ދޯހާ (3 ފެބްރުއަރީ ) - ބަންގްލަދޭޝް އިން ގިނަ ބަޔަކަށް އެއްފަހަރާ ޖާސޫސްކުރުމުގައި ބޭނުންކުރާ އިޒްރޭލުގެ ސާވައިލެންސް އިކްއިޕްމަންޓްތަކެއް ގަނެފައިވާ ކަމަށް ތަހުގީގަކުން ހާމަވެއްޖެ އެވެ.

ދޯހާގައި ހުންނަ އަލްޖަޒީރާގެ ގޮފިން ކުރިއަށްގެންދިޔަ ތަހުގީގު ރިޕޯޓެއްގައި ބުނެފައިވާގޮތުގައި މިތަހުގީގު ހިންގި ފަރާތުން ވަނީ މި އެއްބަސްވުމުގެ ކޮޕީ އަދި ގުޅޭ އިތުރު އެހެން ލިޔުންތަކެއް ހޯދާފަ އެވެ. އެ އެއްބަސްވުމުގައި ވާގޮތުން ބަންގްލަދޭޝް ސިފައިން ވަނީ އިޒްރޭލުގެ ޖާސޫސީ އާލާތްތަކެއް 2018 ވަނަ އަހަރު ބެންކޮކް މީހެއް މެދުވެރިކޮށް ގަނެފަ އެވެ. އަދި މީގެ އިތުރުން އިޒްރޭލުގެ އިންޓެލިޖެންސުން ވަނީ މި އާލާތްތައް ބޭނުންކުރާނެ ގޮތުގެ ޓްރެއިނިންގްތައް ބަންގްލަދޭޝްގެ އިންޓެލިޖެންސް އޮފިސަރުންނަށް ހަންގޭރީގައި ކުރިއަށް ގެންގޮސްފަ އެވެ.

މި އެއްބަސްވުމުގައި ވާގޮތުން ދެފަރާތުން ވަނީ މައުލޫމާތު ހާމަނުކުރުމަށް އެއްބަސްވެ، އިތުރު އެގްރީމަންޓެއްގައި ވެސް ސޮއިކޮށްފަ އެވެ. އަދި މި އެއްބަސްވުމުގައި އި ތަކެތި ގަތް ގައުމެއް ކަމަށް ލިޔެފައިވަނީ ހަންގޭރީ ކަމަށް ލިޔެފައިވެ އެވެ. ނަމަވެސް އަލްޖަޒީރާއިން ހޯދި ސިއްރު ލިޔުންތަކުގައި މި ތަކެތި ފޯރުކޮށްދިން ގައުމަކީ އިޒްރޭލުކަމަށް ވަނީ ލިޔެފަ އެވެ.

އަލްޖަޒީރާގެ ސިއްރު ސޯސްއަކުން ބުނީ މިތަކެތި ފޯރުކޮށްދިން ފަރާތުން މިތަކެއްޗަކީ އިޒްރޭލުން ފޯރުކޮށްދިން ތަކެތިކަން ބަންގްލަދޭޝްގެ ރައްޔިތުންނަށް އެއްވެސް ހާލެއްގައި އެނގިގެން ނުވާނެ ކަމަށެވެ.

ބަންގްލަދޭޝް އަކީ ދުނިޔޭގެ ހަތަރުވަނަ އަށް އެންމެ މުސްލިމުންގެ އާބާދީ ބޮޑު ގައުމެވެ.

ބަންގްލަދޭޝް އާއި އިޒްރޭލަކީ ޑިޕްލޮމެޓިކް ގުޅުން ގާއިމްކޮށްފައިވާ ގައުމެއް ނޫނެ އެވެ. އަދި ބަންގްލަދޭޝްގެ ރައްޔިތުން އިޒްރޭލަށް ދަތުރުކުރުން ވެސް އެ ގައުމުން ވަނީ މަނާކޮށްފަ އެވެ.

ބަންގްލަދޭޝް އިން މީގެކުރިން ބުނިގޮތުގައި އިޒްރޭލަކީ ގައުމެއްގެ ގޮތުގައި ބަންގްލަދޭޝް އިން ބަލައިގަންނާނީ ފަލަސްތީނުގެ ބިންތަކުން ފައިބައި، ފަލަސްތީނަކީ މިނިވަން ގައުމެއްގެ ގޮތުގައި ކަނޑައެޅި ދުވަހަކުންނެވެ.

ތަހްގީގުން ހާމަވި ގޮތުގައި ބަންގްލަދޭޝްއިން ގަނެފައިވަނީ ޕީ6 އިންޓަސެޕްޓެކެވެ. މި ޓެކްނޮލޮޖީއަކީ މުޒާހަރާތަކުގައި ނުވަތަ އެއްވުން ތަކުގައި ފޯން ބޭނުންކޮށްގެން މީހުން ޓްރެކްކުރުމުގެ ގާބިލްކަން ލިބިފައިވާ ޓެކްނޮލޮޖީއެކެވެ. މި ތަކެތި ބަންގްލަދޭޝް އިން ގަނެފައިވަނީ ބަންގްލަދޭޝްގެ ސިފައިންގެ އެންމެ އިސްވެރިޔާ ޗީފް އޮފް ސްޓާފްގެ މަގާމަށް އަޒީޒް އަހުމަދު އައްޔަންކުރިތާ ދެވަނައަށްވީ ދުވަހު އެވެ.

އަޒީޒް އަހްމަދުގެ ބޭބެ އަދި ބަންގްލަދޭޝްގެ މަޝްހޫރު ގޭންގްސްޓާރު ހަރިސް އަހްމަދު މި އެއްބަސްވުން ހަމަޖެއްސުމުގެ ކަންތަކުގައި އިސްރޯލެއް އަދާކޮށްފައިވާ ކަމަށްވެސް ތަހުގީގުން ހާމަވެފައިވެ އެވެ.

މި އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ބަންގްލަދޭޝްގެ މިލިޓަރީ އިންޓެލިޖެންސް އެޖެންސީ، ދަ ޑައިރެކްޓަރޭޓް ޖެނެރަލް އޮފް ފޯސެސް އިންޓެލިޖެންސް (ޑީޖީއެފްއައި) އާއި އިޒްރޭލުގެ ފާމެއް ކަމަށްވާ ޕިކްސިކްސް ކިޔާ ފާމަކުންނެވެ. އަދި މިއެއްބަސްވުމުގެ މެދުވެރިއެއްގެ ރޯލް އަދާކޮށްފައިވަނީ ސިންޖަޕޫރުގެ ކުންފުންޏެއް ކަމަށްވާ ސޮވެރިން ސިސްޓަމްސްގެ ސީއީއޯ ޖޭމްސް މޮލޮނީ އެވެ.

ޖޭމްސް މޮލޮނީ އާއި ހަވާލާދީ އަލްޖަޒީރާއިން ބުނީ މިޓެކްނޮލޮޖީއަކީ ވަރަށް ބާރުގަދަ އަދި އެހާމަ ނުރައްކާތެރި ޓެކްނޮލޮޖީ އެކެވެ. އާންމު ރައްޔަތުންނަށް މިޓެކްނޮލޮޖީ ބޭނުންކުރާކަން އަންގާކަށް ބޭނުން ނުވާނެ ކަމަށެވެ. އަދި މިއީ އެއްވެސް ވަރަކަށް އިސްތިހާރު ކުރެވޭ ޓެކްނޮލޮޖީއެއް ނޫނެ އެވެ.

ލަންޑަންގައި ހުންނަ ޕްރައިވެސީ އިންޓަނޭޝަނަލް ގެ ޓެކްނޮލޮޖިސްޓް އެލިއެޓް ބެންޑިނެލި ހާމަކުރި ގޮތުގައި ޕީ6 އިންޓަސެޕްޓް އަކީ މާސް ސާވައިލެންސްގައި ބޭނުންކުރާ އާލާތެކެވެ. މި ޓެކްނޮލޮޖީ ބޭނުންކޮށްގެން އެއްފަހަރާ 200 ނުވަތަ 300 މީހުންގެ ފޯން ޓްރެކްކުރެވޭނެ އެވެ. އަދި މި ޓެކްނޮލޮޖީން މަސައްކަތް ކުރަނީ ފޯން ޓަވަރެއްގެ ގޮތުގައި ކަމަށާއި، އެ ސަރަހައްދެއްގެ ހުރިހާ ފޯން މި ސިސްޓަމާ ކަނެޓްކުރެވޭނެ އެވެ. އަދި ކަނެކްޓް ކުރުމުން ފޯނުން ކުރާ ހުރިހާ ކަމެއް އެނގޭނެ އެވެ. މީގެ ތެރޭގައި ޓެކްސްޓް މެސެޖްތަކާއި، ފޯން ކޯލްތަކާއި ވަންނަ ސައިޓްތައް ވެސް ބެލޭނެ އެވެ.