ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ)ގައި ހުންނަ ޓޫރިޒަމް މިނިސްޓްރީގެ ކައުންޓަރު ބަންދުކޮށް މުވައްޒަފުން މަގުމަތިކޮށްލަން އެ މިނިސްޓްރީން ނިންމައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީގެ ކައުންޓަރު ހުންނަނީ ރިސޯޓުތަކުގެ ކައުންޓަރުތައް ހުންނަ އެއާޕޯޓުގެ އެރައިވަލް ހޯލުގެ ކުރިމަތީގަ އެވެ. އެތަނުގައި މީގެ ކުރިން 8 މުވައްޒަފުން މަސައްކަތްކުރި ނަމަވެސް ކޮންޓްރެކްޓް ހަމަވާ މުވައްޒަފުންގެ ކޮންޓްރެކްޓް އާ ނުކުރާތީ މިހާރު މަސައްކަތްކުރަނީ ހަތަރު މުވައްޒަފެކެވެ.
އެއާޕޯޓުގައި މަސައްކަތްކުރާ އޮފިޝަލަކު "ހުރިހާ"އަށް ވިދާޅުވީ އެތަނުގައި މަސައްކަތްކުރާ ހަތަރު މުވައްޒަފުންގެ ކޮންޓްރެކްޓްގެ މުއްދަތު ހަމަވުމުން އާ ނުކުރަން ޓޫރިޒަމް މިނިސްޓްރީން ނިންމާފައިވާ ކަަމަށް އެނގިފައިވާ ކަމަށެވެ. ނަމަވެސް އެކަން ރަސްމީކޮށް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"މިތަނުގައި ހުންނަ ކައުންޓަރު ބަންދުކޮށް މުވައްޒަފުން ގެއަށް ފޮނުވާލަން ނިންމާފައިވާ ކަމަށް އެނގިފައި ވަނީ. މި ކައުންޓަރު މިތަނުގައި ހުރުމަކީ ރާއްޖެއަށް ޓޫރިސްޓުންގެ އެކިއެކި ކަންކަން ހައްލުކުރަން ވަރަށް މުހިންމު ކަމެއް،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ އެއާޕޯޓުގައި ހުންނަ އެތައް އަހަރެއްވީ ކައުންޓަރު އުވާލަން ނިންމައިފި ނަމަ ރާއްޖެއަށް އަންނަ ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން ޓޫރިޒަމް މިނިސްޓްރީގެ އެއްވެސް ރޯލެއް އަދާކުރެވޭނެ ގޮތެއް އެއާޕޯޓުގައި ނުހުންނާނެ ކަމަށެވެ.
"މިތަނަށް އަންނަނާނެ ޓޫރިސްޓް ޕޮލިހުންނަށް ހުށަހަޅާ މައްސަލަތައް ހައްލުކުރަން. އެއާލައިންތަކުން ޓޫރިސްޓުންނަށް ދިމާވާ މައްސަލަތައް ހައްލުކުރަން. މިނޫން ވެސް ޓޫރިސްޓުންނާ ގުޅުން ހުރި އެތައް ކަމެއް މިތަނަށް އައުމުން އަޅުގަނޑުމެން ހައްލުކޮށްދީފައިވާނެ،" އެ އޮފިޝަލް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓޫރިޒަމަށް ބަރޯސާވެފައިވާ ރާއްޖެ ކަހަލަ ގައުމެއްގެ މައި ދޮރާށީގައި ޓޫރިޒަމް މިނިސްޓްރީގެ ކައުންޓަރެއް ނުބަހައްޓާ ގޮތަށް ނިންމުމަކީ މި އިންޑަސްޓްރީއާ މެދު އިހުމާލުވުން ކަމަށެވެ. އަދި މިއީ ހިތާމަކުރަން ޖެހޭ ކަމެއް ކަމަށް ވެސް އެ އޮފިޝަލް ވިދާޅުވި އެވެ.
ރާއްޖޭ މިދަނީ ބަނގުރޫޓުވުމާއި ދިމާލަށް. ފުރަތަމަވެސް ދިމާކުރީ ރާއްޖެއަންނަ ޕެސެންޖާރ ލައިންތަކަށް، މިހާރު އެދިމާކުރަނީ ރާއްޖެއަންނަ ޓޫރިސްޓުންނަށް ދަތިކުތަން. ގައުމު ހިންގަން މިހިރީ ހިސާބު ޓީޗަރ އަދުރޭ