ރައްޔިތުންގެ މަޖިލިހަށް ގޮންޖަހައި ކ. ފުށިދިއްގަރުފަޅު ހިއްކައި އެ ތަނުން ބޯހިޔާވަހިކަން ހޯދައި ދިނުމުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ރަސްމީކޮށް ފައްޓަވައި ދެއްވައިފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް މަޖިލިހަށް ހުށަހެޅި އިރު، މި ސަރުކާރުން އެދިގެން ފުށިދިއްގަރުފަޅު ހިއްކުމަށް 400 މިލިއަން ރުފިޔާ ހިމަނާފައި އޮތެވެ. ނަމަވެސް، މަޖިލިހުން ވަނީ އެ މަޝްރޫއަށް ކަނޑައެޅި ފައިސާ އުނިކޮށް ފައިސާ ގުޅިފަޅާއި ގިރާވަރުގެ ތަރައްގީއަށާއި އެހެނިހެން މަޝްރޫއުތަކަށް ބަހާލައިފަ އެވެ.

އެމްޑީޕީގެ މެމްބަރުން ގަބޫލު ކުރައްވާ ގޮތުގައި ފުށިދިއްގަރުފަޅު ހިއްކުމަކީ މިވަގުތަށް ކުރަން މުހިންމު ކަމެއް ނޫނެވެ. އޭގެ ބަދަލުގައި ކުރީ ސަރުކާރުން ފަށާފައި ހުރި މަޝްރޫއުތައް ނިންމުން މާ މުހިންމު ކަމުގައި އެ މެމްބަރުން ދެކެވަޑައިގަންނަވަ އެވެ. އެގޮތުން ގުޅީފަޅާއި ގިރާވަރުފަޅު ހިއްކައިގެން އެ ތަން ތަރައްގީކޮށް ނިންމަން ޖެހޭ ކަމުގައި އެ މެމްބަރުން ވިދާޅުވެ އެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ އަމަލީ މަސައްކަތް ފެއްޓެވުމަށް އެ ފަޅުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިއީ މިހާތަނަށް ހިއްކޭ އެންމެ ބޮޑު ބިން ކަމަށާއި މި ތަނަށް "ރަސްމާލެ" ނަމުން ނަން ދޭން ނިންމާފައިވާ ކަމަށެވެ. ގައުމީ ބޮޑެތި މައްސަލަތައް ނަގާފައި އެންމެ އިސްކަމެއް ދެއްވާނީ ގެދޮރުވެރިކަން ގާއިމު ކުރުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ.

މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ގާތްގަނޑަކަށް އަށް މަސް ދުވަހުގެ ތެރޭގައި ހިއްކާ ނިންމާނެ ކަމަށް ރައީސް ވިދާޅުވި އެވެ. އެއީ ހުޅުމާލޭގެ ދެ ފިޔަވަހި އެއްކޮށްލީމަ ވާ ވަރަށް ގާތްގަނޑަކަށް ތިން ގުނަ ބޮޑު ސަރަހައްދެކެވެ. ރައީސް ވިދާޅުވި ގޮތުގައި ފުށިދިއްގަރުފަޅާ އެކުގައި ގިރާވަރާއި ގުޅީފަޅު ވެސް ތަރައްގީ ކުރައްވާނެ ކަމަށެވެ.

"މި ތަންތަނާ އެކީގައި ފުށިދިއްގަރުފަޅުގައި މި ހިއްކޭ ބިން ހިކިގެން ދިއުމުން މާލޭގެ ރައްޔިތުންނަށް މި ޒަމާންތަކެއް ވަންދެން ހައްލު ނުވެ އޮތް ގެދޮރުގެ މައްސަލައަށް ތާއަބަދަށް، އިރާދަކުރެއްވިއްޔާ ދާއިމަށް އެ މައްސަލަ ހައްލުވެގެން ދާނެ. ހައްލުކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި ރައްޔިތުންގެ ތެރެއިން ގިރާވަރާއި ގުޅީފަޅާއި ފުށިދިއްގަރުފަޅުން ގޯއްޗާއި ފްލެޓު ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށް ދެއްވާނެ ކަމަށެވެ.

ފުށިދިއްގަރު ހިމެނޭ ހެން ހުޅުމާލެ އާއި ގުޅީފަޅާއި، ގިރާވަރު ފަޅުން ލިބޭ އެންމެ ބޮޑުމިނަކަށް ހިއްކައިގެން 65،000 ގެދޮރު ގާއިމް ކުރުމުގެ މަޝްރޫއު ކުރިއަށްގެންދަން ޕީޕީއެމް/ޕީއެންސީގެ މެނިފެސްޓޯގައި ވަނީ ހިމަނައިފައެވެ. އަދި ފުށިދިއްގަރުން އެކަނި 11،900 އަށް ވުރެ ގިނަ ގޯއްޗާއި 26،000 ފްލެޓް އިމާރާތް ކުރުމަށް މެނިފެސްޓޯގައިވެއެވެ.