ޑައިރެކްޓަރު އިލްޔާސް ވަހީދު (އިއްލެ)ގެ އައިފިލްމްސް ޕްރޮޑަކްޝަނުން އުފައްދާ ތިންވަނަ ފީޗާ ފިލްމު "ކަންބަޅި" އަންނަ އަހަރުގެ ފެބުރުއަރީގައި ރިލީޒް ކުރުމަށް ނިންމައިފި އެވެ.

"ކަންބަޅި"ގެ ޓްރެއިލާ ބެލުންތެރިންނަށް ދޫކޮށްލާފައިވާއިރު މި ފިލްމު އޮލިމްޕަހުގައި ރިލީޒް ކުރުމަށް ނިންމާފައިވަނީ އަންނަ އަހަރުގެ ފެބުރުއަރީ މަހުގެ 1 ވަނަ ދުވަހު އެވެ. މިއީ އަންނަ އަހަރު ބެލުންތެރިންނަށް ގެނެސްދޭ ދެވަނަ ފިލްމެވެ.

އަންނަ އަހަރު ސިނަމާއަށް އަންނަ ފުރަތަމަ ފިލްމަކީ އަޒްހާން އިބްރާހީމް ލިޔެ، ޑައިރެކްޓްކޮށް ޖެނުއަރީ 6 ގައި ޕްރީމިއާކުރަން ތައްޔާރުވަމުން އަންނަ އަސަރު ގަދަ ލޯބީގެ ފިލްމު "މީ އިޝްގް" އެވެ.

"ކަންބަޅި" އަކީ އިލްޔާސް ވަހީދު (އިއްލެ) ލިޔެ އޭނާ އާއި އެކްޓަރު އިފްނާޒް ފިރާގު ގުޅިގެން ޑައިރެކްޓްކުރާ ފިލްމެކެވެ. އިއްލެގެ ފުރަތަމަ ފީޗާ ފިލްމު 2019 ގެ "ބަވަތި" ގެ ބަތަލުގެ ރޯލު ކުޅުނު އިފްނާޒް ވެސް ރޯލަކުން ފެންނާނެ "ކަންބަޅި" ގެ ކާސްޓްގައި ނުޒުހަތު ޝުއައިބް (ނުޒޫ)، ރަވީ ފާރޫގް، ވާޝިޔާ، މުހައްމަދު، ޝަރަފު އަބްދުﷲ އަދި ތާތި ހިމެނެ އެވެ.

"ކަންބަޅި" އިއުލާންކޮށް، ޝޫޓިން ފެށީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގަ އެވެ.

https://www.youtube.com/watch?v=AKeueXnReB8

ބެލުންތެރިން މިހާރު ވަރަށް އިތުބާރުކުރާ ޑައިރެކްޓަރެއްގެ ގޮތުގައި ފާހަގަކޮށްލެވޭ އިއްލެ މި އަހަރު ދެ ފިލްމެއް ބެލުންތެރިންނަށް ގެނެސްދިނެވެ. އެއީ ކްރައިމް ތުރިލާ "ނީނާ" އާއި ބްލެކް ކޮމެޑީ "ފްރީ ޑެލިވަރީ" އެވެ.