ބޮލީވުޑްގެ އެކްޓަރު ސުޝާންތު ސިންހް ރާޖްޕުތުގެ މަރުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ރިއާ ޗަކްރޮބޮތީއަށް އިންޑިއާއިން ބޭރުވުމުގެ ހުއްދަ ދީފި އެވެ.

ރިއާގެ ވަކީލުގެ އެދުމުގެ މަތިން އިންޑިއާގެ ނާކޮޓިކްސް ޑިޕާޓްމަންޓުން އޭނާގެ ޕާސްޕޯޓު ދޫކޮށްފައި މިވަނީ އާ އަހަރުގެ މުއްދަތުގައި ދުބާއީއަށް ދިއުމަށެވެ.

އެގޮތުން ޕާސްޕޯޓް ދޫކުރުމުގެ އެއްބަސްވުމުގެ ދަށުން އެންމެ ލަސްވެގެން ޖެނުއަރީ ހަތަރުވަނަ ދުވަހު ރިއާގެ ޕާސްޕޯޓު އެ ޑިޕާޓްމަންޓާ ހަވާލު ކުރަން ޖެހޭނެ އެވެ.

މިއީ 2020 ވަނަ އަހަރު ސުޝާންތުގެ މަރުގެ ތަހުގީގު ފެށިފަހުން ރިއާގެ ޕާސްޕޯޓު ދޫކުރެވޭ ފުރަތަމަ ފަހަރެވެ. ރިއާއަށް ކުރެވިފައިވަނީ ގަސްދުގައި އަމިއްލައަށް މަރުވާން މީހަކަށް ބާރުއެޅުމުގެ ތުހުމަތާއި ޑްރަގްގެ ތުހުމަތު ތަކެކެވެ.

2020 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އަމިއްލައަށް މަރުވެފައި ހުއްޓާ ފެނުނު ސުޝާންތުގެ މަރުގެ ތަހުގީގު އަދިވެސް ކުރިއަށް ދާއިރު ބުނެވޭ ގޮތުގައި ރިއާއަކީ އޭރު ސުޝާންތުގެ ލޯބިވެރިޔާ އެވެ.