އައްޑޫ ސިޓީ ހިތަދޫގައި ހިންގަމުން އަންނަ ސިލްސިލާ މާރާމާރީތަކާ ގުޅިގެން މާރާމާރީ ހިންގަން ބޭނުންކުރި އިތުރު ބައެއް ހަތިޔާރު ހޯދާފައިވާ ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.
ފުލުހުން ބުނީ ތޫނު ހަތިޔާރާއި މާރާމާރީ ހިންގުމަށް ބޭނުން ކުރާ އެހެނިހެން ތަކެތި ފެނިފައި ވަނީ އުސްގަނޑު ބީޗުގެ އެކި ސަރަހައްދުތަކުގައި ފޮރުވާފައި ހުއްޓަ ކަމަށެވެ. އެ ތަނުން ހޯދި ތަކެތީގެ ތެރޭގައި މާރާމާރީ ހިންގުމަށް ތައްޔާރުކޮށްފައި ހުރިކަމަށް ބެލެވޭ ތޫނު ހަތިޔާރު، މޫނު ނިވާކުރުމަށް ބޭނުންކުރާ މާސްކު، އަންގި، އަންނައުނު އަދި އެހެނިހެން ބައެއް އާލާތްތައް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަންގައި ހިތަދޫ ޕޮލިސް ސްޓޭޝަން، ސައުތު ޕޮލިސް ސީރިއަސް ކްރައިމް ސެލް، ސްޕެޝަލިސްޓް އޮޕަރޭޝަންސް އަދި އިންޓެލިޖެންސް ހަރަކާތްތެރިވި އެވެ.
އައްޑޫ ސިޓީގައި މި މަހުގެ އެއް ވަނަ ދުވަހާއި މިދިޔަ އާދިއްތަ ދުވަހު ހިންގި ގްރޫޕު މާރާމާރީތަކާ ގުޅިގެން، ގޭންގު ހަދައިގެން މާރާމާރީ ހިންގާ މީހުން ހުއްޓުވުމަށް ހާއްސަ މަސައްކަތްތަކެއް ފުލުހުން ދަނީ ކުރަމުންނެވެ. އެގޮތުން، ތުހުމަތުކުރެވޭ ގޮތަށް ގްރޫޕު ހަދައިގެން އެއްވެތިބޭ މީހުން ބަލައި ފާސްކުރުމާއި އާންމުކޮށް މީހުން އެއްވާ ތަންތަނާއި ގޭބިސީތައް ވެސް ފުލުހުން ގެންދަނީ ބަލައި ފާސްކުރަމުންނެވެ.
އައްޑޫ މާރާމާރީތަކާ ގުޅިގެން މިހާތަނަށް 12 މީހަކު ހައްޔަރު ކުރި އިރު، އެކަކު ވަނީ ދޫކޮށްލައިފަ އެވެ. ބައެއް މީހުން ޝަރީއަތް ނިމެންދެން ބަންދު ކޮށްފައި ވާއިރު، ދެން ތިބި މީހުންގެ ބަންދަށް އެކި މުއްދަތުތައް ކޯޓުން އިތުރު ކޮށްފައިވެ އެވެ.
އައްޑޫގައި މާރާމާރީތައް ފެށުނީ ފާރެއްގައި ކުރަހާފައި ހުރި ގްރެފިޓީތަކެއްގެ މައްޗަށް އެހެން ގޭންގެއްގެ ބަޔަކު މިދިޔަ މަހުގެ ގްރެފިޓީތަކެއް ކުރެހި މައްސަލައިގަ އެވެ. މި މާރާމާރީގައި ދެ މީހަކަށް އަނިޔާވެފައިވެ އެވެ. އޭގެ ތެރެއިން ހާލު ސީރިއަސްވި މީހާ އަށް އިތުރު ފަރުވާ ދިނުމަށް މިހާރު ވަނީ މާލެ ގެނެސްފަ އެވެ.