ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ބޭންކު އެކައުންޓްތައް ފްރީޒް ކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމެއް މާދަމާ އަށް ތާވަލްކޮށްފި އެވެ.

ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހެޅި އެ މައްސަލައިގެ އަޑުއެހުން ތާވަލްކޮށްފައި ވަނީ މާދަމާ 10:00 އަށެވެ.

އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ވަނީ 2019 ވަނަ އަހަރުގެ މާޗް މަހުގެ 31 ވަނަ ދުވަހު ބާތިލް ކޮށްފަ އެވެ. އެއާ އެކު އެ އަމުރު ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރި އެވެ.

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒްކޮށްފައި ވަނީ ރައީސް ކަމުގައި ހުންނަވައިގެން އެމަނިކުފާނު ގާނޫނާ ޚިލާފަށް މާލީ މުއާމަލާތްތަކެއް ހިންގެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެންނެވެ.

އެ މަނިކުފާނުގެ އެކައުންޓްތައް ފްރީޒް ކުރިކަން ފުލުހުން ހާމަކުރީ 2018 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެވެ.

ފުލުހުން ބުނިގޮތުގައި އޭރު އެމަނިކުފާނުގެ އެކައުންޓުގައި 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ހުއްޓެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެފައި ވަނީ ރައީސް ޔާމީންގެ އެކައުންޓް ފްރީޒް ކުރީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ދިމާކޮށް ޕީޕީއެމްގެ ކެމްޕޭނަށް ހުރަސް އެޅުމުގެ ގޮތުންނެވެ. އަދި މިހާރު ވެސް އެ އެކައުންޓް ފްރީޒް ކުރަން އުޅެނީ ކުރިއަށް އޮތް ކައުންސިލް އިންތިޚާބާއި އެ ނޫން ވެސް ސިޔާސީ ހަރަކާތްތައް ހިންގިޔަ ނުދޭން ކަމަށް އިދިކޮޅު ކޯލިޝަނުން ތުހުމަތުކުރެ އެވެ.