އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބަރައިޓަން އަތުން 1-0 އިން ލިވަޕޫލް އަމިއްލަ ދަނޑު ބަލިވެއްޖެ އެެވެ.

މިއީ ލިވަޕޫލް އަމިއްލަ ދަނޑުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އޭގެ ކުރިން ލިވަޕޫލުން ވަނީ އަމިއްލަ ދަނޑުގައި ބަލިނުވެ 68 މެޗު ހަމަކޮށްފަ އެވެ.

މެޗުގެ 56 ވަނަ މިނިޓުގައި ބްރައިޓަން އަށް ލަނޑު ޖަހައިދިނީ ސްޓީވަން އަލްޒާޓޭ އެވެ. ލިވަޕޫލް އަމިއްލަ ދަނޑުގައި އެންމެ ފަހުން މޮޅުވީ މިދިޔަ އަަހަރުގެ ޑިސެމްބަރު މަހު އެވެ. އަދި މިއީ 1984 ވަނަ އަހަރުގެ ފަހުން، އަމިއްލަ ދަނޑުގައި ލަނޑެއް ނުޖެހި ޖެހިޖެހިގެން ތިން މެޗު ލިވަޕޫލުން ނިންމާލި ފުރަތަމަ ފަހަރެވެ.

މި ނަތީޖާޢާއެކު، ތާވަލްގެ އެއްވަނައިގައި އޮތް މެންޗެސްްޓާ ސިޓީ އާއި ލިވަޕޫލާ ދެމެދު އޮތް ފަރަގު ވަނީ ހަތް ޕޮއިންޓަށްވެފަ އެވެ. ލިވަޕޫލް މިހާރު އޮތީ ތާވަލްގެ ހަތަރު ވަނައިގަ އެވެ.

ލިވަޕޫލްގެ ކޯޗު ޔާގަން ކްލޮޕް ބުނީ މި މެޗުގައި ނިކުތް ނަތީޖާއާމެދު ހިތްހަމަނުޖެހޭ ކަމަށާއި ޓީމުގެ ކުޅުން ވެެސް ރަނގަޅުކުރަންޖެހޭ ކަމަށެވެ.

"ކުޅުންތެރިންނަށް ދިމާވި މައްސަލަތައް ހޯދައި، އެކަން ހައްލުކުރަންޖެހޭ،" ކްލޮޕް ބުންޏެެވެ.

ބްރައިޓަން އަށް މިއީ މުހިންމު މޮޅެކެވެ. ލީގުގައި އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި ވެސް ބަލިނުވެ އޮތް ބްރައިޓަން ވަނީ ރެލިގޭޝަން ޒޯނާގައި އޮތް ޓީމުތަކާދެމެދު އޮތް ފަރަގު 10 ޕޮއިންޓަށް ބޮޑުކޮށްފަ އެވެ.

ލީގުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާލާއިރު، ބާންލީ އަތުން 2-0 އިން މެންޗެސްޓާ ސިޓީ މޮޅުވި އެވެ. ފުލަމް އަަތުން ލެސްޓާރ ސިޓީ 2-0 އިން މޮޅުވިއިރު، ލީޑްސް އަތުން އެވަޓަން މޮޅުވީ 2-1 އިންނެވެ. ވެސްޓް ހޭމް ވަނީ އެސްޓަން ވިލާ އަތުން ރަށުން ބޭރުގައި 3-1 އިން މޮޅުވެފަ އެވެ. – ބީބީސީ