މި ސަރުކާރުން ރާއްޖޭގައި މަރުގެ އަދަބު ތަންފީޒުކުރާނެކަން ހާމަކުރުމުން އެކަމަށް ރައީސް މައުމޫން އަބްދުލްގައްޔޫމް ފާޑުވިދާޅުވެ ކުރެއްވި ޕޯސްޓަށް ގިނަ ބައެއްގެ ނުރުހުން އެމަނިކުފާނަށް އަމާޒުވެއްޖެ އެވެ.
މި ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެކަން އިއުލާނު ކުރެއްވީ އިއްޔެ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޯމް ލޭންޑް މިނިސްޓަރު އަލީ އިހުސާން އެވެ.
"އަޅުގަނޑުމެން އެކަމާ ގުޅޭ ގޮތުން ކުރަންޖެހޭ ކަންކަން އަދި ބަލަންޖެހޭ ކަންކަން ބަލާފައި ދިވެހިރާއްޖޭގެ ގާނޫނާއި ގަވާއިދާއި އިމުގެ ތެރޭގައި އެކަން ކުރާނަން،" މިނިސްޓަރު އިހުސާން ވިދާޅުވި އެވެ.
އެ ވާހަކައަށް ފާޑުވިދާޅުވެ ކުރީގެ ރައީސް މައުމޫން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ތަރައްގީގެ އުސް ލަނޑުދަނޑިއެއް ކަމެއް ނުދެނަހުރި ކަމަށާއި މާފު ކުރުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ގައުމީ ތަރައްގީގެ އުސް ލަނޑުދަނޑި އެއް ކަމެއް ނުދެނަހުރިން. ވަރަށް މާފު،" 30 އަހަރުގެ ދިގު ވެރިކަމެއް ކުރެއްވި މައުމޫން ވިދާޅުވި އެވެ.
މިޕޯސްޓާއެކު ރައީސް މައުމޫނަށް ކިޔަބައެއްގެ ފާޑުކިޔުން އަމާޒުވި އެވެ. މީގެ ތެރޭގައި ދީނީ އިލްމުވެރިން ވެސް ހިމެނެ އެވެ.
އޭގެތެރެއިން ބައެއް މީހުންގެ ޕޯސްޓުތަކުގައި ބުނެފައި ވަނީ މިހާރު މިއޮތް ވަރަށް ރާއްޖޭގައި މީހުން މެރުން އާންމުވެފައި މިއޮތީ ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރާތީ ކަމަށާއި މިތަނުގައި 30 އަހަރު ވެރިކަން ކުރެއްވިއިރު ވެސް އެކަން ނުކުރައްވައި އޮތުމުން މައުމޫންގެ ޒިންމާއެއް ވެސް އެކަމުގައި އެބަ އޮތް ކަމަށެވެ.
ޖަމިއްޔަތުއްސަލަފުގެ ރައީސް އަދި ދީނީ އިލްމުވެރިޔާ އައްޝައިހް އަބްދުﷲ ބުނު މުހައްމަދު އިބްރާހިމް ވިދާޅުވި ގޮތުގަައި ބައެއް މީހުން ގުރުއާން ކިޔަވާން ދަތަސް އެއަށް އީމާން ނުވެ ތިބޭކަން އެ މީހުންގެ ވާހަކަތަކުން ހާމަވެގެންދާ ކަމަށެވެ. އަދި މައުމޫނަށް ރައްދު ދެއްވާ ވިދާޅުވީ ކީރިތި ގުރުއާނަކީ އިންސާނުން ތަހުޒީބުކޮށް ދުނިޔެ އަމާންކޮށް ނަފްސުތައް ތާހިރުކޮށް ދިނުމަށް މާތްﷲ ބާވައިލެއްވި ފޮތެއް ކަމަށެވެ.
ޝެއިހް ޝަފީއު ވިދާޅުވި ގޮތުގައި ރައީސް މައުމޫނު ޒަމާނުން ފެށިގެން ރާއްޖޭގައި މަރަށް މަރު ނުހިފާ ހުއްޓާ މިހާރު މީހެއްގެ މަރަކީ މަދިރިއެއްގެ މަރާ އެއްފަދަ ކަމަކަށް ވަނީ ވެފަ އެވެ. އަދި އެކަމަށް ވުރެ ބޮޑަށް ތަރައްގީ އަށް އޮތް އިތުރު ހުރަހެއް ނެތް ކަމަށް ވިދާޅުވި އެވެ.
ޝެއިހް ނިޝާން ވެސް ވަނީ ރައީސް މައުމޫނަށް ރައްދު ދެއްވައިފަ އެވެ. ނިޝާން ވަނީ އިސްލާމިކް މިނިސްޓްރީ އާއި ފަތުވާ ކޮމިޓީއަށް އެ މައްސަލަ ބަލައި ފަތުވާ ނެރެ ދީނުގެ ހުކުމްތަކަށް ފާޅުގައި އިންކާރު ކުރާ ފަރާތްތަކަށް ފިޔަވަޅު އެޅުމަށް ގޮވާލައިފަ އެވެ.
ރައީސް މައުމޫން ކުރެއްވި ޕޯސްޓާ ގުޅިގެން އާންމުންގެ ނުރުހުން އަމާޒުވުމުން ފަހުން ވަނީ މަރުގެ ހުކުމަކީ އިސްލާމީ ޝަރީއަތުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއްގެ މަތިން ކުރަން އޮންނަ ކަމެއް ކަމަށް ވިދާޅުވެ އިތުރު ޕޯސްޓެއް ކުރައްވައިފަ އެވެ. އެ ޕޯސްޓުގައި މައުމޫން ވަނީ މަރުގެ ހުކުމާ ގުޅޭ ލިޔުމެއް މިއަދު އާންމު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒު ކުރީ މީގެ 70 އަހަރު ކުރިން 1953 ވަނަ އަހަރެވެ. މަރުގެ ހުކުމް ތަންފީޒު ކުރެވުނީ ހަކީމް ދީދީގެ މައްޗަށެވެ. އޭނާގެ މައްޗަށް ސާބިތުވީ ސިހުރު ހަދައި، ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ އަށް އެރުވި ކަމުގެ ކުށެވެ. ހުކުމް ކުރެއްވީ އަބްދުﷲ ޖަލާލުއްދީނެވެ.
މައުމޫނުގެ ބަހައްވުރެ މަރުގެ ހުކުމަަބެހޭގޮތުން ގުރުއާނުގަބަސް ސައްހަނުވެދާނެކަމައް ދެކޭ ބަޔަކު މިރާއްޖޭގަ ތިބީތޯ