ޖެރޫސަލާމް (4 ފެބްރުއަރީ) - އިޒްރޭލުގެ 60 އަހަރުން މަތީ މީހުންނަށް ވެކްސިން ދޭން ފެށުމުން އެ އުމުރު ފުރައިގެ މީހުންނަށް ކޮވިޑް ޖެހޭ މިންވަރު މަދުވެއްޖެ ކަމަށް ބުނެފި އެވެ.

އިޒްރޭލުގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ މިހެން ވިދާޅުވީ އިޒްރޭލުގައި މިހާރު އިއުލާން ކޮށްފައިވާ ލޮކްޑައުން އިތުރަށް ދަންމާލުމަށް ފެނޭތޯ ބެލުމަށް ބޭއްވި މަޝްވަރާ ބައްދަލުވުމެއްގަ އެވެ.

ބޮޑުވަޒީރު ވިދާޅުވީ އިޒްރޭލުގެ 60 އަހަރުން މަތީ މީހުންނަށް ވެކްސިން ދޭން ފެށި ފަހުން ސީރިއަސް މައްސަލަތަކުގައި ހޮސްޕިޓަލްގައި އެޑްމިޓް ކުރަންޖެހުނު މީހުންގެ މިންވަރު 26 ޕަސެންޓް ދަށްވެފައިވާ ކަމަށެވެ. އަދި މި އުމުރުގެ މީހުން ކޮވިޑަށް ޕޮޒިޓިވްވި މިންވަރު 45 ޕަސެންޓް ދަށްވެފައިވާ ކަމަށާއި މިއީ ވެކްސިން ދޭންފެށުމުގެ ސަބަބުން ފެނުނު ނަތީޖާކަމަށް ނަތަންޔާހޫ ވިދާޅުވި އެވެ.

ބޮޑުވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ކޮވިޑް ޖެހިގެން އިޒްރޭލުން މަރުވި މީހުންގެ ތެރެއިން 95 ޕަސެންޓް މީހުންނަކީ އުމުރުން 60 އަހަރުން މަތީ މީހުންނެވެ.

އިޒްރޭލުން ވަނީ އެ ގައުމުގެ ރައްޔިތުންނަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް މިދިޔަ އަހަރު ޑިސެންބަރު މަހުގެ 19 ވަނަ ދުވަހު ފަށައިފަ އެވެ. އަދި މިއަހަރުގެ މާޗް މަސް އަންނަން ވާއިރަށް އެގައުމުގެ ނުވަ މިލިއަން މީހުންގެ އާބާދީގެ 50 ޕަސެންޓް މީހުންނަށް ވެކްސިން ދިނުމަށް ވަނީ އަމާޒު ހިފާފަ އެވެ.

މިހާތަނަށް ވެކްސިން ދެވިފައި ވަނީ އާބާދީގެ 35 ޕަސެންޓް މީހުންނަށް ކަމަށް އިޒްރޭލު ސަރުކާރުން ބުންޏެވެ.

އިޒްރޭލުގެ ހެލްތް މިނިސްޓްރީން ބުނިގޮތުގައި އެ ގައުމުގެ 60 އަހަރުން މަތީ މީހުންގެ 84 ޕަސެންޓް މީހުންނަށް މިހާރު ވަނީ ފައިޒާ ވެކްސިން ދެވިފަ އެވެ.

އިޒްރޭލް ވެގެން ގޮސްފައިވަނީ މުޅި ދުނިޔޭގައި ވެސް އާބާދީގެ ނިސްބަތުން މިހާތަނަށް އެންމެ ގިނަ މީހުންނަށް ވެކްސިން ދިން ގައުމުކަމަށް ވެކްސިންގެ ކަންކަން ބަލަމުން އަންނަ ވަން ވޯލްޑް އިން ޑޭޓާ ވެބްސައިޓުން ބުންޏެވެ. – ސްޓްރެއިޓް ޓައިމްސް