"މޯލްޑިވްސް ޒަކާތު ހައުސް" ގެ ނަމުގައި އިދާރާއެއް ރައީސް މުހައްމަދު މުއިއްޒު މިއަދު އުފައްދަވައިފި އެވެ.

މި އިދާރާއަކީ އިސްލާމިކް މިނިސްޓްރީގެ ދަށުން ހިންގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވައިފަ އެވެ.

ރައީސް އޮފީހުން ބުނީ މޯލްޑިވްސް ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ގާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައި ކަމަށެވެ.

މޯލްޑިވްސް ޒަކާތު ހައުސްއަށް ދިވެހިބަހުން ބޭނުންކުރަން ހަމަޖައްސަވާފައިވާ ރަސްމީ ނަމަކީ "ދިވެހިރާއްޖޭގެ ޒަކާތު ހައުސް" އެވެ. ދައުލަތުގެ އިދާރާތަކުން ލިޔުއްވާ ސިޓީގައި ނަންބަރު ޖެއްސެވުމުގައި، މޯލްޑިވްސް ޒަކާތު ހައުސްއަށް ލިޔުއްވާ ސިޓީގައި ޖައްސަވާނީ 496 އެވެ.

"މޯލްޑިވްސް ޒަކާތު ހައުސް" ގެ މަސައްކަތްތަކުގެ ތެރޭގައި ޒަކާތް ބަލައިގަތުމުގެ އިންތިޒާމު ހަމަޖެއްސުމާއި، ޒަކާތް ޙައްޤުވާ ފަރާތްތަކަށް ޒަކާތް ދޫކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުން ހިމެނެ އެވެ. މީގެ އިތުރުން ކޮންމެ ހަ މަހަކުން އެއްފަހަރު މުދަލު ޒަކާތުގެ ނިޞާބު އިޢުލާނުކުރުމާއި، ކަމާބެހޭ އިދާރާތަކާ ގުޅިގެން، ފަޤީރުންނާއި މިސްކީނުންގެ ދަފުތަރު އެކުލަވައިލައި އަދާހަމަކޮށް ބެލެހެއްޓުމުގެ މަސައްކަތް ވެސް ހިމެނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.