ސިޔާސަތު ކަނޑައެޅުމުގައި މިންތީގެ ހަމަހަމަކަމަށް ވިސްނައި ލިބެންހުރި މައުލޫމާތުގެ ފުރިހަމަ ބޭނުން ހިފުމަކީ އިހްތިޔާރީ ކަމެއް ނޫން ކަމަށާއި، ކޮންމެހެން ކުރަންޖެހޭ ކަމެއް ކަމަށް ރައީސްގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޅުވެއްޖެ އެވެ.

އެކަމަނާ މިހެން ވިދާޅުވީ 'ޖެންޑާ ޑޭޓާ ޔޫސް އިން ޕޮލިސީ މޭކިން ވެލިޑޭޝަން އެންޑް އެޑްވޮކަސީ ވޯކްޝޮޕް'ގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ހެނދުނު ކުރިއަށްދިޔަ މި މަސައްކަތު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ، މި ވަގުތަކީ މި މަސައްކަތު ބައްދަލުވުމުގެ ތެރެއިން، ލިބެންހުރި މައުލޫމާތުތައް ފުޅާ ދާއިރާއެއްގައި ދިރާސާކޮށް އައު ސިޔާސަތުތައް އެކުލަވައިލުމަށް އެންމެ އެކަށީގެންވާ ވަގުތުކަމަށެވެ. މި ރޮނގުން ވާހަކަފުޅު ދައްކަވަމުން، ގައުމުގެ ތަރައްގީއަށް ސަރުކާރުން ކުރާ މަސައްކަތްތައް ރައްޔިތުން އެދޭ ގޮތަށް ކުރިއަށް ގެންދެވުމަށރައީސް މުއިއްޒު ހާއްސަ ސަމާލުކަމެއް ދެއްވާކަން އެކަމަނާ ފާހަގަކުރެއްވި އެވެ. އަދި އެކަމަނާ ވަނީ، ސިޔާސަތުތަކާއި ގަވާއިދުތަކާއި ގާނޫނުތައް އެކުލަވައިލާއިރު ރައްޔިތުންގެ އުންމީދުތަކާ މެދު ވިސްނުމަށް ކަމާބެހޭ ފަރާތްތަކަށް ގޮވައިލައްވާފަ އެވެ.

މިއަދުގެ މަސައްކަތު ބައްދަލުވުމުގައި މެޑަމް ސާޖިދާ ވަނީ، މި ސަރުކާރުން މިންތީގެ ހަމަހަމަ ކަމަށް ކުރައްވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުވާލައްވާފަ އެވެ. އެގޮތުން އެކަމަނާ ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ހަމައެކަނި މިންތީގެ ހަމަހަމަ ކަމަށް މަސައްކަތްކުރުން ނޫންކަމަށާއި، ހަމަ އެއާއެކު ސަރުކާރުގެ މަގްސަދަކީ ގައުމީ ތަރައްގީގެ ހުރިހާ ދާއިރާއެއްގައިވެސް އަންހެނުންގެ ބައިވެރިވުން އިތުރުކުރެއްވުން ކަމުގަ އެވެ. އަދި އިގްތިސާދީ ދާއިރާގައި އޮންނަ އަންހެނުންގެ ހިއްސާ އިތުރުކުރުމާއި، ސިޔާސީ ދާއިރާއާއި ރައްޔިތުންނަށް އެކިއެކި ހިދުމަތްތައް ފޯރުކޮށްދިނުމުގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުމަކީ މި ސަރުކާރުން އެންމެ ބޮޑު އަހަންމިއްޔަތުކަމެއް ދޭ އެއް ދާއިރާ ކަމުގައިވެސް އެކަމަނާ ވިދާޅުވި އެވެ.

މިއަދު ކުރިއަށްދިޔަ މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ، މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި މިނިސްޓްރީ އޮފް ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް އަދި ޕާޓްނާޝިޕް އިން ސްޓެޓިސްޓިކްސް ފޯ ޑިވެލޮޕްމަންޓް އިން ދަ ޓުވެންޓީ ފާސްޓް ސެންޗަރީ (ޕީއޭއާރްއައިއެސް.2) އާ ގުޅިގެން ކޮށްފައިވާ ދިރާސާގެ އަލީގައި، ރާއްޖޭގެ ސިޔާސަތުތައް ކަނޑައެޅުމުގެ މަރުހަލާގައި މިންތީގެ ހަމަހަމަ މައުލޫމާތު ހިމެނުމުގެ މުހިންމުކަމުގެ މައްޗަށެވެ.