ޖެނީވާ (2 ފެބްރުއަރީ) - ކެންސަރުގެ ވައްތަރުތަކުގެ ތެރެއިން އެންމެ އާންމު ވައްތަރަކީ އުރަމަތީ ކެންސަރު ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.
ޑަބްލިއުއެޗްއޯ ކެންސާ ސްޕެޝަލިސްޓް ޑރ. އެންޑްރެ އިލްބަވީ ދުނިޔޭގެ ކެންސަރުގެ ދުވަހާ ގުޅިގެން ޔޫއެން އިން ބޭއްވި ބްރީފިންއެއްގައި ވިދާޅުވީ މީގެ ކުރިން ފުއްޕާމޭގެ ކެންސަރަކީ އެންމެ އާންމު ވައްތަރުގެ ކެންސަރު ކަމަށެވެ. ނަމަވެސް މިހާރު ފުއްޕާމޭގެ ކެންސަރު ޖެހޭ މީހުންނަށް ވުރެ އުރަމަތީ ކެންސަރު ޖެހޭ މީހުން ގިނަވެއްޖެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރ އިލްބަވީ ވިދާޅުވި ގޮތުގައި އުރަމަތީ ކެންސަރު ޖެހިގެން ގާތްގަނޑަކަށް 2.3 މިލިއަން ކޭސް މިދިޔަ އަހަރު ފާހަގަ ވެފައިވެ އެވެ. މިއީ މުޅި ދުނިޔޭ ކެންސަރު ކޭސްތަކުގެ 12 ޕަސެންޓް ކަމަށް އޭނާ ވިދާޅުވި އެވެ.
ޑޮކްޓަރު އިތުރަށް ވިދާޅުވީ އަންހެނުންގެ ތެރޭގައި އުރަމަތީ ކެންސަރަކީ އެންމެ އާންމު ވައްތަރުގެ ކެންސަރު ކަމަށެވެ. އަދި އެންމެ ގިނައިން ކެންސަރުގައި މަރުވަނީ ވެސް އުރަމަތީ ކެންސަރު ޕޭޝަންޓުންނެވެ. ކެންސަރު ޖެހުމަށް ދިމާވާ ސަބަބެއް ކަމަށް ޑޮކްޓަރު ފާހަގަ ކުރެއްވީ މާބޮޑަށް ފަލަވުމެވެ.
ޑަބްލިއުއެޗްއޯ އިން ލަފާކުރާ ގޮތުގައި ދުނިޔޭގެ އާބާދީ އިތުރުވަމުން ދިއުމާއި ލައިފް އެކްސްޕެކްޓެންސީ އިތުރުވާ ވަރަކަށް ކެންސަރަކީ ދުނިޔޭގެ އާންމު ބައްޔަކަށް ވެގެންދާނެ އެވެ. އަދި މިހާރު ރޭޓުން ދާނަމަ 2040 ވަނަ އަހަރުގައި މުޅިން އަލަށް 30 މިލިއަން ކެންސަރު ކޭސް ފެންނާނެ ކަމަށެވެ.
ޑަބްލިއުއެޗްއޯ އިން ހާމަކުރި ގޮތުގައި ކެންސަރު ބަލީގައި މަރުވާ މީހުންގެ ތިންބައިކުޅަ އެއްބައި މީހުން މަރުވަނީ ދުންފަތުގެ އިސްތިއުމާލު ކުރުމާއި، ބޮޑީ މާސް އިންޑެކްސް ހުންނަން ޖެހޭ ވަރަށް ވުރެ އިތުރުވުމާއި، ތަރުކާރީ އާއި މޭވާ މަދުން ކެއުމާއި، ކަސްރަތުކުރުން މަދުވުމެވެ.
ކޮވިޑް ރޯގާގެ ސަބަބުން ގިނަ ގައުމުތަކުގައި ލޮކްޑައުންގެ ހަރުކަށި ފިޔަވަޅުތަށް އަޅާފައިވުމުން ކެންސަރު ބަލި މީހުންނަށް ފަރުވާ ހޯދުމަށް ވަރަށް ބޮޑަށް އުނދަގޫވެފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުންޏެވެ – ސްޓްރެއިޓް ޓައިމްސް