ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި މިހާތަނަށް ފެންބޮޑުވެގެން މާލެގެ އިތުރުން ފަސް ރަށަކުން ރިޕޯޓުކޮށްފައިވާ ކަމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ.

ވިއްސާރައިގެ ސަބަބުން ގެއްލުން ލިބުނު ރަށްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތަކާ ބެހޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދިނުމަށް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެންޑީއެމްއޭގެ ޗީފް އެގްޒެކެޓިވް ހިސާން ހަސަން ވިދާޅުވީ، ހޮނިހިރު ދުވަހުގެ މެންދަމުން ފެށިގެން މާލެއަށާއި، އަތޮޅުތަކުގެ އެކި ސަރަޙައްދުތަކަށް ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، އެކި ވަރުގެ ގެއްލުންތައް ލިބިގެން އެ އޮތޯރިޓީއަށް ރިޕޯޓްތައް ލިބިފައިވާ ކަމަށެވެ. އެގޮތުން މިހާތަނަށް މާލޭގެ އިތުރުން އަތޮޅުތަކުން 5 ރަށަކުން ފެންބޮޑުވެގެން ރިޕޯޓްކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން މިހާތަނަށް އެންޑީއެމްއޭއަށް ރިޕޯޓްކޮށްފައިވާ ރަށްތަކުގެ ތެރޭގައި ލ. ފޮނަދޫ، ލ. ގަން، ފ. ނިލަންދޫ، ކ. ކުރައިދޫ، ކ. ހުރާ ހިމެނެއެވެ. އަދި ކ. ހިންމަފުށްޓާއި، ބ. ގޮއިދޫއިންވެސް ވިއްސާރައިގެ ސަބަބުން ގެއްލުން ލިބި ރިޕޯޓްކޮށްފައިވާ ކަމަށް ހިސާން ވިދާޅުވި އެވެ.

އިއްޔެ ކުރި ވިއްސާރާގައި މާލެގައި ފެންބޮޑުވެފައި

އަތޮޅުތަކުން ލިބުނު ރިޕޯޓްތަކުގެ އިތުރުން ވިއްސާރައިގެ ސަބަބުން ދެންމެ އެންމެ ބޮޑު ގެއްލުމެއް ލިބިފައިވަނީ މާލެއަށްކަން ފާހަގަކުރައްވާ، މާލޭގެ 140 ގެގަޔަކަށް ފެންވަދެ އެކިވަރުގެ ގެއްލުންތައް ލިބިފައިވާކަމަށް ހިސާން ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން 11 ގެއެއްގެ 54 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ހަމަޖައްސާދީފައިކަމަށް ހިސާން ވިދާޅުވި އެވެ.

ހިސާން ވިދާޅުވީ، މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގޭބިސީތަކުގެ މައުލޫމާތު އެއްކޮށް، ލިބިފައިވާ ގެއްލުންތަކުގެ އެސެސްމަންޓްތައް ހަދާ، ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން މާލީ އެހީ ފޯރުކޮށްދިނުމުގެ މަސައްކަތް އެންޑީއެމްއޭއިން ކައުންސިލްތަކާ ގުޅިގެން ކުރަމުންދާނެ ކަމަށެވެ.

ވިއްސާރައިގައި ގެއްލުން ލިބުނު ބައެއް ގެތަކަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް އިއްޔެގެ އިރުއޮއްސުނު ވަގުތު ވަނީ ވަޑައިގެން އެ ތަންތަނާއި މީހުންގެ ހާލަތު ބައްލަވާލައްވައިފަ އެވެ.