ރަސްމާލެ ތަރައްގީކުރުމަށް ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތްކުރަނީ ދެ ފިޔަވައްސަކަށް ބަހާލައިގެން ކަމަށް އާބަންކޯ އިން ބުނެފި އެވެ.
މާލެ ފުރައިގެން ވިއްސަކަށް މިނެޓުން ދެވޭ ހިސާބުގައި އޮންނަ ބިޔަ ފަޅު ހިއްކުން އިއްޔެ ވަނީ ރަސްމީކޮށް ފަށައިފަ އެވެ. އެ މަޝްރޫއުގެ އަމަލީ މަސައްކަތް ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ.
މި މަޝްރޫއު ޑިޒައިންކޮށް ކުރިއަށްގެންދަނީ މާލެ ސަރަހައްދު ތަރަައްގީކުރާ ސަރުކާރުގެ ކުންފުނި އާބަންކޯއިންނެވެ.
އެ ކުންފުނިން ބުނިގޮތުގައި ރަސްމާލެ ހިއްކުމުގެ މަސައްކަތް ކުރިޔަށް ގެންދަނީ ހުޅުމާލެ ފޭސް 3 އާއި ދިޔަނެރު އަދި ގުޅިފަޅާއި ތިލަފުށި ވެސް ހިއްކި ސްރީލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީ) އާއި ހަވާލުކޮށްގެންނެވެ. އެގޮތުން މި މަޝްރޫއުގެ ދަށުން 1،153 ހެކްޓަރގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު، މި މަސައްކަތް ކުރިއަށް ގެންދެވޭނީ 2 ފިޔަވައްސަކަށް ބަހާލައިގެން ކަމަށް ވެސް އާބަންކޯ އިން ބުންޏެވެ.
ސީއެމްސީއާ ހަވާލުކޮށްގެން ކުރިޔަށް ގެންދާ މި މަޝްރޫއުގެ ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ދުނިޔޭގައި ބިންހިއްކުމުގެ މަސައްކަތުގައި އެންމެ ގާބިލު އަދީ ރާއްޖޭގައި ވެސް މަޝްރޫއުތައް ހިންގަމުންދާ ކުންފުންޏެއް ކަމަށްވާ ބޮސްކާލިސް ވެސްޓް މިނިސްޓަ ކޮންޓްރެކްޓިން ކޮމްޕެނީން ކަމަށް އާބަންކޯ އިން ބުނެ އެވެ. ނަމަވެސް މި މަޝްރޫއު އެ ކުންފުންޏާ ހަވާލުކުރި އަގެއް އަދި މަސައްކަތަށް ހޭދަވާނެ މުއްދަތެއް އާބަންކޯ އިން ހާމައެއް ނުކުރެ އެވެ.
އެ ކުންފުނިން ބުނިގޮތުގައި ރަސްމާލެ ހިއްކަނީ މޫސުމަށް އަންނަ ބަދަލުތަކާއި ރަށްގިރުމުން ސަލާމަތްކުރުމަށް މޫދުގެ ލޮނުގަނޑުން ފެށިގެން 2.5 މީޓަރު އުސްމިނަށެވެ. އަދި މިއީ ހުޅުމާލެ އަށްވުރެ އިތުރު 0.5 މީޓަރު އުސްކޮށް ހިއްކޭ ރަށެކެވެ.
އާބަންކޯ އިން ބުނީ އަންދާސާ ކުރެވޭ ގޮތުން އެ ރަށުގައި 240،000 އަށް ވުރެ ގިނަ މީހުން އާބާދުކުރެވޭނެ ކަމަށެވެ.
"ހަމައެހެންމެ ފުށިދިއްގަރުފަޅު ވެގެންދާނީ، ރާއްޖޭގައި މިހާތަނަށް ހިންގޭ ބޯހިޔާވާހިކަމުގެ އެންމެ ބޮޑު މަޝްރޫއަށެވެ. މިގޮތުން މިއީ ބިމުގެ ބޮޑު މިނަށް ބަލާނަމަ ހުޅުމާލެ ފޭސް ދެ ހިމެނޭހެން، މިއަދު މިއޮތް ހުޅުމާލޭގެ ތިންގުނަ. ގެދޮރުވެރިކަމުގެ އިތުރުން، ފުށިދިއްގަރުފަޅު ޕްލޭންކޮށް ތަރައްގީ ކުރެވިގެންދާނީ ވިޔަފާރިތަކަށާއި އިންޑަސްޓްރިއަލް އެކި ބޭނުންތަކަށް އަދި ޓޫރިޒަމްގެ އެކި ބާވަތްތައް ވެސް ހިމަނައިގެން،" އެ ކުންފުނިން ބުންޏެވެ.