ފިނިފެންމަލަކީ ލޯބި ރަމްޒުކޮށްދޭ އެއްޗެއް ކަމަށް ގިނަ މީހުން ގަބޫލުކުރެ އެވެ. އެގޮތުން ވެސް ވަކިން ބޮޑަށް ފާހަގަވެފައި އޮންނަނީ ރަތް ފިނިފެންމަލެވެ.
ފިނިފެންމަލުގައި ހުންނަނީ ހަމައެކަނި ރަތްކުލައެއް ނޫނެވެ. ފިޔާތޮއްޓާއި ރީނދުލާއި ހުދާއި މިހެން ގޮސް އެތައް ކުލައެއް ހުރެ އެވެ. މީހަކަށް ހަދިޔާއެއްގެ ގޮތުގައި ފިނިފެންމަލެއް ދޭން ގަސްދުކުރާނަމަ ގަންނަންވީ ތިމާއަށް ރީތި މަލެއް ނޫނެވެ. އޭގެ ކުރިން ފުރަތަމަ އެ މަލުގެ ކުލަ ރަމްޒުކޮށްދެނީ ކޮންކަމެއްތޯ އެނގުން މުހިއްމެވެ. އެހެނީ، ކޮންމެ ފިނިފެންމަލުގެ ކުލައަކުން ވެސް ބޮޑު ވާހަކައެއް ކިޔާދެ އެވެ. ރަމްޒުކޮށްދެނީ ވަކި އިހުސާސެކެވެ.
ކުރިއަށް އޮތީ ލޯބިވެރިންގެ ދުވަހެވެ. ފިނިފެންމަލުގެ އީދެކެވެ. ރަނގަޅު މީހާއަށް ރަނގަޅު މަލެއް ފޮނުވުމަށްޓަކައި މި ލިޔުން ކިޔާލާށެވެ.
ރަތް ފިނިފެންމާ
ޝައްކެއް ވެސް ނެތް ގޮތުގައި ރަތް ކުލަ ރަމްޒުކޮށްދެނީ ލޯތްބެވެ. އެއީ ލޯބިވެރިންގެ ދުވަހުގެ އެންމެ މަޝްހޫރު މާ ވެސް މެ އެވެ. މީހަކަށް ރަތް ފިނިފެންމަލެއް ދޭ ނަމަ އޭގެ މާނައަކީ އޭނާ ދެކެ ވަރަށް ލޯބިވާ ކަމަށެވެ. އަދި އެކުގައި ދިރިއުޅެން ބޭނުންވާ ކަމެވެ.
ރީނދޫ ފިނިފެންމާ
ރީނދޫ ކުލައަކީ އާންމުކޮށް އުފާވެރިކަން ދައްކުވައިދޭ ކުލައެކެވެ. މިކުލައިގެ ފިނިފެންމާ ދޭނީ ރައްޓެހިންނަށެވެ.
ލެވެންޑާ ކުލައިގެ ފިނިފެންމާ
ލެވެންޑާ ކުލައިގެ ފިނިފެންމަލަނީ ފިޔާތޮއްޓާއި ރަތް މަލާ ހިލާފަށް ވަރަށް މަދުން ހުންނަ އެއްޗެކެވެ. އެހެން ކަމުން ތިބާގެ ހަޔާތުގައި ހުރި އެންމެ މުހިއްމު ކުއްޖާއަށް މި ކުލައިގެ ފިނިފެންމަލެއް ދޭން ރަނގަޅުވާނެ އެވެ. މީގެ އިތުރުން ލެވެންޑާ ފިނިފެންމަލަކީ ވަރަށް ޝާހީ ގޮތެއް ވެސް ހުންނަ މަލެކެވެ.
ފިޔާތޮށި ފިނިފެންމާ
އާންމުކޮށް ހުރިހާ ފިޔާތޮށި މަލުންވެސް ދައްކުވައިދެނީ ޝުކުރުވެރިކަމާއި އުފާވެރިކަމެވެ. އެހެންކަމުން މީހަކަށް ޝުކުރު އަދާކޮށް، އަގުވަޒަން ކުރުމުގެ ގޮތުން ފިޔާތޮށި ކުލައިގެ މާ ދީއުޅެ އެވެ.
ހުދު ފިނިފެންމާ
ހުދު ފިނިފެންމާ އާންމުކޮށް ދައްކުވައިދެނީ އާ ކަމާއި މައުސޫމްކަމެވެ. މިއީ ކައިވެނީގެ ހަފްލާތަކަށް ވެސް ހާއްސަ މަލެކެވެ. ސަބަބަކީ ކައިވެނި ހަފްލާ އަކީ މުޅިން އާ ފެށުމަކަށް ކަމަށް ވާތީ އެވެ. މީގެ އިތުރުން އަލަށް ގުޅުމެއް އުފެދިގެން އަންނަ އިރު ލޯބިވެރިޔާއަށް ހަދިޔާ ކުރުމަށް ހުދު ފިނިފެންމާ އިހުތިޔާރުކުރެވިދާނެ އެވެ.
އޮރެންޖް ކުލައިގެ ފިނިފެންމާ
ރީނދޫ ކުލަ ފަދައިން އޮރެންޖް ކުލައަކީ ވެސް ރަހުމަތްތެރިކަމުގެ ގުޅުން ރަމްޒުކޮށްދޭ ކުލަ އެކެވެ. ދެ މީހެއްގެ ދެމެދުގައި އޮންނަ ގުޅުން ރަހުމަތްތެރިކަމުން އެހެން ހަރުފަތަކަށް ގެންދަން ބޭނުންވާކަން ހާމަކުރުމަށް އޮރެންޖު ފިނިފެންމާ ދީއުޅެ އެވެ.