އިޒްރޭލާއި ހަމާސް ޖަމާއަތާ ދެމެދުގައި ކުރިއަށްދާ ހަނގުރާމައިގެ ސަބަބުން ހާލުގައި ޖެހިފައި ތިބި ޣައްޒާގެ ރައްޔިތުންނަށް އިންސާނީ އެހީ ފޯރުކޮށް ދިނުމަށް ގޮވާލައި އދ. ގެ ސެކިއުރިޓީ ކައުންސިލުން ފާސްކުރި ގަރާ އެއްގޮތަށް ކުރިއަށް ދެވޭނީ ހަމަލާތައް ހުއްޓުވައިގެން ކަމަށާއި ހަމަލާތައް ދޭހާ ހިނދަކު އެހީ ފޯރުކޮށް ނުދެވޭނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިސްރާއީލުން ދޭ ހަމަލާތަކުގެ ސަބަބުން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ އިންސާނީ އެހީތެރިކަމުގެ ސާމާނު އެތެރެ ކުރެވޭނެ މަގު ފަހިކޮށްދިނުމަށް ގޮވާލައި އދ. ގެ ސަލާމަތީ މަޖިލީހުން އިއްޔެ ފާސްކުރި ގަރާރަކީ ރަނގަޅު މަގަށް އެޅޭ ފިޔަވަޅެއް ކަމަށެވެ.
އެކަމަކު، ފަލަސްތީނުގެ ރައްޔިތުން މެދުކެނޑުމެއް ނެތި އިސްރާއިލްގެ ހަމަލާތަކާ ކުރިމަތިލާން ޖެހިފައިވާ އިރު، އެ ހަމަލާތަކުގެ ތެރެއިން ފަލަސްތީނުގެ ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
އދ. ގެ ގަރާރާ އެއް ގޮތަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދެވޭނެ މާހައުލެއް ގާއިމުކޮށްދީ، ހަމަލާތައް ހުއްޓުވުމަށް ނެގެން އޮތް އެންމެ ހަރުދަނާ ފިޔަވަޅުތައް އަޅައިދިނުމަށް ބައިނަލްއަގުވާމީ މުޖުތަމައުން މަސައްކަތް ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އިން އދ. ގެ ސެކިއުރިޓީ ކައުންސިލަށް ހުށަހެޅި ގަރާރު ފާސްކޮށްފައި ވަނީ 13 ގައުމެއްގެ ވޯޓާ އެކުގައެވެ. މި ގަރާރަށް ވޯޓަށް އެހުމުން އެމެރިކާ އާއި ރަޝިއާ އިން ވަކި ގޮތަކަށް ވޯޓު ދީފައި ނުވެ އެވެ. އެކަމަކު، މި ގަރާރު ފާސްކޮށްފައި ވަނީ އެމެރިކާ އިން ބޭނުންވާ ގޮތަށް، ބަދަލުތައް ގެނެސްގެންނެވެ.
ޔޫއޭއީން އެންމެ ފުރަތަމަ ހުށަހެޅި ގަރާރުގައި ވަނީ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ހިންގަމުންދާ ލާއިންސާނީ އުދުވާންތައް ހުއްޓާލުމަށެވެ. އެ ގަރާރުން އެ ބައި އުނި ކުރިއިރު، ގަރާރުގައި އޮތީ އިސްރާއީލާއި ފަލަސްތީނާ ދެމެދު ކުރިއަށްދާ ހަނގުރާމަ ހުއްޓާލުމަށް މަސައްކަތް ކުރެވޭނެ މާހައުލެއް ގާއިމު ކުރުމަށެވެ.