އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޕްޓަން އަތުން 9-0 އިން މޮޅުވެ، މެންޗެސްޓާ ޔުނައިޓަޑް ހަމަޖެހިލައިފި އެވެ.
ޔުނައިޓަޑުން ޖެހި ނުވަ ލަނޑާއެކު އެ ޓީމުން ވަނީ ޕްރިމިއާ ލީގުގައި މިހާތަނަށް ނިކުތް އެންމެ ތަފާތު ބޮޑު ނަތީޖާގެ ރެކޯޑާ އެއްވަރުކޮށްފަ އެވެ. އިނގިރޭސި ޕްރިމިއަރ ލީގުގައި 2019 ވަނަ އަހަރު ލެސްޓަރ ސިޓީ ވެސް ވަނީ ސައުތުހެމްޕްޓަން ކޮޅަށް 9 ލަނޑު ޖަހައިފަ އެވެ. އަދި ޔުނައިޓަޑުން ވެސް 1995 ވަނަ އަހަރު އިޕްސިޗް ޓައުން ކޮޅަށް ނުވަ ލަނޑު ޖެހި އެވެ.
ޔުނައިޓަޑްގެ ދަނޑު ކުޅުނު މެޗުގައި ސައުތުހެމްޕްޓަންގެ ފެށުން ގޯސްވީ މެޗުގެ ފުރަތަމަ ދެ މިނިޓުގެ ތެރޭގައި އެ ޓީމުގެ އެލަކްޒަންދްރޭ ޖަންކެވިޓްޒް އަށް ރަތްކާޑު ދެއްކުމުންނެވެ.
ދިހަ މީހުންނާ ދެކޮޅަށް ކުޅެންޖެހުމުގެ ފައިދާ ނަގައި، ޔުނައިޓަޑުން ފުރަތަމަ ހާފުގައި ހަތަރު ލަނޑު ޖެހި އެވެ. ފުރަތަމަ ހާފުގައި ޔުނައިޓަޑްގެ އެޑިސަން ކަވާނީ އާއި އެރަން ވެން ބިސާކާ އަދި މާކަސް ރަޝްފޯޑް ލަނޑުޖެހިއިރު، ސައުތުހެމްޕްޓަންގެ ޔާން ބެޑްނަރެކް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ.
މެޗުގެ ދެވަނަ ހާފުގައި ޔުނައިޓަޑްގެ އެންތަނީ މާޝިއާލް ދެ ލަނޑު ޖެހި އެވެ. އަދި ބްރޫނޯ ފެނާންޑޭސް އާއި ސްކޮޓް މިކްޓޮމިނޭ އަދި ޑެނިއަލް ޖޭމްސް ވެސް ލަނޑު ޖެހި އެވެ.
މެޗު ނިމެން ގާތްވެފައި ވަނިކޮށް، ސައުތުހެމްޕްޓަންގެ ބެޑްނަރެކް އަށް ރަތްކާޑު ދެއްކުމުން އެ ޓީމު މެޗު ނިންމާލީ ނުވަ މީހުންނާއެކު އެވެ.
އިނގިރޭސި ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، އާސެނަލް އަތުން ވުލްވްސް މޮޅުވީ 2-1 އިންނެވެ. ކްރިސްޓަލް ޕެލެސް ވަނީ ނިއުކާސަލް އަތުން 2-1 އިން މޮޅުވެފަ އެވެ. ވެސްޓް ބްރޮމް އަތުން ޝެފީލްޑް ޔުނައިޓަޑް މޮޅުވީ 2-1 އިންނެވެ. – ބީބީސީ