަނަށް ތާއީދު ކުރާ މަޖިލިސް ދޮށަށް ވަޑައިގެން ތިބޭފުޅުން އަޑު އުފުލާށޭ މި ސަރުކާރު، ރައީސުލްޖުމްހޫރިއްޔާ އިމްޕީޗް ކުރަން ވަޑައިގެން މުޒާހަރާ ކުރައްވާށޭ." އަނދުން ހުސެއިން ވިދާޅުވި އެވެ.

ރައްޔިތުންނާ މެދުގައި އަނިޔާވެރިވާ ނަމަ، މި ސަރުކާރު މިގޮތަށް ނުބާއްވައި ބާލަން ވެސް އަނދުން ހުސެއިން ގޮވާލެއްވި އެވެ.