މާފުށި ޖަލުގައި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލެއް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނެފި އެވެ.

މޯލްޑިވްސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗް އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގައިދީން ހަޅުތާލު ކުރަން ފެށިތާ މިއަދަށް ތިން ދުވަސް ވެފައިވާ ކަމަށާއި އެ ހަޅުތާލު ހިންގަން ފެށީ ޖަލުގެ ޔުނިޓް 10 ގައި ތިބި ފަސް ގައިދީއަކާ މެދު މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ތަފާތު ކުރަމުންދާތީ ކަމަށެވެ.

ކަރެކްޝަންސް އިން ބަހައްޓާ ތަފާތު ކުރުންތަކުގެ ތެރޭގައި ގައިދީންނަށް ކަނޑައެޅިފައިވާ ވަގުތުގައި ބޭރަށް ނިކުތުމުގެ ފުރުސަތު ނުދިނުން ހިމެނެ އެވެ. ހަމައެއާއެކު އުސޫލާ ހިލާފަށް ގައިދީން އެކަހެރިކޮށް ވަކި ގޮޅިތަކެއްގައި ބަންދު ކުރާ ކަމަށް ވެސް ހިއުމަން ރައިޓްސް އެންޑް ޑިޓެއިނީ ވޮޗްއިން ބުނެ އެވެ.

މިކަމާއި ގުޅިގެން ކަރެކްޝަންސް މީޑިއާ އޮފިޝަލަކު ވިދާޅުވީ މާފުށި ޖަލުގައި ތިބި ގައިދީން ޖަލުން ދޭ ކާނާ ނުކާ ކަމަށާއި ނަމަވެސް ޖަލުގައި ގައިދީންނަށް ހާއްސަކޮށްފައިވާ ފިހާރައިން އެއްޗެހި ގަނެގެން ކާ ކަމަށެވެ. އަދި މި މައްސަލައިގައި ގައިދީން ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައި ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.

އަދި ހަޅުތާލު ހިންގަމުން ދަނީ އެއް ޔުނިޓެއްގައި ތިބި ފަސް ވަރަކަށް ގައިދީން ކަމަށް ވެސް ކަރެކްޝަންސް އިން ބުނެ އެވެ.

މީގެ ކުރިންވެސް މާފުށި ޖަލުގައި ތިބޭ ގައިދީން މިފަދަ ހަޅުތާލުތައް ހިންގާފައި އެބަ ހުއްޓެވެ. ގައިދީންގެ ކަންބޮޑުވުންތައް ހިއްސާކުރުމަށް މިގޮތަށް ހިންގާ ހަޅުތާލުތަކުގައި ހަމަނުޖެހުން ހިންގާފައިވާ ފަހަރުތައް ވެސް މީގެ ކުރިން ވަނީ ފެނިފަ އެވެ.