ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލީހަށް އިއްވަވަމުން ގެންދަވަނިކޮށް ކ. ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ތަޅުމުގައި އަޑުގަދަކުރައްވައިފި އެވެ.

މެމްބަރު ޖާބިރު އަޑުގަދަކުރެއްވި ނަމަވެސް ރައީސް ސޯލިހުގެ ވާހަފުޅު މެދުކަނޑާނުލައްވައި ކުރިޔަށް ގެންދެވި އެވެ.

ރައީސް ވާހަކަދައްކަވަމުން ގެންދެވިއިރު ޖާބިރު އަޑުގަދަކުރައްވައި ވިދާޅުވަނީ ކީކޭ ކަމެއް ސާފެއް ނުވެ އެވެ. ޖާބިރު އަޑުގަދަކުރެއްވުމުން ބައެއް ފަހަރު ރައީސް ހިނިފުޅުވަޑުވަމުންގެންދެވި އެވެ. އަދި އޭނާ އަޑުގަދަކުރައްވަން ފެއްޓެވުމުން ބައެއް ފަހަރު ވާހަކަފުޅު ދައްކަވަން އުނދަގޫފުޅުވާކަން ފާހަގަކުރެވުނެވެ.

މަޖިލިސް ހުޅުވުމަށް ބާއްވާ ހާއްސަ ޖަލްސާ ފެއްޓެވުމުގެ ގޮތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވާހަކަދައްކަވަން ފެއްޓެވުމާއެކު ޖާބިރު އަޑުގަދަކުރައްވަން ފެއްޓެވި އެވެ. އަދި އެ ވަގުތު ރައީސް ނަޝީދު ވެސް ކުޑަކޮށް ހިނފުޅުވެޑުވި އެވެ.

އެހެން އަހަރުތަކާ ހިލާފަށް މިފަހަރުގެ މަޖިލީހުގެ ޖަލްސާގައި އިދިކޮޅު މެމްބަރުން އަޑުގަދަކުރައްވާ ތަނެއް ނުފެނެ އެވެ.